ގަތަރު މެދުވެރިވެ، އެމެރިކާއާއި އީރާނުގެ މުހިއްމު ޑިޕްލޮމެޓިކް ހަރަކާތެއް

އެމެރިކާއާއި އީރާނުން ކުށްވެރިން ބަދަލުކުރުމަށް ހެދި އެއްބަސްވުމުގެ ދަށުން މިނިވަން ކުރި ބަޔަކު -- ފޮޓޯ/ އޭޕީ

ދައުޙާ (19 ސެޕްޓެމްބަރު 2023): ގަތަރު މެދުވެރިއެއްގެ ބައި އަދާކޮށްގެން އެމެރިކާއާއި އީރާނުން ސޮއިކުރި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުން ތަންފީޒުކޮށްފިއެވެ.

މި އެއްބަސްވުން ތަންފީޒުކުރީވެސް ގަތަރު ސަރުކާރުގެ ސީދާބެލުމުގެ ދަށުން ގަތަރު މެދުވެރިއަކަށް ވެގެންނެވެ. މި އެއްބަސްވުމުގެ ދަށުން، އެމެރިކާވަނީ އެގައުމުން ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން ހަ ބިލިޔަން އެމެރިކާ ޑޮލަރު ދޫކޮށްފައެވެ.

މި ހަ ބިލިޔަން ޑޮލަރު ދޫކުރީ ގަތަރުގައިވާ މިކަމަށް ޚާއްސަ އެކައުންޓްތަކަށެވެ. މިއެކައުންޓްތައް ބޭނުންކޮށްގެން މި ފައިސާއަށް ގަނެވޭނެ ތަކެތިވެސް މިއެއްބަސްވުމުގައި ހިމެނެއެވެ. މީގެތެރޭގައި ހިމެނެނީ ބޭހާއި ސިއްހަތާބެހޭ މެޝިނަރިއާއި އެނޫންވެސް މަދަނީ ބޭނުންތަކަށް ބޭނުންކުރާ ތަކެއްޗެވެ.

މި ހަ ބިލިޔަން ޑޮލަރަކީ އީރާނުން ދެކުނު ކޮރެއާއަށް ވިއްކާފައިވާ ތެލާއި ގޭހުގެ އަގެވެ. މިއަގު ޑޮލަރުގެ ގޮތުގައި އީރާނަށް ނުދެވިވަނީ އެމެރިކާ އަމިއްލައަށް އެކަހެރި ގޮތެއްގައި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

މިއެއްބަސްވުމުގެ ދަށުން އެމެރިކާ ވަނީ އެގައުމުން އެކި ކުށްތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ އީރާނުގެ ފަސް މީހުން މިނިވަން ކޮށްފައެވެ. އީރާނުންވެސް ވަނީ އެކި ކުށްތަކާ ގުޅިގެން އެގައުމުގައި ހައްޔަރު ކޮށްފައިވާ އެމެރިކާގެ ފަސް މީހުން މިނިވަން ކޮށްފައެވެ.

އެމެރިކާއާއި އީރާނުގެ ރައީސުން

ގަތަރު މެދުވެރިއެއްގެ ބައި އަދާކޮށްގެން އެމެރިކާއާއި އީރާނުން ހިންގި ޑިޕްލޮމެޓިކް މިހަރަކާތުގެ ސަބަބުން އެމެރިކާއާއި އީރާނުގެ ގުޅުންތަކަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް އަންނާނެކަމަށް މުހައްލިލުން ވިދާޅުވެއެވެ. ނަަމަވެސް ފިނިކަން އަންނާނެކަމަށް ބެލެވެނީ އެމެރިކާއާއި އީރާނުގެ ކޮންޓްރޯލް އޮންނަ ސަރަހައްދީ މައްސަލަތަކާއި ގަލްފުގެ އަމަނާބެހޭ މައްސަލަތަކަށް އެކަންޏެވެ.

އެމެރިކާ އީރާނު ދެކެ އެންމެބޮޑަށް ރުޅިއަންނަނީ ނިއުކްލިޔާ ޓެކްނޮލޮޖީ ހާސިލްކޮށް އަސްކަރީ ބާރު ވަރުގަދަ ކުރަން މަސައްކަތްކުރާތީއެވެ. އެއީ މެދުއިރުމަތީގައި އޮންނަންޖެހޭ އެންމެ ބާރުގަދަ ގައުމަކީ އިސްރާއީލުކަމަށް ހަދަން އެމެރިކާ ގެންގުޅޭ ބޭއިންސާފު ސިޔާސަތު އެކަމުގެ ސަބަބުން ނާކާމިޔާބުވެ އިސްރާއީލާ އަސްކަރީ ގޮތުން ތިލަފަތް ހަމަވާވަރުގެ ބާރުގަދަ ގައުމަކަށް އީރާންވާތީއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ މި ހަރަކާތް ހިންގި ނަމަވެސް އީރާން އޮތީ އެމެރިކާ އެދޭގޮތަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީކޮށް އަސްކަރީ ބާރުވެރިކަން ހޯދަންކުރާ މަސައްކަތްތައް ދޫކުރާ ގޮތަކަށް ނޫނެވެ. އަދި އެމެރިކާވެސް އޮތީ މިކަންކަމާ ގުޅިގެން އީރާނާދެކޮޅަށް އެމެރިކާ އެކަހެރި ގޮތެއްގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދޫކޮށްލާގޮތަކަށް ނޫނެވެ. އެހެންކަމުން އެމެރިކާއާއި އީރާނާ ދެމެދުގައިވާ މައިގަނޑު މައްސަލައަށް މިކަމުގެ ސަބަބުން އެއްވެސް ފިނިކަމެއް އައުމުގެ ފުރުސަތެއް ނެތެވެ.

އިސްރާއީލާ ދެކޮޅަށް މިނިވަން ކަމުގެ ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތަކާ އަދި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް އީރާނުން އެހީތެރިވާތީ އެމެރިކާ ގެންދަނީ އީރާނުގެ ބޮލުގައި ޓެރަރިޒަމްގެ ތުހުމަތު އަޅުވަމުންނެވެ.

އަނެއްކޮޅުން އެމެރިކާއިން އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ލާއިންސާނީ ޖަރީމާތަކުގެ ފަހަތުގައި އޮވެ އެކަންކަމަށް ހިތްވަރު ދޭތީއާއި ދުނިޔޭގެ ގައުމުތަކަށް ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ބާރާއި ނުފޫޒު ފޯރުވަމުންދާތީ އީރާނުން އެމެރިކާ ސިފަކުރަނީ "ބޮޑު ޝައިތާން"ގެ ގޮތުގައެވެ.

ކުށްވެރިން ބަދަލުކުރުމުގެ މި އެއްބަސްވުން ވުޖޫދަށް އައީ އެމެރިކާއާއި އީރާނާ ގުޅިގެން ދޮޅު އަހަރެއްހާ ދުވަސްވަންދެން ގަތަރުން ކުރި ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ. މިކަމުގައި އުމާންވެސް ގަތަރާއެކުވަނީ މެދުވެރިއެއްގެ ބައި އަދާކޮށްފައެވެ.

comment ކޮމެންޓް