ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހަކީ އެޕަލްގެ އައިފޯން ގެންގުޅޭ މީހުންނަށް ހާއްސަ މަހެކެވެ. އެޕަލްގެ އާ ސްމާޓްފޯނުތައް އާންމުންނަށް ދައްކާލާ އިރު މިއީ ގިނަ ބަޔަކު އިންތިޒާރު ކުރާ މަހެކެވެ. ނަމަވެސް އޭގެ އިތުރުން ވެސް ސެޕްޓެމްބަރު މަސް ހާއްސަވެއެވެ. އެއީ، އައިފޯނު ގެންގުޅޭ ގިނަ ބަޔަކަށް އަހަރީ ސޮފްޓްވެއާ އަޕްޑޭޓްތައް ލިބުމެވެ.
އެޕަލްގެ އެންމެ ފަހުގެ އަހަރީ ސޮފްޓްވެއާ ވަނީ ރޭގައި އާންމުންނަށް ރިލީޒް ކޮށްފައެވެ. ގިނަ ބަޔަކަށް އެއްވަގުތު އަޕްޑޭޓް ލިބޭއިރު ސޮފްޓްވެއާ އަޕްޑޭޓް އައިއޯއެސް ހާއްސަ ވަނީ އެހެންވެއެވެ. މިހާރު ގިނަ ބަޔަކަށް އައިއޯއެސް 17 އަޕްޑޭޓް ވާނީ އައިސްފައެވެ.
އޮޓޯ އަޕްޑޭޓްއިން ނަމަ މިހާރު ގިނަ ބަޔަކަށް ވާނީ އެ ޑައުންލޯޑް ވެސް ވެފައެވެ. އަދި، އާ އަޕްޑޭޓް އިންސްޓޯލް ކުރަން ވެސް މިހާރު ވާނީ އެދިފައެވެ. ނަމަވެސް އެ ނޫން އެންމެންނަށް މިހާރު އައިފޯންގެ ސެޓިން ތެރެއިން ގޮސް އައިއޯއެސް 17 ޑައުންލޯޑް ކޮށްލެވޭނެއެވެ.
އާ އައިއޯއެސްއާ އެކު ތަފާތު އެކި ކަހަލަ އާ ފީޗާތައް އައިފޯނަށް ވަނީ އައިސްފައެވެ. މި އަހަރުގެ ކުރީކޮޅުގައި އައިއޯއެސްގެ ބައެއް ބީޓާ އަޕްޑޭޓްތައް ވަނީ އާންމުކުރަން ފަށާފައެވެ. އެއާ އެކު އާންމުކުރި ފީޗާތަކުގެ ތެރޭގައި ޕްރައިވެސީއަށް އިސްކަމެއް ދީފައި ފީޗާތައް އާންމުކުރިއެވެ. އެޕަލްގެ އާ އަޕްޑޭޓްތަކުގައި، އެ ކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް އިތުރު ހަރުދަނާ ސެކިއުރިޓީ ފީޗާތަކެއް ވަނީ ހިމަނާފައެވެ. މި އަޕްޑޭޓްތަކުގެ ތެރޭގައި އެޕަލްގެ އުފެއްދުންތައް ހަލުވިކޮށް، ބޭނުންކުރަން ފަސޭހަކޮށްދޭނެ ބަގް ފިކްސްތައް ހިމަނާފައިވެއެވެ.
ޕްރައިވެސީ އާއި ޕާފޯމަންސް ބަދަލުތަކުގެ އިތުރުން، އެޕަލްގެ މަގުބޫލު އެޕްލިކޭޝަންތަކަށް އާ ފީޗާތަކެއް ވެސް އަންނާނެއެވެ. މިސާލަކަށް އެޕަލް މެޕްސްގެ އަޕްޑޭޓެޑް ވާޝަނުގައި ނެވިގޭޝަން އާއި ޓްރާންސިޓް ޑައިރެކްޝަންސް ކުރިއަށް ވުރެ ރަނގަޅުކޮށްފައިވާ އިރު، އެޕަލް މިއުޒިކްގެ އަޕްޑޭޓެޑް ވާޝަންގައި އާ ޕާސަނަލައިޒްޑް ޕްލޭލިސްޓްތައް ހިމަނައި، އިންޓަފޭސްއަށް ވެސް ވަނީ ބަދަލުގެނެސްފައެވެ. އާ އަޕްޑޭޓްތަކުގެ ސަބަބުން ނޯޓްސް، ރިމައިންޑާސް އަދި ސިރީ ފަދަ އެޕަލްގެ މަޝްހޫރު އެހެން އެޕްލިކޭޝަންތަކަށް ވެސް އާ ފީޗާތަކެއް އަންނާނެއެވެ.
އަލަށް ހާމަކުރި އައިއޯއެސްގައި އެންމެ ފާހަގަކޮށްލެވޭ ބައެއް ފީޗާތަކުގެ ތެރޭގައި ސްޓޭންޑްބައި މޯޑަކާއި ކޮންޓެކްޓް ޝެއާ ކުރުމުގެ ފީޗާ ހިމެނެއެވެ. މިއީ މިހާރު ޓެސްޓު ކޮށްލެވޭނެ ފީޗާތަކެވެ.
އާ އައިއޯއެސް ލިބޭ ފޯނުތަކަކީ
އައިފޯން އެކްސްއެސް ސީރީޒް
އައިފޯން އެސްއާރު
އައިފޯން 11 ސީރީޒް
އައިފޯން 12 ސީރީޒް
އައިފޯން 13 ސީރީޒް
އައިފޯން 14 ސީރީޒް
އައިފޯން އެސް އީ (2020)
އައިފޯން އެސް އީ (2022)