ދުވަސްތަކަކަށް ފަހު، އަނެއްކާ ވެސް މިވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމުގެ އަޑު ގަދަވެފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްފައިވާއިރު، އެކަމުގައި އުޅުއްވާ ބޭފުޅުން ވެސް ކުރައްވާ އެންމެ ބޮޑު ސުވާލަކީ ދިވެހިންނަށް "ބަރުލަމާނީ" އެނގެނީ ކިހާވަަރަކަށް ތޯއެވެ.
ސިޔާސީ ވާހަކަތައް އެއްފަރާތުގައި ބާއްވާފައި، އެ ބަހުގެ މާނައާ މެދު ވެސް ގިނަ ބަޔަކަށް ވަނީ އޮޅުން އަރާފައެވެ.
"ބަރުލަމާނީ" މި ލަފްޒު މިއަދުގެ ޖީލަށް ދަސްވީ 2007ވަނަ އަހަރު ނެގުނު ނިޒާމީ ވޯޓުގެ ކެމްޕޭނު ދުވަސްވަރުގެ ތެރެއިންނެވެ.
ދިވެހިންގެ އާންމު އިސްތިއުމާލުގެ ތެރެއަށް މި ބަސް އައީ އަރަބި ބަހުންނެވެ. އަރަބި ބަހުގައި "ބަރުލަމާން" ބޭނުން ކުރެވެނީ އިނގިރޭސި ބަހުގެ "ޕާލަމެންޓު" އަރަބި އަޑުތަކަށް ފުރޮޅާލައިގެން، އެ މާނައިގައެވެ.
"ޕާލަމެންޓަރީ އޭ ކިޔަނީ ޕާލަމެންޓަށް ނިސްބަތްވާތީއެވެ. ބަރުލަމާނީއޭ ކިޔަނީ ބަރުލަމާނަށް ނިސްބަތްވާތީއެވެ. ވީމާ، މީގެ ދިވެހި ގޮތަކަށް ވާނީ "މަޖިލީހީ" އެވެ." ބަހުގެ އުސްތާޒެއް ކަމުގައިވާ އިޔާޒް ނަސީމް ފޭސްބުކުގައި ލިޔުއްވިއެވެ.
އިޔާޒް ވިދާޅުވާ ގޮތުގައި "ރިޔާސީ" ރައީސަށް ނިސްބަތްވާހެން "ބަރުލަމާނީ" އަކީ ވެސް ބޮޑުވަޒީރަށް ނިސްބަތްވާ ނަމެއްގެ ގޮތުގައި ހީވެފައި އޮންނަ އޮތުމަކީ ގޯހެކެވެ.
"ބަރުލަމާނީ ނިޒާމު" ކިޔުމަށް ވުރެ އޮޅުން ކުޑަވާނީ "މަޖިލީހީ ނިޒާމު" ކިޔުމުން ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ކޮންމެއަކަސް ބަރުލަމާނީގެ ފެންނަ ނުފެންނަ ވޯޓަކަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި މިއީ އަނެއްކާ ވެސް ހަނދާން އާކޮށްލުން މުހިއްމު މައުލޫމާތު ކޮޅެކެވެ.