ކަންސެލޯގެ ގޯލު ހާއްސަކުރީ އޭނާގެ މަންމައަށް

ސްޕެނިޝް ލަލީގާގައި ރެއާލް ބެޓިސް ކޮޅަށް ގޯލު ޖެހުމަށްފަހު، ބާސާގެ ކަންސެލޯ އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ޕޯޗުގަލް ޑިފެންޑަރު ޖޮއާއޯ ކަންސެލޯ، ބާސެލޯނާގެ ޖާޒީގައި ޖެހި ފުރަތަމަ ގޯލު، ކާރު އެކްސިޑެންޓެއްގައި މަރުވި އޭނާގެ މަންމައަށް ހާއްސަކޮށްފިއެވެ.

މެންޗެސްޓާ ސިޓީ ދޫކޮށް، ބާސާއާ ކަންސެލޯ ގުޅުނީ ނިމިގެންދިޔަ ޓްރާންސްފާ މުއްދަތުގެ އެންމެ ފަހު ދުވަހުއެވެ. އޭނާ ވަނީ ސްޕެނިޝް ލަލީގާގައި ރޭ ބާސާ އިން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅެ، 5-0ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ގޯލެއް ޖަހައިފައެވެ. އެއީ ބާސާއާ ގުޅުނު ފަހުން އޭނާ ޖެހި ފުރަތަމަ ގޯލެވެ.

ރޭގެ މެޗުގައި ޖެހި ގޯލާއެކު އުފާފާޅުކުރަމުންދިޔަ ފޮޓޯ އިންސްޓަގްރާމުގައި ހިއްސާކުރަމުން ކަންސެލޯ ޖެހި ކެޕްޝަންގައި ލިޔެފައިވަނީ، "އަބަދުވެސް މަންމައަށްޓަކައި" ކަމަށެވެ. ކަންސެލޯގެ މަންމަ ފިލޮމޭނާ މަރުވީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައެވެ.

ކަންސެލޯގެ އިތުރުން ބާސާއާ އަލަށް ގުޅުނު ޕޯޗުގަލް ފޯވަޑް ޖޮއާއޯ ފީލިކްސް ވެސް ވަނީ ރޭގެ މެޗުގައި ގޯލެއް ޖަހައިފައެވެ. ބާސާގެ އަނެއް ގޯލުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ އާއި ފެރާން ޓޮރޭސް އަދި ރަފީނިއާއެވެ.

ބާސާ އިން ދެން ނުކުންނަން ޖެހޭނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗަކަށެވެ. އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗުގައި ބާސާ ނުކުންނަން ޖެހޭނީ ބެލްޖިއަމްގެ އެންޓްވާޕްއާ ދެކޮޅަށެވެ.

comment ކޮމެންޓް