އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ފުނޑާލަން، އެމެރިކާއާއި އިސްރާއީލު ތައްޔާރުވަނީ

ޓްރަމްޕް އަދި ނަތަންޔާހޫ

ވޮޝިންޓަން (14 ޑިސެމްބަރު 2024): އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމާއެކު އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއްދީ އެތަންތަން ފުނޑާލަން އިސްރާއީލު ރާވަމުންގެންދާކަމަށް ޔަހޫދީ ނޫހެއްކަމަށްވާ "ޔަދިއޮތު އަހްރަނޮތު" ބުނެފިއެވެ.

އެނޫސް ބުނާގޮތުން އިސްރާއީލު ރާވަމުންގެންދާ މި އޮޕަރޭޝަނަކީ ބޮޑު އަދި ނުރައްކާތެރި އޮޕަރޭޝަނެކެވެ. ނަތަންޔަހޫ ބޭނުންވަނީ އެމެރިކާވެސް ބައިވެރިވާގޮތަށް އެމެރިކާގެ އެހީއާއެކު އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާ ދިނުމަށެވެ. އެއީ އެމެރިކާގެ ބައިވެރިވުންނެތި އީރާނުގެ ނިއުކްލިޔާ ހުރިހާ ސައިޓްތަކެއް ހަލާކުކޮށްލުމަކީ ކުރެވޭނެ ކަމެއްކަމަށް ޚުދު އިސްރާއީލަށްވެސް ގަބޫލު ނުކުރެވޭތީ ކަމަށް "ޔަދިއޮތު އަހްރަނޮތު" ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގައި ހިމެނޭ ޔުރޭނިޔަމް ފައްކާކުރާ ލެބޯޓްރީތަކާއި ނިއުކްލިޔާ ރީސާޗް މަރުކަޒުތައްފަދަ ހައްސާސް ސައިޓްތައް ހުންނަކަމަށްވަނީ ފަރުބަދަތަކުގެ އަޑިންވެސް އެތަށް ސަތޭކަ މީޓަރެއް ފުނުގައެވެ. ކިތަންމެ ވަރުގަދަ ހަމަލާތަކަކުންވެސް މިތަންތަނަށް އެއްކޮށް ހަލާކުކޮށްލުމަކީ ކުރެވޭނެ ކަމެއްނޫންކަމަށް ޖާސޫސީ އެތަށް ރިޕޯޓެއް ބުނެއެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހުރި ތަންތަން ދައްކައިދޭ ޗާޓެއް

ނަމަވެސް ފަރުބަދަތައް ގޮއްވާލާ ބާވަތުގެ ބާރުގަދަ ބޮންތައް ވަރަށް އިންޓެންސިވްކޮށް ބޭނުންކޮށްފިނަމަ ބައެއް ސައިޓްތަކަށް ގެއްލުންތައް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

އީރާނަކީ ބިމުގެ ސައިޒްގެ ގޮތުން ގާތްގަނޑަކަށް 1.7 މިލިޔަން އަކަ ކިލޯމީޓަރުގެ ބިޔަ ގައުމަކަށްވާއިރު އީރާނުގެ ނިއުކްލިޔާ ހައްސާސް ސައިޓްތައް ހުންނަނީ އެކަމުގެ އެކި ކަންކޮޅުތަކުގައިވާ ފަރުބަދަތަކުގެ އަޑީގައި އެއްސަރަހައްދެއްގައި ނޫންކަމަށްވެސް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ.

މިއީ އީރާނުގެ ނިއުކްލިޔާ ޙައްސާސް ސައިޓްތައް އެއްފަހަރާ ހަލާކުކޮށްލަން އިންތިހާއަށް ދަތިވާނެ މައިގަނޑު ސަބަބު ކަމަށް ތަޖުރިބާކާރުން ދެކެއެވެ. އަނެއްކޮޅުން އީރާނުގެ ބަލިސްޓިކް މިސައިލްފަދަ ސްޓްރެޓީޖިކް ހަތިޔާރުތަކުގެ މުހިއްމު މަރުކަޒުތައްވެސް ހުންނަކަމަށްވަނީ ބިމުއަޑީގެ ބިންގަރާސްތަކުގައެވެ.

އަނެއްކޮޅުން އީރާނަށް އިސްވެ ހަމަލާދޭ ކޮންމެ ފަރާތަކަށް ވެންދެނިވި ރައްދު ހަމަލާތައް ދިނުމުގެ ވަރަށް ބޮޑު ގާބިލްކަންވެސް އީރާނަށް ލިބިފައިވާކަމަށް އެފަރާތްތަކުން ދެކެއެވެ. ދާދިފަހުން އީރާނުން އިސްރާއީލަށް ދެފަހަރެއްގެ މަތިން ދިން ހަމަލާތަކުންވެސް އީރާނުން ރޮކެޓް ސައެންސާއި މިސައިލް އަދި ޑްރޯން ޓެކްނޮލޮޖީ ތަރައްގީކޮށްފައިވާ މިންވަރު އެނގިފައިވެއެވެ.

