އަންނަ 2025 ވަނަ އަހަރު ބާއްވާ އާންމު އިހްތިޚާބުގެ ކުރިން މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށް ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގް ވިދާޅުވެއްޖެއެވެ.
ލީ އަކީ މިހާރު ސަރުކާރު ހިންގާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ)ން އިންތިހާބުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުން، މި އަހަރުގެ ނޮވެމްބަރުގައި ފާހަގަކުރާ ޕީއޭޕީގެ 70 ވަނަ އަހަރީ ދުވަހާ ދިމާކޮށް، ބޮޑު ވަޒީރުގެ މަގާމުގެ މަސްއޫލިއްޔަތުތައް ބޮޑު ވަޒީރުގެ ނާއިބު، ލޯރެންސް ވޮންގްއާ ހަވާލުކުރައްވާނެ ކަމަށް 71 އަހަރުގެ ލީ ވިދާޅުވިއެވެ.
އާދީއްތަ ދުވަހު ޕީއޭޕީގެ މެމްބަރުންނާ ވާހަކަ ދައްކަވަމުން ލީ ވިދާޅުވީ ވޮންގް ވަނީ ކޮވިޑް-19 ޓާސްކް ފޯހުގެ ވެރިޔާގެ މަގާމުގައި ހުންނަވައިގެން އެ ބޭފުޅާގެ ގާބިލުކަން ސާބިތުކޮށްދީފައެވެ. މަގާމުން ވަކިވެވަޑައިގެންނެވުމަށް ފަހު ދެން ހުންނަވާނީ އާ ބޮޑު ވަޒީރުގެ ހިދުމަތުގައި ކަމަށް ވެސް ލީ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ދުވަސްވަރު، ބަލި ކޮންޓްރޯލު ކުރުމަށް ސިންގަޕޫރުން ގެންގުޅުނު ހަރުދަނާ އުސޫލުތަކުގެ ސަބަބުން ގިނަ ބައެއްގެ ތައުރީފު ވަނީ ވޮންގަށް ލިބިފައެވެ. މާލީ ވަޒީރުކަން ވެސް ކުރައްވާފައިވާ ވޮންގް ހުންނެވީ ކޯވިޑު-19 ޓާސްކު ފޯހުގެ ވެރިޔަކަށެވެ. ކޮވިޑް-19 ގެ އެންމެ ކުރީކޮޅު ވެސް ބަލި ޖެހިގެން މަރުވާ މީހުންގެ ރޭޓު އެންމެ ދަށް ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު ހިމެނެއެވެ.
ވޮންގް ވެރިކަމަށް ވަޑައިގަތުމުން އެ ބޭފުޅާ ވެގެންދާނީ ޕޭއޭޕީން ބޮޑު ވަޒީރުކަން ކުރައްވާ ހަތަރުވަނަ ބޭފުޅަށެވެ. ޕީއޭޕީން ސިންގަޕޫރުގައި ވެރިކަން ކުރާތާ 60 އަހަރު ވެއްޖެއެވެ.
ކުރިން 2020 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ވެސް ޕޭއޭޕީން ވަނީ 93 ގޮނޑިގެ ތެރެއިން 83 ގޮނޑި ނަގާފައެވެ.
ވޮންގް ވެގެންދާނީ ލީގެ އާއިލާއިން ބޭރުން ވެރިކަން ކުރާ ދެ ވަނަ ލީޑަރަށް ވެސް މެއެވެ.
ސިންގަޕޫރުގައި ބޮޑު ވަޒީރަކު ހޮވަން އިންތިޚާބު ބާއްވަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރެވެ.