އެއްގަމު އުޅަނދުތައް ހުއްޓުވައި، ބަލައި ފާސްކޮށް، ގަވައިދާ ޚިލާފުވެފައިވާނަމަ ޓްރެފިކް ޖޫރިމަނާކުރުމުގެ މަސައްކަތް ފުލުހުން އަލުން ފަށައިފިއެވެ.
ޓްރެފިކް އޮޕަރޭޝަންތައް ފުލުހުން އަލުން ފަށައިފައިވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރަށް ކޮންމެވެސް މިންވަރަކަށް މަޑުޖައްސައިލުމަށްފަހުގައެވެ.
މި ފަހަކަށް އައިސް ޓްރެފިކް ފުލުހުންގެ ޓީމުތަކުން މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޗެކްޕޮއިންޓު ހަދައިގެން ވެހިކަލް ބަލައި ފާސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެގޮތުން ހުޅުމާލެ އަރައި ފުރަތަމަ ލަނބައިލައި ވިލާ ޕެޓްރޯލް ޝެޑު ކައިރީ ޗެކްޕޮއިންޓު ގާއިމްކުރެއެވެ.
އަދި ހުޅުމާލެ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވަހި ގުޅޭ ބްރިޖުން ފައިބައި، އަރައި ސަރަހައްދުގެ އިތުރުން މާލޭގެ އެކި ހިސާބުތައް ވެސް ހިމެނެއެވެ.
އެގޮތުން މަޖީދީ މަގާއި ބޭރު މަގުގެ އެކި ހިސާބުތަކުގައި ޗެކްޕޮއިންޓުތައް ހިމެނެއެވެ.
މި ޗެކްޕޮއިންޓުތަކުން އާންމު ގޮތެއްގައި ބަލަނީ ލައިސަންސް އޮތްތޯއާއި، ދުއްވައި ވެހިކަލް ޓްރެފިކް މިންގަނޑުތަކަށް ފެތޭތޯއެވެ. މައްސަލައެއް ފާހަގަވެއްޖެނަމަ ފުރަތަމަ ފަހަރުކަމުގައިވާނަމަ ނަސޭހަތް ދީ ދޫކޮށްލައެވެ.
މިހާރު ކުރިއަށްދާ ޓްރެފިކް ފުލުހުންގެ އޮޕަރޭޝަންތަކާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު "ސަން"އަށް ވިދާޅުވީ މިހާރު ކުރިއަށްދާ އޮޕަރޭޝަންތަކަކީ ވަކި ޚާއްޞަ އޮޕަރޭޝަންތަކެއް ނޫންކަމަށެވެ.
އެއީ ޓްރެފިކް ފުލުހުން ގަވައިދުން ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން ބައެއްކަމަށް ވިދާޅުވިއެވެ.
"ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ހަމަ އަރަމުންދާ ޖޫރިމަނާ ހަމަ އަރަމުންދާނީ. އަނެއްހެން ވަކި ޚާއްޞަ އޮޕަރޭޝަނެއް ހިންގަނީއެއް ނޫން ސީދާ،" ޔޫނުސް ސޮބާހު ވިދާޅުވިއެވެ.
ނަމަވެސް މިއީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުކަމުން ފުލުހުން އަދިވެސް ތިބީ އެލާޓުގައިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މަގުމަތީގައި އަމަން ބަަލަހައްޓަން ފުލުހުން ހަރަކާތްތެރިވާ އަދަދު ގިނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫނުސްވަނީ މަގުމަތީގައި ވެހިކަލް ދުއްވާއިރު ޓްރެފިކް ގާނޫނާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.
ރިޔާސީ އިންތިޚާބަށް ހަތަރު ދުވަހަށް ވެފައިވަނިކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ މި މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ޕާކިން ޖޫރިމަނާތަކުގެ ތެރެއިން އެހާތަނަށް ދައުލަތަށް ނުލިބިވާ ހުރިހާ ފައިސާއެއް މައާފުކޮށްދެއްވައިފައެވެ.