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ދެއްވި ބަޔާނެއްގައި ޣައްޒާއާއި ޔުކްރެއިން ހަނގުރާމަ ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ ވަނީ ވާހަކަ ދައްކަވާފައެވެ. އީރާނާބެހޭގޮތުން ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނާދެކޮޅަށް ކޮންމެ ކަމެއް ކުރަންވެސް ފަސްޖެހި ވަޑައިނުގަންނަވާނެ ކަމުގައެވެ.

ނަމަވެސް އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަން ގަސްދު ކުރައްވަންތޯ މުރާސިލަކު ކުރެއްވި ސުވާލަށް ޓްރަމްޕް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި އީރާނަށް ސީދާގޮތެއްގައި ހަމަލާދިނުމުގެ ރޭވުމެއް ރާވަމުން ގެންދާކަން ހާމަކުރަން ޓްރަމްޕްވަނީ ފަސްޖެހި ވަޑައިގެންފައެވެ.

މިއާއެކުވެސް އެމެރިކާގެ ނޫހެއްކަމަށްވާ "ވޯލް ސްޓްރީޓް ޖާނަލް' ބުނާގޮތުން އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ފުނޑާލުމަށް ދޭނެކަމަށް ބެލެވޭ ހަމަލާތަކުގައި އެމެރިކާ ބައިވެރިވުމަކީ ޓްރަމްޕް ކުރައްވަފާނެ ކަމެކެވެ. މިކަމާބެހޭގޮތުން ސީދާ ގޮތެއްގައި ޓްރަމްޕް އެއްޗެކޭ ވިދާޅުވެފައި ނުވިނަމަވެސް މިކަމަށް ޓްރަމްޕް ގެ ޓީމުން ނުސީދާ ގޮތެއްގައި އިޝާރާތް ކޮށްފައިވާ ކަމަށް އެނޫސް ބުނެއެވެ.

އިރާނުގެ ނިއުކްލިޔާ މަރުކަޒެއް

އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުމުގެ ކަންތައް މެކުހަށް ޖަހާފައިވާތާ އެތަށް އަހަރެއް ވެފައިވާއިރު ޔޫރޭނިޔަމް ފައްކާކުރުމުގެ ޕްރޮސެސް ހުއްޓާލަން އީރާން ދެކޮޅު ހަދާނަމަ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ސީދާގޮތެއްގައި ހަމަލާދިނުން ނޫންގޮތެއް އެމެރިކާއަށާއި އިސްރާއީލަށް ނޯންނާނެކަމަށް ޓްރަމްޕްގެ އިންގިތާލީ ކޮމެޓީ ދެކޭކަމަށް "ވޯލް ސްޓްރީޓް ޖާނަލް' ބުނެއެވެ.

ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވަޑައިގަތުމަށްފަހު ކުރަންޖެހޭ ކަންކަމާބެހޭ ޕްލޭންތަކާއި ލަނޑުދަނޑިތަކާއި ސްޓްރެޓެޖީ ތަކާއި ސިޔާސަތުތައް އޭނާގެ އިންތިގާލީ ޓީމުން ގެންދަނީ ތައްޔާރު ކުރަމުންނެވެ. މިޓީމުގައި ހިމެނެނީ ވަރަށް ހަރުކަށި ވިސްނުމުގެ މީހުންނެވެ.

ޓްރަމްޕްގެ މި ޓީމުގައި ދުނިޔޭގެ ޖިއޮޕޮލިޓިކްސްގެ އާޖފާޖު ނޭންގޭ މީހުންވެސް ގިނަ އަދަދަކަށް ހިމެނޭކަމަށް އެމެރިކާގެ އެތެރެއިން ލިބޭ ޚަބަރުތައް ބުނެއެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ފުނޑާލުމަށް އެމެރިކާ ހަމަލާދޭނަމަ އެކަން ކުރުމުގެ ކުރިން އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި އެނޫންވެސް ގިނަ އަދަދެއްގެ ހަނގުރާމައިގެ ވަސީލަތްތައް ރަތްކަނޑާއި ގަލްފް އަދި އަރަބި ކަނޑާއި ބާބުލްމަންދަބް ކަނޑުއޮޅުއޮޅިއަށް ޖަމާކުރާނެ ކަމަށް ޓްރަމްޕްގެ ޓީމު ބުނާކަން "ވޯލް ސްޓްރީޓް ޖާނަލް' ހާމަކުރެއެވެ.

