އެމްޑީޕީ މެންބަރުންގެ ތާއިދާއެކު، ނިޒާމުގެ ވޯޓާ ގުޅޭ ގަރާރު ބަލައިގެންފި

މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގެންފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެ ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.

އެ ގަރާރު ބަލައިގަތީ ހާޒިރުވެވަޑައިގެން ތިއްބެވި 35 މެންބަރުންގެ އިއްތިފާގުންނެވެ. އެ ގަރާރު ބަލައިގަންނަން ބޭނުންވަނީ 18 މެންބަރުންގެ ވޯޓެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެން ނެންގެވީ އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމާ ގުޅޭ ވޯޓެކެވެ. އެކަމަށް ވެސް 18 މެންބަރުންގެ ތާއިދު ބޭނުންވާއިރު، 34 މެންބަރުން މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ތާއިދު ކުރެއްވިއެވެ.

މަޖިލީހަށް ގަރާރު ހުށަހެޅުއްވި ސަބަބާ ގުޅޭގޮތުން އިލްޔާސް ވިދާޅުވީ އެ ގަރާރު ހުށަހަޅުއްވަން ނިންމެވީ، 2008ވަނަ އަހަރުން ފެށިގެން، މިހާތަނަށް އައި ސަރުކާރުތަކުގެ ތަޖުރިބާއަށް ބަލައި، މިއީ އެ ސުވާލު ރައްޔިތުންނާ ކުރަންވީ ވަގުތު ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

އިލްޔާސްގެ ގަރާރުގައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓަށް އެހުމަށް ގޮވާލައިފައެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެންމެ ބޮޑަށް ވަކާލާތުކުރަމުން ދާ ބޭފުޅަކީ ނަޝީދެވެ.

މީގެ ކުރިން 2007 ވަނަ އަހަރު ވަނީ ނިޒާމީ ވޯޓެއް ނަގައިފައެވެ. އެކަމަކު، އެ ފަހަރު ނިންމީ ރިޔާސީ ނިޒާމެއްގައި ކުރިއަށް ގެންދާށެވެ. އެ ވޯޓު ނެގި އިރު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ތާއިދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށެވެ.

ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ދެމެދު މައްސަލަ އުފެދި، ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އެމްޑީޕީގެ ތެރެއިން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދި މައިގަނޑު ސަބަބަކީ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކެވެ. ނަޝީދު ތާއަބަދު ގެންދަވަނީ ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

މިމަހުގެ ނުވައެއްގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސަށް ދެވަނައަށް އެންމެ ގިނަ ވޯޓާއެކު 39 ޕަސެންޓް ލިބިވަޑައިގެންނެވިއިރު ޑިމޮކްރެޓްސްއަށް ލިބުނީ ހަތް ޕަސެންޓް ވޯޓެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއިދު ކުރުމަށް ޑިމޮކްރެޓްސްއިން ހުށަހެޅި ޝަރުތަކީ 28 ސެޕްޓެންބަރުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން އެއްބަސްވުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް