ކޯރަމް ހަމަނުވުމުން، މަޖިލީހުގެ ޖަލްސާ މިއަދު ވެސް ގަޑިއަކަށް ނުފެށޭ

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު --

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވޭވަރަށް މިއަދު ވެސް ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ވެސް ގަޑިއަށް ނުފެށި ލަސްވެއްޖެއެވެ.

މިއަދު ކުރިއަށްދަނީ މަޖިލީހުގެ ތިންވަނަ ދައުރުގެ ހަވަނަ ޖަލްސާއެވެ. އިއްޔެގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިއަދު ޖަލްސާގައި އޮންނާނީ، ވެރިކަންކުރާ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ވޯޓެއް ނެގުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރަށް މުޅި މަޖިލީހުގެ ކޮމިޓީގައި ބަހުސް ކުރުން ކަމަށެވެ.

މުޅި މަޖިލީހުގެ ކޮމިޓީއަކަށް މަަސައްކަތް ކުރެވޭނީ 29 މެމްބަރުން ތިއްބަވައިގެންނެވެ. ނަމަވެސް ހާޒިރުވެ ތިބީ 18 މެމްބަރުންކަމުން މަސައްކަތް ކުރެވޭ ގޮތެއް އަދި ނުވެއެވެ.

"އަޅުގަނޑުމެން މިހާރު އިށީނދެ މި ތިބީ މުޅި މަޖިލީހުގެ ކޮމިޓީގައި. އެހެންނަމަވެސް އަޅުގަނޑަކަށް އަދި މަސައްކަތް ފެށޭކަށެއް ނެތް. އިއްޒަތްތެރި މެންބަރުން ކޮމިޓީއަށް ވަޑައިގެންނެވުމުން މަސައްކަތް ފެށޭނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއާއެކު ރައީސް ނަޝީދުވަނީ މެންބަރުން ކޮމިޓީގައި ތިއްބެވުމަށް އެދިވަޑައިގެންފައެވެ. އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމަންޓަރީ ގްރޫޕުތަކުގެ ލީޑަރުން މަޝްވަރާކުރަމުން އަންނަކަމަށެވެ.

އެ މަޝްވަރާއަށް ޖާގަދިނުމަށް ރިޔާސަތުން ނިންމީ 09:45 ގައި އަލުން ޖަލްސާ ކުރިއަށް ގެންދިއުމަށެވެ. އެ ވަގުތު ފަހަނައަޅައި އިތުރު 40 މިނެޓު ހިނގިއިރު ވެސް ޖަލްސާ ނުފެށެއެވެ.

https://sun.mv/182194

މަޖިލިސް ޖަލްސާތައް ކުރިއަށް ނުގެންދެވޭ މައްސަލަ ބޮޑުވެ އެ ކަން އެގޮތަށް ހުއްޓުވާފައި އޮންނަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ބައިވެރިވުމާއެކު ކަމަށް އިއްޔެ ނަޝީދު ވަނީ ރައީސަށް ފޮނުއްވި ސިޓީފުޅެއްގައި ލިޔުއްވައިފައެވެ.

އެ ސިޓީ ރައީސަށް ލިބިވަޑައިނުގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނުވަނީ ރައީސް ނަޝީދުގެ ތުހުމަތުތަކަށް އިންކާރުކުރައްވައިފައެވެ.

މަޖިލީހުގެ ކޯރަމް ހަމަނުވުމުން އިއްޔެގެ ޖަލްސާ ވެސް ފެށީ މެންބަރުން ތަޅުމަށް ވަޑައިގަންނަވަން ދެން ހުސް ވަގުތު ދިނުމަށް ފަހު، 10:00ގަ އެވެ. އޭގެ ކުރީ ދުވަހު ވެސް ހަތަރު ގަޑިއިރަށް ދަންމައިގެން ވެސް ކޯރަމް ހަމަނުވުމުން އެންމެ ފަހުން ޖަލްސާ ނިންމާލީއެވެ. އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ތަޅުމަށް ނުވަދެ ކުޑަ ދަށުގައި މަޑުކުރައްވާފައެވެ.

އެމްޑީޕީ މެންބަރުން މަޖިލީހަށް ވަޑައިގަތް ނަމަވެސް ތަޅުމަށް ވަޑައިނުގެން ތިއްބަވަނީ، މަޖިލިސް ކުރިއަށް ގެންދަނީ އިދިކޮޅުން ކެމްޕޭން ކުރާ ޖަގަހައެއްގެ ގޮތުގައި ކަމަށް ތުހުމަތުކުރައްވާފައެވެ.

comment ކޮމެންޓް