މަޖިލިސް ހުއްޓުވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވާ: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭގޮތަށް ހުއްޓުވާފައި އޮންނަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ބައިވެރިވުމާއެކު ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތިންވަނަ ދައުރުގެ ހަ ވަނަ ޖަލްސާ ހެނދުނު 09:00ގައި ފެށުނުއިރު މަޖިލީހުގެ ތަޅުމަށް ހާޒިރުވީ 17 މެންބަރުންނެވެ. އެހެންނަމަވެސް އިތުރު މެންބަރުން މަޖިލީހުގެ ގޯތިތެރޭގައި ތިއްބެވި ކަމަށް ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން ނަމަ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިޔުމަށް 22 މެންބަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުވާންޖެހެއެވެ.

މިކަމާ ކޯފާ އިސްކުރައްވާ ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓުވާފައި އޮންނަ އޮތުމަކީ ދިވެހި ދައުލަތް ހުއްޓުވާލުމަށް ރައީސް ކުރައްވާ މަސައްކަތެއް ކަމަށެވެ. އަދި އެއީ ސީދާ ރައީސް ޞާލިޙު އަންގަވައިގެން ކުރާ ކަމެއް ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނަން މަޖިލިސް ކުރިއަށް ގެންދެވޭތޯ. އަދި އަޅުގަނޑުގެ މަސައްކަތް ކުރިއަށް ވެސް ގެންދާނަން މަޖިލިސް ހުއްޓުމަކަށް ނުގެނެސް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އެކަން ކުރުން ހުއްޓަވާލެއްވުމަށް ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ.

"ރައްޔިތުންގެ މަޖިލިސް ސެބޮޓާޖްކޮށް ހުއްޓުވާފަ ބަހައްޓައިގެން މިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅިގެން މިކަމާ ބައިވެރިވެވަޑައިގެން. އަޅުގަނޑު އެމަނިކުފާނަށް އިލްތިމާސްކުރަން ދިވެހި ދައުލަތުގެ ބާރުތައް އެމަނިކުފާނުގެ އަތްޕުޅަށް ނަންގަވާ ނުހުއްޓުވުމަށް،" ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލުމަށް ހުށަހަޅާފައިވާ ގަރާރާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުކުރުމާމެދު ރައްޔިތުންގެ ވޯޓަށް އެހުމަށް ހުށަހެޅި ގަރާރެވެ.

އެމްޑީޕީގެ ބައެއް މެންބަރުން އިއްޔެ ވެސް ވަނީ މި ގަރާރުތަކަށް ބަހުސް ކުރުމަށް އިއުތިރާޒުކޮށް، ތަޅުމަށް ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައެވެ. މަޖިލީހުގެ ކޯރަމް ހަމަވަންދެން ނަޝީދު ހަތަރު ގަޑިއިރަށް އިއްޔެގެ ޖަލްސާ ދިގު ދަންމާލެއްވި ނަމަވެސް ކޯރަމް ހަމަނުވުމުން މަޖިލިސް ނިންމާލެއްވީއެވެ.

އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ މަޖިލީހަށް ހާޒިރުވުމަށް ފަހު މަޖިލީހުގެ ތަޅުމަށް ނުވަދެ ބޭރުގަ ކުޑަ ދޮށުގައި މަޑުކޮށްފައެވެ. އަދި އެބޭފުޅުން ވަނީ މަޖިލިސް ކުރިއަށް ގެންދަނީ އިދިކޮޅުން ކެމްޕޭން ކުރާ ޖަގަހައެއްގެ ގޮތުގައި ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ގަރާރުތަކަށް މަސައްކަތްކުރުމުގެ ބަދަލުގަ އިދިކޮޅުން ކެމްޕޭނު ކުރުމަށް ސަރުކާރާ ދެކޮޅު ގަރާރުތައް ހުށަހަޅާނަމަ އެކަން ނުކުރުމަށް އެބޭފުޅުން އިއްޔެ ވަނީ މަސައްކަތް ކުރައްވާފައެވެ.

comment ކޮމެންޓް