ހުޅަނގު އައްސޭރީގެ އިސްރާއީލު ވަޒަންވެރިންނަށް އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

ހުޅަނގު އައްސޭރީގައި ވަޒަންވެރިގެންއުޅޭ އިސްރާއީލު މީހުން. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނަށް ހަމަލާދިން އިސްރާއީލުގެ ވަޒަންވެރިންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިހާދު (އީޔޫ) އިން އެއްބަސްވެއްޖެއެވެ.

އެ މީހުންގެ އިތުރުން ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުގެ މެމްބަރުންނަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ވެސް އީޔޫއިން ވަނީ ނިންމައިފައެވެ.

އިޔޫގެ އެ ނިންމުމަކީ އިސްރާއީލުގެ ވަޒަންވެރިންގެ އަނިޔާވެރިކަމާ ދެކޮޅަށް 27 މެމްބަރު ގައުމުން އެއްބަސްވެ ނިންމި ފުރަތަމަ ނިންމުމެވެ.

އީޔޫގެ އޮފިޝަލުން ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންނާ ދެކޮޅަށް އެ ސަރަހައްދުގައި ވަޒަންވެރިގެން އުޅޭ އިސްރާއީލީ މީހުންގެގެ އަނިޔާވެރިކަން އިތުރުވަމުންދާތީ އެ ކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް އިސްރާއީލުގެ ވަޒަންވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ކުރިން ހަމާސްއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އަދި އެއީ ޖަރުމަނުވިލާތާއި، އޮސްޓްރިއާ އަދި ޗެކް ރިޕަބްލިކް ފަދަ އިސްރާއީލާ ގާތް އީޔޫގެ މެމްބަރު ގައުމުތަކަށް މުހިންމު ކަމެއް ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް