އަންކަރާ (17 ސެޕްޓެމްބަރު 2023): ތުރުކީގެ އިންސާނީ ހައްގުތަކުގެ ހާލަތު މިހާރު އޮތް ގޮތުން ޔޫރަޕްގެ އިއްތިޙާދުގެ މެމްބަރުކަން އެގައުމަށް ދެވެންނެތް ކަމަށް އެއިއްތިހާދުގެ ރިޕޯޓެއް ބުނުމުން ތުރުކީން އެ ރިޕޯޓަށް ރައްދު ދީފިއެވެ.
ތުރުކީއާބެހޭ ގޮތުން ޔޫރަޕްގެ އިއްތިހާދުން ނެރުނު ރިޕޯޓްގައިވާގޮތުން ތުރުކީގައި އިންސާނީ ހައްގުތައް ހުރީ ޔޫރަޕްގެ އިއްތިޙާދު ގަބޫލުކުރެވޭ ދަރަޖައެއްގައެއް ނޫނެވެ. އަދި އިންސާނީ ހައްގުތައްކަމަށް ޔޫރަޕްގެ އިއްތިޙާދުން ދެކޭ ކަންކަމާއި އިންސާނީ ހައްގުތަކުގެ ގޮތުގައި ތުރުކީ ދެކޭ ކަންކަން ތަފާތުވުމަކީވެސް އެ އިއްތިޙާދުގެ މެންބަރުކަން ތުރުކީއަށް ދެވެންނެތް ސަބަބެކެވެ.
މި ރިޕޯޓަށް ރައްދު ދެއްވަމުން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ވިދާޅުވީ ޔޫރަޕްގެ އިއްތިޙާދުގައި ބައިވެރިވުމަށް އެދި ތުރުކީ އާދޭސްކުރި ޒަމާން މާޒީވެއްޖެކަމަށާއި މިހާރު ތުރުކީ އޮތީ ޔޫރަޕްގެ އިއްތިޙާދުން ނެރޭހާ ރިޕޯޓެއް އަދި އެއިއްތިހާދުން އެދޭ ހުރިހާކަމެއް ގަބޫލުކުރާ ގޮތަކަށް ނޫނެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ޝަރުތުތައް ތުރުކީގެ މަސްލަހަތާ ފުށުއަރާނަމަ ޔޫރަޕްގެ އިއްތިޙާދަށް ވަނުމުގެ މަސައްކަތް ހުއްޓާލުމަކީ އޮތް އޮޕްޝަނެއްކަމަށާ އަދުގެ ދުނިޔޭގައި ޔޫރަޕްގެ އިއްތިޙާދު ނޫން ޖަމާއަތްތައްވެސް އެބަހުރިކަމަށް އެރުދުޣާން ވިދާޅުވިއެވެ.
މި މައްސަލާގައި ތުރުކީގެ އާންމުން ދެކޭގޮތާ ބެހޭގޮތުން ކުރާ ސާވޭތަކުގެ ނަތީޖާ ދައްކާގޮތުން ތުރުކީ ޔޫރަޕް ދޫކޮށް ޗައިނާ ރަޝިއާ އިންޑިއާ އަދި އާސިޔާންގެ ގައުމުތައް ފަދަ އިރުމަތީގެ ގައުމުތަކާ ގުޅުން ބަދަހިކުރަން ބޭނުންވާ ތުުރުކީ ރައްޔިތުންގެ ނިސްބަތް އަހަރުން އަހަރަށްދަނީ ގިނަވަމުންނެވެ. މީގެ އަހަރުތަކެއް ކުރިން ތުރުކީގެ އާންމުންގެ ތެރޭގައި ގިނައީ ޔޫރަޕާ ގާތްވާން ބޭނުންވާ މީހުންނެވެ. ނަމަވެސް މިހާރުވަނީ މިހާލަތު ބަދަލުވާން ފަށާފައެވެ.
ޔޫރަޕްގެ އިއްތިޙާދުގެ މެމްބަރުކަން ހޯދުމުގެ މަސައްކަތް ތުރުކީ ފަށާފައިވަނީ 1980 ގެ އަހަރުތަކުގައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ތުރުކީގެ ހުށަހެޅުން ދިރާސާކުރާކަމަށް ބުނެ ތުރުކީއަށް ދައްކަމުން ގެންދަނީ ހަމައެކަނި ދަޅަތަކެކެވެ. އަދި ކުރިމަތި ކުރަމުންގެންދަނީ ޝަރުތުތަކެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ބައެއް ގައުމުތަކަކީ ތަރައްގީގެ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން ތުރުކީއަށްވުރެ މާ ފެންވަރުދަށް ގައުމުތަކެވެ. އިންސާނީ ހައްގުތަކަށް ބެލިނަމަވެސް ތުރުކީއަށް ވުރެ އިންސާނީ ހައްގުތަކުގެ ރެކޯޑު ދަށް ގައުމުތައް ޔޫރަޕްގެ އިއްތިޙާދުގައި ހިމެނެއެވެ.
ޔޫރަޕްގެ އިއްތިޙާދަކީ އެއްޖިންސުން ގުޅުން ހިންގުންފަދަ އިންސާނީ ނަސްލު ދެމިއޮތުމާ މުޅިން ޚިލާފު ނުބައި އަމަލުތަކަކީ އިންސާނީ ހައްގުތައް ކަމަށް ހަދައިގެން ޔޫރަޕްގެ މުޑުދާރު އައިޑިއޮލޮޖީއާއި ފިކުރުތައް އެހެން ގައުމުތަކަށް ފަތުރަން މަސައްކަތްކުރާ ޖަމާއަތެކެވެ.
ތުރުކީފަދަ އިސްލާމީ ގައުމުތަކުގެ ދީނާއި ސަގާފަތާ މިކަންކަން ފުށުއެރިނަމަވެސް މި ނުބައި ޣައިރު އަޚްލާގީ އަމަލުތައް އިންސާނީ ހައްގުތަކުގެ ނަމުގައި މުޅި ދުނިޔޭގައި ފަތުރަން ޔޫރަޕުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ތުރުކީއަށް ދޭން ފަސްޖެހޭ މައިގަނޑު ސަބަބަކީ އެއީ އިސްލާމީ ގައުމަކަށް ވުންކަމަށް އެގައުމުގެ އާންމުން ދެކެއެވެ.