އީރާން ނިއުކްލިއާ ބާރެއްގެ ގޮތުގައި ފާޅުވުމަކީ އެމެރިކާއަށާއި އިސްރާއީލަށް ކެތްކުރެވޭނެ ކަމެއް ނޫން ކަމަށް އެމެރިކާއާއި އިސްރާއީލު ގެ އިސްވެރިން ތަކުރާރުކޮށް ބުނަމުން ގެންދެއެވެ. އަދި އިސްރާއީލަށް ގޮންޖަހާލެވޭ އަދި އިސްރާއީލާ ބާރުގެ ގޮތުން ތިލަފަތް ހަމަވާވަރުގެ އެއްވެސް ގައުމެއް މެދުއިރުމަތީގައި އޮވެގެން ނުވާނެކަމަށް އެމެރިކާއާއި އިސްރާއީލު ބުނެއެވެ.

އިސްރާއީލަށް ގޮންޖަހާލެވޭ ވަރުގެ އަރަބި ނޫނީ އިސްލާމީ ބާރެއް އެސަރަހައްދުގައި އޮތުމަކީ އިސްރާއީލު އަމާންކަމުން މަހުރޫމް ވެގެންދާނެ ކަމެއްކަމަށާ އެކަން ކުރެވިގެން ނުވާނެކަމަށް އެމެރިކާއާއި އިސްރާއީލު ތަކުރާރުކޮށް ބުނެ އަރަބި ގައުމުތަކަށާއީ އީރާނަށް ބިރުދައްކަމުން ގެންދެއެވެ.

އެމެރިކާއި އިސްރާއީލާ އަދި ޔޫރަޕްވެސް މައިގަނޑު ލަނޑު ދަނޑިއަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި ވެރިވެގަނެ އިސްތިއުމާރުކޮށްގެން ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް އަމާންކަމާއެކު ދެމިއޮވެވޭނެގޮތް ހެދުމެވެ.

ފަލަސްތީނުގެ ބިން މިނިވަން ކުރުމުގެ ޖިހާދަކީ އަދި ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތަކީ ޓެރަރިޒަމް ކަމަށް އެމެރިކާއި އިސްރާއީލާ އަދި ޔޫރަޕްވެސް ސިފަކުރަނީ މިލަނޑުދަނޑީގެ ދަށުންނެވެ.

އިސްރާއީލުވަނީ ނިއުކްލިޔާ ގާބިލްކަން ހޯދުމަށް މަސައްކަތްކުރި އަރަބި ދެގައުމު ކަމަށްވާ އިރާގާއި ސޫރިޔާގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންއަޅައި އެތަންތަން އެއްކޮށް ހަލާކުކޮށްލާފައެވެ. ލީބިޔާގެ ނިއުކްލިޔާ މަރުކަޒުތައްވަނީ އެގައުމަށް ބިރު ދައްކައިގެން މީގެ 17 ވަރަކަށް އަހަރު ކުރިން ރޫޅާލާފައެވެ.

ނަތީޖާ އެއްގެ ގޮތުން މެދުއިރުމަތީގައި އޮތް ނިއުކްލިޔާ ބާރަކީ ހަމައެކަނި އިސްރާއީލެވެ. އީރާނަކީ އިސްރާއީލަށް ވުރެވެސް ނިއުކްލިޔާ ޓެކްނލޮޖީ ފުޅާކޮށްފައިވާ ގައުމެކެވެ. އޭގެ ރީސާޗް އާއި މަރުކަޒުތައް ގިނަ ގައުމެކެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ މަދަނީ ބޭނުންތައްކަމަށް ވިޔަސް އީރާނަކީ ބޭނުންވެއްޖެ ހާލަތެއްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ގާބިލަންކަން މިހާރު ލިބިފައިވާ އަދި ނިއުކްލިޔާ ހަތިޔާރުގެ އޮޅިގަނޑުގައިވާ ގައުމެއްކަން އީރާންވެސް އަދި އީރާނުގެ ދުޝްމަނުންވެސް ކަށަވަރުކޮށްދެއެވެ.

އެހެންކަމުން އިސްރާއީލާ އިސްރާއީލު ހިމާޔަތްކޮށްދޭ އެމެރިކާއާއި އަދި ޔޫރަޕްގެ މިހާރުގެ ހުރިހާވެސް އަމާޒަކީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހަލާކުކޮށްލުންކަން އެމެރިކާއާއި އިސްރާއީލުގެ އިންޒާރުތަކުންނާއި އެމެރިކާ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ވަނީ ހާމަވެފައެވެ.

comment ކޮމެންޓް