ސިޔާސަތު ވިއްކުމެއް ނެތް، ރާއްޖޭގައި އެންޓިކެމްޕޭނާއި ފޮޓޯޝޮޕް!

ވާދަވެރި ކެންޑިޑޭޓަށް ނިސްބަތްކޮށް ނުވަތަ ތިމާ ނުރުހޭ ކެންޑިޑޭޓަކާ ދިމާއަށް އަޑަށް ބާރުލައިފައި ގޮވަނީ ހުތުރު ވަނަންތަކެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްލަނީ ދޮގުތަކެވެ.

މިއީ މިއަދު ވެސް ސިޔާސީ ރޫހު ގަދައަށް ހިފައިފައި އޮތް ދިވެހި މުޖުތަމައުގެ ތެރޭގައި ހިނގަމުން އަންނަ ކަންކަމެވެ. އިންތިޚާބުތަކުގެ ކެމްޕޭން މޫސުންތަކުގައި މިއީ ހައްދެއް ނެތި އިތުރުވާ ކަމެކެވެ. ފަހަރުގައި މިއީ ސީދާ ވެރިން ކުރާ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ކެމްޕޭންތައް ކާމިޔާބުކުރަން ސިޔާސީ އެކްޓިވްސްޓުން ބޭނުންކުރާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ފޮޓޯ ޝޮޕާއި އެ ނޫން އެތައް ކަމެއްގެ ބޭނުން އަންނަނީ ހިފަމުންްނެވެ. މި ކަންކަމަށް އައި ބަދަލެއް ނެތެވެ.

ދޮގު ޚަބަރު އާންމުކުރުން އިންތިހާ އޮޅުވައިލުން

"ތި ވަރަށް ތި ފޮޓޯޝޮޕް ކުރީމާ އެނގޭ ތި ފޭކެއް ކަން. ދެން އެހެން ކަމަކާ އުޅޭ،" މިއީ މި ކެމްޕޭން ތެރޭގައި ފޭސްބުކަށް މީހަކު ލައިފައިވާ ފޮޓޯއަކަށް އާންމުންގެ މީހަކު ކޮށްފައިވާ ކޮމެންޓެކެވެ.

ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓަކު ކޮށްފައިވާ އެ ޕޯސްޓަށް އެއިރު ވެސް އައީ ޝެއާތައް ލިބެމުންނެވެ. ކަމުގެ ހަގީގަތް ބަލައިލާނެ މީހަކު ނެތެވެ. އެއްބަޔަކު ތިބީ އެއީ އަސްލެއްކަމަށް ޔަގީން ވެސް ކޮށްގެންނެވެ. މިއީ ކެމްޕޭންތަކުގައި މިހާރު އެންމެ އާންމުކޮށް ކުރާ އެއް ކަމެވެ. އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ބޭނުން ވައްތަރެއްގެ ފޮޓޯ ބޭނުން ގޮތަކަށް، އަސްލާ އެއް ގޮތްވާހެން ހަދައިލެވެއެވެ.

މިއީ ކެމްޕޭންތައް ކާމިޔާބުކުރުމަށް ޓަކައި އިސްކުރާ ކަމެކެވެ. ނަމަވެސް ސީދާ އޮޅުވައިލުމުގެ ތެރޭ ހިމެނޭ ކަމެކެވެ.

މީގެ އިތުރުން ތަފާތު ދޮގު ޚަބަރުތައް އާންމުކުރުމަކީ ވެސް ކެމްޕޭނުގެ ދުވަސްވަރުގައި ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. ބައެއް ފަހަރު ފަހަރު ފޭސްބުކް، ނުވަތަ އެކްސްގައި ވެސް ހިތަށް އައިހާ ވާހަކައެއް އެ މީހެއްގެ އަމިއްލަ އެޖެންޑާއަށް ފެތޭ ގޮތަށް ލިޔެ ދޫކުރެއެވެ.

އަނެއް ބައިފަހަރު ނޫސްތަކުގައި ހުންނަ ޚަބަރުތަކުގެ ސުރުހީ ސްކްރީޝޮޓް ނަގައި، އެ ސުރުޚީ މޮޅު ގޮތަކަށް ލިޔެ އެޑިޓްކޮށް އާންމުކުރު ވެސް ހިމެނެއެވެ.

