އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް އީޔޫއާއި ޔޫއެންޑީޕީއާއެކު އެއްބަސްވުމެއް

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----

ރާއްޖޭގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އަދުލުއިންސާފުގެ ނިޒާމު ހަރުދަނާކުުރުމަށް "އެކައުންޓަބިލިޓީ އެންޑް އިންޓެގްރިޓީ މެޓާސް އެއިމް ޕްރޮޖެކްޓް" ފެށުމަށް އީޔޫ އާއި ޔޫއެންޑީޕީ އާ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެގޮތުން މި ޕްރޮޖެކްޓަކީ އީޔޫ އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަލްޓި އިޔާ އިންޑިކޭޓިވް ޕްރޮގްރާމާއި ޔޫއެންޑީޕީ ކަންޓްރީ ޕްރޮގްރާމްއާ އެއްގޮތްވާ ގޮތުގެ މަތިން އީޔޫގެ ޚަރަދުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމު ހަރުދަނާކޮށް، މި ނިޒާމަކީ ޝާމިލް ނިޒާމަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުންދިނުން ހިމެނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----

އަދި ނިޒާމީ ގޮތެއްގައި ނަޒާހަތްތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި ތަންފީޒީ އިދާރާތައް ބާރުވެރިކުރުވުމާއި ރައްޔިތުންގެ މެދުގައި މި ނިޒާމަށް އޮތް އިތުބާރު ބޮޑުކުރުން ހިމެނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވަނީ ޑިމޮކްރެޓިކް އުސޫލުތައް ނެގެހެއްޓުމާއި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގައި އެންމެން ޝާމިލުވާ އަދުލުއިންސާފުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަންދެއްވާފައެވެ.

އަދި ޔޫއެންޑީޕީއާއި އީޔޫގެ އެހީއަކީ މި ނިޒާމު ފުރިހަމަކުރުމަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެ ކަމެއް ކަމުގައި އުޝާމް ވިދާޅުވިއެވެ.

މި އެގްރިމެންޓްގެ ދަށުން ތަންފީޒުކުރެވޭ ޕްރޮޖެކްޓްގެ ތަންފީޒީ އިދާރާތަކުގެ ގޮތުގައި ބަންޑާރަ ނައިބުގެ އޮފީހާއި، ޖުޑީޝަލް ސާވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިމެނެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައިވާ އީޔޫ ޑެލިގޭޝަންގެ ހެޑް އޮފް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޑރ ޔޮހާން ހެސް ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާއަށް ގެންނަން ބޭނުންވާ ޒަމާނީ ބަދަލުތައް ގެނައުމުގައި ރާއްޖެއަށް އެހީވުމުގެ ފުރުސަތު ލިބުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ.

އެއާއެކު، އީޔޫއަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން މިފަދަ ޕްރޮޖެކްޓެއް ޔޫއެންޑީޕީއާ ދައުލަތުގެ އިދާރާތަކާއެކު ތަންފީޒުކުރުމަށް ލިބުނު ފުރުސަތަކީ އުފަލެއް ކަމުގައި ދެކިލައްވާ ކަމުގައި ކަން އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް