25،000އަށްވުރެ ގިނަ މީހުން ރީރަޖިސްޓަރުކުރަން އެދުމުން ސުވާލު އުފެދޭ: މުއިއްޒު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އިދިކޮޅުން ބޭއްވި އެއްވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ: މުހައްމަދު ސާތިއު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަށް ދެ ދުވަސްތެރޭ 25،000އަށްވުރެ ގިނަ މީހުން ރީ ރަޖިސްޓަރުކުރަން ފޯމު ހުށަހެޅުމުން އެ ކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ދޭހަވާ ފަދަ މޭރުމަކުން އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ދެ ދުވަސްތެރޭ 25،493 މީހަކުވަނީ ރީރަޖިސްޓަރުކުރަން އެދި ހުށަހަޅައިފައެވެ.

ފުރަތަމަ ދުވަހު 9،206 މީހުން ހުށަހެޅިއިރު އޭގެ ތެރެއިން އޮންލައިންކޮށް އެ ކަމަށް އެދުނީ 7،267 މީހުންނެވެ.

ދެވަނަ ދުވަހު 16،287 މީހުން ފޯމް ހުށަހެޅިއިރު އޭގެތެރެއިން އޮންލައިންކޮށް ހުށަހެޅީ 11،082 މީހަކެވެ.

އިލެކްޝަނުން ބުނީ މިހާތަނަށް 10،271 މީހަކު ރީރަޖިސްޓަރު ކޮށްދީފައިވާ ކަމަށެވެ. ހުށަހެޅި 25،493 ފޯމުގެ ތެރެއިން 1،546 ފޯމު މައުލޫމާތު ފުރިހަމަ ނުވާތީ ރިޖެކްޓުކޮށްފައިވާ ކަމަށެވެ.

މި އަދަދުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައި ޑރ. މުއިއްޒު ވިދާޅުވީ އެހައި ގިނަ ބަޔަކު ރީރަޖިސްޓަރުކުރަން އެދުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި އެ ކަން ރަނގަޅަށް ބަލައި ތަހުގީގުކުރަން ޖެހޭކަމަށެވެ.

އެގޮތުން ސިޔާސީ ޕާޓީތަކާއި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި އެހެން އިދާރާތަކުން އެ ކަން ބެލުމަށް މުއިއްޒު ގޮވައިލެއްވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބުނީ 2،82395 މީހުންނަށެވެ. ނަމަވެސް މި މަހުގެ 30ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި 408 މީހަކަށް އަލަށް ވޯޓު ލެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 196 އަންހެނުންނާއި 212 ފިރިހެނުންނެވެ.

އެއާއެކު އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދު 2،82803 މީހުންނަށް އަރައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ، ވޯޓު ލުމުގެ ހައްގު ލިބިފައިވި މީހުންގެ 79 ޕަސެންޓު މީހުންނެވެ. މިއީ ރިޔާސީ އިންތިޚާބެއްގައި އެންމެ މަދުން މީހުން ވޯޓުލީ އަހަރެވެ.

comment ކޮމެންޓް