"އަޅުގަނޑަށް ވެސް ނޭނގެ މިހެންވާއިރު. އަޅުގަނޑު ލިޔެފައި އޮންނަ ޚަބަރެއްގައި މިސާލަކަށް އޭގައި އަޅުގަނޑުގެ ނަމާއެކު ސްކްރީން ޝޮޓް ނަގައި ހެޑްލައިން ބަދަލުކޮށްފައި އަޕްލޯޑް ކޮށްފައި ވެސް އެބަހުރި. ދެން މީހުން އަހާނެ ދޯ އެއީ އަސްލެއް ހެއްޔޭ،" ނޫހެއްގައި މަސައްކަތް ކުރާ ނޫސްވެރިއަކު ބުންޏެވެ.

އެންމެ ހެއްވައި ކަމަކީ މި ފަދަ ދޮގުތަކަށް އަދިވެސް އެހައި ސަމާލުކަން ލިބޭތީއެވެ. މިއީ އަދި ވެސް މި ކަން ހިނގަމުން އަންނަ ގޮތެެވެ. ބަދަލެއް ނާދެއެވެ.

ހުތުރު ވަނަންތައް ކިޔުން ހުއްޓަން ޖެހޭ

އެންމެ ކުރިން ވެރިންނަށް ނިސްބަތްކޮށް ހެދިފައި ހުރީ އެކި ރާގުގައި އެކި ލަވަތަކެވެ. މިއަދު ވެސް އެ ކަން ފޮހެވިގެން ނުދެއެވެ. ބޭ އަދަބީ ބަސް މަގު އާންމު މި ފަދަ ލަވަތައް ޓީވީ ސްޓޭޝަންތަކުން ބްރޯޑްކާސްޓުކުރުމާއި ސޯޝަލް މީޑިއާގައި އާންމުކުރެވިފައި ހުރެއެވެ. މީގެ ސަބަބުން ވެސް ދުޅަހެޔޮ ކެމްޕޭނަކަށް އޮންނަ ފުރުސަތު ބަންދުވެއެވެ. އަދި ދެ ފިކުރުގެ މެދުގައި ތަޅައި ފޮޅުން އިތުރުވެ ނުރަނގަޅު ކަމަކަށް އެ ކަން ބަދަލުވެއެވެ.

ނަތީޖާއަަކަށް ވާނީ ކެމްޕޭނެއްގެ ދުވަސްވަރު ރައްޔިތުންނާ ސީދާ ގޮތުން ބާއްވަންވީ ގުޅުމަށް އިސްކަން ނުދެވި ދޫކުރަން ޖެހުމެވެ. ކޮންމެ ބަޔަކަށް ތާއީދުކުރި ނަމަވެސް އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ.

"ދޭދޭ މީހުންގެ ތެރޭ ގުޅުން ކެނޑޭ ހިސާބަކަށް ނުވާނެ އެ ކަންކަން ގޮސްގެންނެއް. މީގައި މުހިންމީ ހައްދު ފަހަނައަޅައި ދިޔުމެއް ނޫން. މެދުމިންވަރެއްގައި އެ ކަންކަން ގެންގުޅުން،" ގައުމީ ޔުނިވާސިޓީގައި ސިޔާސީ އިލްމުގެ ދާއިރާއިިން ތިންވަނަ އަަހަރު ކިޔަވަމުން އަންނަ ދަރިވަރަކު ބުންޏެވެ.

ވިއްކަންވީ ސިޔާސަތު، ކިޔަންވީ ބިނާކުރަނިވި ފާޑު

ތަހުޒީބު، ޒިންމާދާރު ކެމްޕޭނެއް ކުރާނަމަ ވާދަވެރިންނާއި ސަޕޯޓަަރުންނަށް ބަޔަކު ވިއްކާނެ އެންމެ މުހިންމު އެކައްޗަކީ މުސްތަގްބަލާމެދު އެ ބަޔަކު ގެންގުޅޭ ތަސައްވުރެވެ. ކުލަ ޖައްސަން ތައްޔާރުކުރާ މޮޅު ކުރެހުންތަކާއި ބިޔަ މަޝްރޫއުތަކުގެ ވާހަކައެވެ.

ތަފާތު މެނިފެސްޓޯތައް ތައްޔާރުކޮށް އެ އާންމުކުރި ނަމަވެސް އެއަށް ރައްޔިތުންގެ ހިތްޖައްސަން އެއްވެސް ކަމެއް ކުރެވޭ ހެއްޔެވެ؟ ކޮންމެ ކެންޑިޑޭޓަކު ވެސް ދައްކަނީ މާޒީއަށް ގޮސްވެފައިވާ ކަމެއްގެ ވާހަކައެވެ. އެ ވާހަކައެއް އެކި ރާގުގައި، އެކި ގޮތްގޮތަށް ދައްކައި އައުކުރެއެވެ.

