އިސްރާއީލަށް ހަތިޔާރު ފޯރުކޮށްނުދޭން އެމެރިކާއަށާއި އިސްރާއީލަށް ވާގިވެރިވާ އެހެން ގައުމުތަކަށް ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެޕް ބޮރެލް ގޮވައިލައްވައިފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމެންގެންދާ ހަމަލާތައް ހައްދު ފަހަނައަޅައިފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ހަފުތާ ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ބޮރެލް ވިދާޅުވީ ހަމަލާތައް ހައްދު ފަހަނައަޅައި އިސްރާއީލުން އެތައް ބަޔަކު މަރަމުން އަންނަ ކަމަށް ގަބޫލުކުރާނަމަ، އެކަން ހުއްޓުވުމަށް އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދޭ ހަތިޔާރު މަދުކުރުމަށް ވެސް ބޮރެލް ގޮވައިލެއްވިއެވެ.
އަދި، އިސްރާއީލުން ޣައްޒާގައި މަރަމުންދާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ދުނިޔޭގެ ބޮޑެތި ލީޑަރުންނާއި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވެސް ވިދާޅުވާ އަޑު އެތައް ފަހަރަކު އިވޭ ކަމަށާއި ނަމަވެސް އެކަމަށް ހައްލެއް ގެނެވިފައިނުވާ ކަމަށް ބޮރެލް ފާހަގަކުރެއްވިއެވެ.
ޣައްޒާގެ ރަފާ ސިޓީގައި ހިޔާވަހިކަން ހޯދަމުންދާ މިލިއަނަށް ވުރެ ގިނަ ފަލަސްތީނު މީހުން އެ ސަރަހައްދުން ބޭރު ކުރަން ޖެހޭކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުއްވި އަމުރަށް ވެސް ބޮރެލް ވަނީ ފާޑުވިދާޅުވެފައެވެ. އެ މީހުން އެ ސަރަހައްދުން ނެރުމުން ދެން އެ މީހުން ދާނީ ކޮންތަނަކަށްތޯ ބޮރެލް ވަނީ ސުވާލުކުރައްވައިފައެވެ.
ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި އިސްރާއީލު ފައުޖުތަކާއި ދެމެދު މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އަންނަނީ ހަނގުރާމަ ކުރަމުންނެވެ. ހަމާސް ނައްތައިލުމުގެ މަގުސަދުގައި އިސްރާއީލުން ކުރަމުންދާ އެ ހަނގުރާމައަށް ހަތަރު މަސް ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެގޮސްފައިވާއިރު، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 28،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.