ރީ-ރެޖިސްޓްރޭޝަންގެ ސައްހަކަން ކަށަވަރު ކުރަން، ގޯހެއް ނުހިނގާ: އީސީ

އީސީގެ ނާއިބުރައީސް އިސްމާއީލް ހަބީބް "ސަން" އަށް އިންޓަވިއު ދެއްވަނީ ---

މި މަހު ނުވައެއްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ރެޖިސްޓާވުމަށް ހުޅުވާލި ފުރުސަތުގައި 25،000 ރީ-ރެޖިސްޓްރޭޝަން ފޯމު ހުށަހެޅި ނަމަވެސް އެ ޕްރޮސެސް ފުރިހަމަ ކުރަމުން ދަނީ، ފޯމުތަކުގެ ސައްހަކަށް ކަށަވަރު ކޮށްފައި ކަމަށާއި މައްސަލައެއް ނޫޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރެޖިސްޓާވާން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 25،493 މީހަކު ވަނީ ރީ-ރެޖިސްޓާވާން އެދި ހުށަހަޅައިފައެވެ. އެހެންވެ، އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، އެއީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަން ރާވައިގެން ކުރަމުން އަންނަ ކަމެއް ކަމަށް ތުހުމަތު ކޮށްފައެވެ.

އެ ތުހުމަތުތަކަށް ރައްދުދެއްވައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު "ސަން"އަށް ވިދާޅުވީ، އެ ކޮމިޝަނަށް ހުށަހެޅޭ ރީ-ރެޖިސްޓްރޭޝަން ފޯމުތައް ފުރިހަމަ ކުރަނީ އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށާއި އަދި، އެއަށް ފަހުގައި ވޯޓާސް ރެޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ވެސް ހުޅުވައިލާނެ ކަމަށެވެ.

އެހެންވެ، އޮޅުވާލައިގެން އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި އިދިކޮޅުން ތުހުމަތު ކުރާ ފަދަ އެއްވެސް ކަމެއް ނުހިނގާނެކަން ފުރިހަމައަށް ކަށަވަރުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

https://sun.mv/182092

މިހާތަނަށް 10،271 މީހަކު ރީރަޖިސްޓަރު ކޮށްދީފައިވާއިރު، 1،546 މީހެއްގެ ފޯމުގައި މައުލޫމާތު ފުރިހަމަ ނުވާތީ ވަނީ ރިޖެކްޓު ކުރެވިފައެވެ.

"ކޮމިޝަނުން އެއޮތީ އެ މީހުންނަށް ގުޅާފައި ވެރިފައި ކުރަން. އަދި، ހަމައެއާ އެކު އަޅުގަނޑުމެންގެ ވެބްސައިޓުގައި ޖަހާފައި އަދި ޕާޓީތަކަށް އެބަ ފޮނުވަން. އެހެންވީމާ ޕާޓީތަކުން ވެސް ވަރަށް ބޮޑަށް ބައްލަވަން ރަނގަޅު. އަނެއްކާ ޝަކުވާއަށް ހުޅުވައިލީމާ، ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރައްވައިގެން އަމިއްލައަށް ބައްލަވަންވީ ދެއްތޯ،" އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، އޮންލައިންކޮށް ހުށަހަޅާ ރީ-ރެޖިސްޓްރޭޝަން ފޯމުތަކުގައި ވެސް އެ މީހެއްގެ ލައިވް ފޮޓޯއެއް ހިމަނަން ޖެހޭ ކަމަށާއި އަދި، އެ ފޮޓޯގެ އިތުރަށް އެ ފޯމުތަކުގައިވާ ނަންބަރަށް ގުޅައި އެއީ ސައްހަ ފޯމެއްކަން ޔަގީން ވެސް ކުރާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ވެރިފައި ކޮށްފައި އެކަން ކުރާނީ. އެ ކަން ކުރާއިރު، ސިޔާސީ ޕާޓީތަކުން ވެސް ބައްލަވަންވީ އަދި ފަރުދީ ގޮތުން ވެސް ބައްލަވަންވީ،" އޭނާ ވިދާޅުވިއެވެ.

ރިޔާސި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އޭނާ ވިދާޅުވި ގޮތުގައި މި ފަހަރު ދެވަނަ ބުރުގައި ގިނަ ބަޔަކު ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ރީ-ރެޖިސްޓާ ކުރުމުގައި ދެ ސަބަބެއް މެދުވެރިވެދާނެ ކަމަށެވެ. އެއް ކަމަކީ، ވޯޓަށް ފަހު ރަސްމީ ބަންދު ހަތަރު ދުވަސް ލިބުމުން މާލެ ނޫން ތަނެއްގައި ވޯޓުލާން ބޭނުންވުން ކަމަށެވެ. އަނެއް ސަބަބަކީ، ފުރަތަމަ ބުރުގައި ރީ-ރެޖިސްޓާ ނުކުރެވި އޮތުން ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބުނީ 282،395 މީހުންނަށެވެ. ނަމަވެސް މި މަހުގެ 30ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި އިތުރު 408 މީހަކަށް އަލަށް ވޯޓު ލެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 196 އަންހެނުންނާއި 212 ފިރިހެނުންނެވެ.

އެއާ އެކު އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދު 2،82803 މީހުންނަށް އަރައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ، ވޯޓު ލުމުގެ ހައްގު ލިބިފައިވި މީހުންގެ 79 އިންސައްތަ މީހުންނެވެ. މިއީ ރިޔާސީ އިންތިޚާބެއްގައި އެންމެ މަދުން މީހުން ވޯޓުލީ އަހަރެވެ.

comment ކޮމެންޓް