މިއީ ރައްޔިތުން ކޮންމެހެން އެނގެން ބޭނުންވާނެ މާ މުހިންމު ކަމަކަށް ނުވާނެއެވެ. އިސްކުރަން ޖެހެނީ މުސްތަގްބަލެވެ. ސިޔާސީ އިލްމުގެ ދާއިރާގައި ފުންނާބު އުސް ބޭފުޅެއްކަމަށްވާ ޑރ. އަލީ ޝަމީމް (ޑރ. އެލީޝް) ވިދާޅުވާ ގޮތުގައި ވެސް މާޒީން މީހުންގެ ކުށް ދައްކައިގެން ސިޔާސީ މަސައްކަތްކުރުމުގެ ބޭނުމެއް ނެތެވެ.

އޭގެ ބަދަލުގައި ދިރާސާކޮށް މިސާލު ދައްކައިގެން ވާހަކަތައް ބައްޓަންކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވެއެވެ.

"ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ރަނގަޅަށް އެނގިގެން ވާހަކަ ދެއްކުމާއި، މިހުރީ މިއަދު އަޅުގަނޑުމެން މި ދައްކާ ވާހަކަތަކާއި އެކްޓުކުރާ މަންޒަރުތައް އެ ދަނީ ވީޑިއޯ ކުރެވެމުން. އެ ހުރިހާ އެއްޗެއް ހުންނާނެ ރައްކާކުރެވިފައި. އެހެންވީމާ އެ އެއްޗެހި އަނެއްްކާ ތަކުރާރުކޮށް މަސްލަހަތު ގެއްލޭ ގޮތަށް ބޭނުންކުރާނެ ފުރުސަތު އަންނާނެ،" ޑރ. ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މެނިފެސްޓޯތައް ފުރިހަމަ ނަމަވެސް މަދީ އެ މެނިފެސްޓޯ ރައްޔިތުންގެ ކުރިމަތީ ބާޒާރުކޮށް ވިއްކޭ މިންވަރުކަމަށެވެ.

"އެހެންވީމާ ޒާތީވެގެން ގޮސް އެންޓި ކެމްޕޭން ކުރެވިގެން ގޮސް މިހެން ދާ ދިއުމުގައި މި ހަލަބޮލިވަނީ. 2008 ފެށިގެން ސިޔާސީ ބަސްމަގަށް އައު ބަސްތައް ވެސް އެބަހުރި އިތުރުވެގެން ގޮސްފައި. އެހެންވީމާ އެ ގޮތަށް އައިސް މިހާރު އެކިއެކި ރާގުތައް އެބަހުރި،" ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ކަންކަމުގައި ވެސް ޕޮލިޓިކަލް ޑިސިޕްލިންއެއް އޮންނަ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެ އަޚްލާގީ ސިފަތައް ބީވާން ފަށައިފައިވާކަމުގެ ބިރު ހީވެފައިވާކަމަށް ވިދާޅުވިއެވެ.

ކޮންމެ އަކަސް ސިޔާސީ ޕާޓީތަކަކީ ވެރިކަން ހޯދުމަށް މަގުފަހިކޮށް އެއަށް އަރައި ދުއްވާ ސަވާރީތަކެކެވެ. އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފުން މުހިންމެވެ.

ހަމަ ޔަގީނުން ވެސް އެންޓި ކެމްޕޭންކޮށް، ކެމްޕޭން އުކުޅެއްގެ ގޮތުގައި ފޮޓޯޝޮޕް އެޑިޓްތަކާއި އެ ނޫން ވެސް އޮޅުވައިލުމުގެ ކަންކަން ކޮށްގެން ވާނެ މާ ބޮޑު ފައިދާއެއް ނޯންނާނެއެވެ. އެއީ އެ ފަދަ ކަންކަމުގެ ސަބަބުން ފަހަރުގައި އާންމުންގެ ތެރެއިން ބަޔަކު ވަކި ބަޔަކާމެދު ފޫހި ވެސް ވެދާނެ ކަމެކެވެ. ނުވަތަ ދޮގު ޚަބަރު ފަތުރަނީ ކަމަށްބުނެ ތާއީދު ގެއްލުމަކީ ވެސް ހަމަ ވުން ގާތް ކަމެކެވެ.

އެެހެންކަމުން ކެމްޕޭންކުރުމުގެ ސްޓްރެޓެޖީއަކަށް، އެންޓި ކެމްޕޭނާއި ފޮޓޯޝޮޕްގެ 'ސްޓްރެޓެޖީ' ބޭނުންކުރުން ހުއްޓައިލަން ޖެހެއެވެ. އަދި ޑިމޮކްރަސީގެ އުސޫލުގައި ހިފަން ވެސް ޖެހެއެވެ.

comment ކޮމެންޓް