މަޖިލިސް ހުއްޓުމުގައި އަޅުގަނޑުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ: ރައީސް

މާލޭގައި ރައީސް ޞާލިހު ކުރިއަށް ގެންދަވާ ޑޯޓުޑޯ ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތުހުމަތުކުރައްވާ ބީދައިން މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމުގައި އެ މަނިކުފާނުގެ އެއްވެސް ބައިވެރުވުމެއް ނޯންނާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މާލޭގައި އެ މަނިކުފާނު ކުރިއަށް ގެންދަވާ ޑޯޓުޑޯ ހަރަކާތްތަކުގެ ތެރެއިން މިއަދު ރައީސް ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އެގޮތުން ރައީސް ނަޝީދުގެ ތުހުމަތުތަކާ ގުޅިގެން "ސަން" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތް ކަމަށް ފެނިވަޑައިނުގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ ބައެއް ޖަލްސާތަކަށް ހުރިހާ މެމްބަރުންނަށް ހާޒިރުނުވެވި ދިއުމަކީ ވެދާނެކަމެއްކަމަށެވެ. އެއީ މަޖިލިސް ހުއްޓިފައި އޮތުމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މަޖިލިސް ހުއްޓިފައި އޮތްކަމަށް ބުނެ ރައީސް ނަޝީދު ފޮނުއްވެވި ސިޓީފުޅު އަދި ލިބިވަޑައިނުގަންނަވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކުރިއަށް އެބަ ދެޔެއްނޫންތޯ. ބައެއް ޖަލްސާތަކުގައި އެހެން ބައެއް ފަހަރު މީގެ ކުރިން ވެސް ވެފައި އެބަހުރި. އެކަމު ޖަލްސާ ކުރިއަށް ދިޔަ އެއް ނޫންތޯ. އަދި އަޅުގަނޑަކަށް ތި ވިދާޅުވާ ސިޓީއެއް ނުލިބޭ. މެންދުރު 12:30 ވަންދެން ބަލައިގެން. ނުލިބޭ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމުގައި އެ މަނިކުފާނުގެ ދައުރެއް އޮތްކަމަށް ވިދާޅުވާ ވަހަކައަކީ 'މުޅިން ދޮގު ވަހަކައެއް'ކަމަށެވެ.

އެގޮތުން އެ މަނިކުފާނަކީ ވެސް 25 އަހަރު މަޖިލީހުގައި ހޭދަކުރެއްވި ބޭފުޅެއްކަމަށާއި މަޖިލީހުގެ މަސައްކަތްތައް ހިނގާ ގޮތް 'ކޮންމެވެސް' މިންވަރަކަށް އެ މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

"މަޖިލީހުގެ ކަންތައްތައް ހިނގައި ނުހިނގާ ގޮތާ ބެހޭ ގޮތުން ކަންކުރަންވީ ގޮތް. ކަންވާ ގޮތް އަޅުގަނޑަށް އެނގޭ. އެހެންވީމާ އަޅުގަނޑުމެނެއް ގައިމު ވެސް އޭގެ ތެރެއަކަށް ނުވަންނާނަން. އަޅުގަނޑު ގައިމު ވެސް ނުވަންނާނަން،" ރައީސް ވިދާޅުވިއެވެ.

މިއަދު ރައީސަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ނަޝީދުވަނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ޖަލްސާތައް ހުއްޓުވައި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއަޅަމުން ދަނީ ރައީސް ޞާލިޙުގެ ބައިވެރިވެވަޑަގެންނެވުމާ އެކު ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެގޮތުން ދިވެހި ދައުލަތުގެ ބާރުތައް ރައީސްގެ އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓުވުމަށް ކުރައްވާ މަސައްކަތް ހުއްޓާލެއްވުމަށް ނަޝީދު ވަނީ ގޮވާލައްވައިފައެވެ. އަދި، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ މަނިކުފާނު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް