އިދިކޮޅުން އުޅެނީ އެމްޑީޕީ ސަޕޯޓަރުން ނުބައި ތަންތަނަށް ރަޖިސްޓްރީކުރަން: އެމްޑީޕީ

ރިޔާސީ އިންތިޚާބު 2023އަށް އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

މި މަހު 30ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އެމްޑީޕީ ސަޕޯޓަރުން ނުބައި ތަންތަނަށް ރަޖިސްޓްރީކުރަން އިދިކޮޅުން މަސައްކަތް ކުރާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

ރީ ރަޖިސްޓްރޭޝަން މަސައްކަތާއި އެމްޑީޕީއާ ގުޅުވައި ދެކެވެމުން އަންނަ ވާހަކަަތަކާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައިވަނީ އެ ޕާޓީން އިލެކްޝަންސް ކޮމިޝަނުގެ ރީ ރަޖިސްޓްރޭޝަން މަސައްކަތަށް ހުރަސް އަޅައިކަމަށް ބުނެ ފަތުރަމުން އަންނަ ވަހަކަތައް ދޮގުކޮށްފައެވެ.

އެ ފަދަ ވާހަކަތައް ފަތުރަނީ ރިޔާސީ އިންތިޚާބުން ބަލިވާނެކަން އިދިކޮޅަށް ގަބޫލުކުރެވޭތީ އިންތިޚާބު 'ގަޑުބަޑު'ކުރުމުގެ ބޭނުމުގައި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އެ ފަދަ އެއްވެސް ކަމެއް ނުކުރާކަމަށާއި ނުކުރާނެކަމުގެ ޔަގީންކަން ވެސް އެ ޕާޓީން ވަނީ ދީފައެވެ.

މީގެ އިތުރުން އެ ޕާޓީންވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރާ ރައްޔިތުން، އެ މީހުންނަށް ނޭނގި އޮޅުވައިލައިގެން، ދުރު ހިސާބުތަކަށް ވޯޓުލާން ރީ ރަޖިސްޓަރުކުރަމުން އަންނަކަމުގެ ތުހުމަތު އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ކޮށްފައެވެ.

އެއީ ސީދާ ވޯޓަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި އިދިކޮޅުން ކުރަމުން އަންނަ ކަމެއްކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އެއާއެކު އެމްޑީޕީން ވަނީ ކޮންމެ މީހަކު ވެސް އެ މީހަކު ވޯޓުލާން ހަމަޖެހިފައިވާ ވޯޓު ފޮއްޓަކީ ކޮބައިތޯ ޔަގީންކުރުމަށް އެދިފައެވެ.

ވޯޓުލާން ރަޖިސްޓަރުކޮށްފައިވާ ފޮށި ބަލާނީ VR ޖައްސަވައި ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު އައިޑީ ކާޑު ނަމްބަރު ލިޔެ، 1414އަށް އެސްއެމްއެސް ކުރައްވައިގެންނެވެ. ރީ ރަޖިސްޓަރުކުރުމުގެ މުއްދަތު މިއަދު ހަވީރު 16:00އަށް ހަމަވާނެއެވެ.

މިހާތަނަށް 25،000އަށްވުރެ ގިނަ މީހުންވަނީ ރީރަޖިސްޓަރުކުރަން އެދި ހުށަހަޅައިފައެވެ.

https://sun.mv/182092

މި ކަން އިދިކޮޅުން ކަންބޮޑުވުމެއްގެ ގޮތުގައި ނަގައި ސައްހަކަމާމެދު އަންނަނީ ސުވާލު އުފައްދަމުންނެވެ. އިދިކޮޅުން އެދެނީ މިހާރުގެ ކަންކަން ބާތިލްކޮށް އަލުން ރީ ރަޖިސްޓްރީކުރުމަށް ހުޅުވައިލުމަށެވެ.

އިދިކޮޅުގެ ކަންބޮޑުވުންތަކާ ގުޅިގެން އީސީން ބުނެފައި ވަނީ ރީރެޖިސްޓްރޭޝަންގައި މައްސަލައެއް ނޫޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

comment ކޮމެންޓް