ރައީސް މުޙައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނަށް އެއްބަސްވެވޭ މަދު ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ ވެރިކަން ކުރަން އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމެވެ. ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގި ވޯޓުގައި ނަޝީދުގެ އެމްޑީޕީންނާއި ޔާމީންގެ އޭރުގެ ޕާޓީ، ޕީޕަލްސް އެލަޔަންސް(ޕީއޭ)އިން ތާއީދު ކުރީ ވެސް ބަރުލަމާނީ ނިޒާމަކަށެވެ.
ނަމަވެސް އޭރު ރައްޔިތުން ނިންމީ ވެރިކަން ކުރަން އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށެވެ. އޭގެ ފަހުން، ވެރިކަންތަކެއް ބަދަލުވެފައިވާއިރު އަނެއްކާ ވެސް މި ވަނީ ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލާ ވާހަކަ އަޑުގަދަވެފައެވެ.
މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލި 225،398 މީހުންގެ ތެރެއިން ލިބުނު 15،839 ވޯޓު ނަޝީދުގެ ޑިމޮކްރެޓްސްއަށް ވީ ބޮޑު ކާމިޔާބީއަކަށެވެ. އެއާ އެކު އެ ޕާޓީން ހިފާފައި ހުރީ ވެރިކަން ކުރާ ނިޒާމް ބަދަލު ކުރުމަށެވެ. ދެވަނަ ބުރުގައި ތާއީދު ކުރާނެ ބަޔަކު ނިންމުމުގައި ވެސް އެންމެ ބޮޑަށް ކުރާ ޝަރުތަކީ ބަރުލަމާނީ ނިޒާމަކަށް އެއްބަސް ވުމެވެ. އެ ވެސް އަވަސް އަރުވާލައިގެންނެވެ. އެ ޕާޓީން ވަކާލާތު ކުރަނީ މި މަހުގެ 25 ގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓަކަށް ދިއުމަށެވެ.
އެ ކަމަށް މަގު ފަހި ކުރުމަށްޓަކައި މި ވަގުތު ރާއްޖޭގައި އެއް ބޭފުޅަކަށް އެންމެ ތާއީދު ބޮޑު ކަމަށް ފެންނަ ސިޔާސީ ލީޑަރު، ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް ބައްދަލުކުރައްވަން ނިންމަވައި އެ މަސައްކަތް ނަޝީދު މި ވަނީ ފައްޓަވާފައެވެ. ނަޝީދު މާފުށީ ޖަލަށް ޔާމީންގެ އަރިހަށް އެ ވަޑައިގަންނަވަނީ ބަރުލަމާނީ ނިޒާމަކަށް ޔާމީންގެ ތާއީދު ހޯދެއްވުމަށް ކަން މިވަނީ ހާމަ ކުރައްވާފައެވެ. ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ނަޝީދު ދައްކަވާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ނަޝީދާއި ޔާމީންގެ ސިޔާސީ މުސްތަގުބަލަށް ބަލާއިރު މި ނޫން ގޮތެއް އެބައޮތްތޯއެވެ؟

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމްއާ އެކު -- ފައިލް ފޮޓޯ/ ރައީސް އޮފީސް
ކުރުމަގަކުން ވެރިކަމަށް
ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އާދެވޭނީ މުޅި ގައުމުގެ ރައްޔިތުންގެ ތެރެއިން ވޯޓުލާ އާބާދީގެ ގިނަ ބައެއްގެ ތާއީދު ހޯދައިގެންނެވެ. އޭގެ ބަދަލުގައި ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރު ކަމަށް އައުމަށް ބޭނުންވަނީ މަޖިލީހުގެ މެޖޯރިޓީއެވެ. އެ ތިއްބަވާ މެންބަރުން ކޮޅެއްގެ ތާއީދު ހޯއްދަވަނިކޮށް ގައުމުގެ ވެރިޔާއަށް ވެވޭނެއެވެ. އެހެންކަމުން އެއީ ވެރިކަމަށް ވަޑައިގަންނަވަން ރިޔާސީ ނިޒާމަކަށް ވުރެން ކުރު އަދި ފަސޭހަ މަގެކެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޑރ. މުޙައްމަދު މުއިއްޒަކީ ބަދަލު ދެ ކުޅުންތެރިންނެވެ. އެއީ އެ ދެ ފިކުރުގެ ދެ ކުޅުންތެރިން ކަމަށްވާ ނަޝީދާއި ޔާމީނަށް ކުރިމަތި ލެއްވޭ ގޮތް ނުވުމުން ދަނޑަށް އެރުއްވި ދެ ބޭފުޅުންނެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރު ވެސް ލިބެން އޮތީ ބަދަލު ކުޅުންތެރިއަކަށެވެ. އެކަން ނިންމައި ދަނޑަށް އެރުމަށް ނަޝީދާއި ޔާމީނަށް ވެސް އޮތް ކުރުމަގަކީ ނިޒާމު ބަދަލު ކުރުމެވެ.

ރިޔާސީ ބަހުސްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ވަގުތު
މިހާރު 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން، މުއިއްޒަށް ވެރިކަން ލިބުމާ އެކު މިނިވަންވާނެކަން އެއީ ޔަގީނާ ގާތަށް ބުނަން އެނގޭ ކަމެކެވެ. ރާއްޖޭގެ ޝަރުއީ ދާއިރާގައި ކަން ހިނގާފައިވާ ގޮތުން އެހެން ބެލެވެން އެބައޮތެވެ. މިހާރު އުމުރުފުޅުން 64 އަހަރުވެފައިވާ ޔާމީން ދެން އުފެދޭ ވެރިކަމެއްގެ ދައުރު ހަމަވާއިރު ހުންނަވާނީ 69 އަހަރު ވެފައެވެ. އެހެންކަމުން ވެރިކަން ބޭނުންފުޅުނަމަ އަވަސް، ކުރު މަގެއް ޔާމީން އިހުތިޔާރު ކުރަން ޖެހެއެވެ.
"އޭނަ ބުނި މީނަ ބުނި"، ވާހަކަތަކަށް ބަލާއިރު ޔާމީންގެ މިހާރުގެ މައިގަނޑު އަމާޒަކީ އަންނަ އަހަރު ކުރީކޮޅު ބާއްވާ މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ އެ މަނިކުފާނު ހޯދެއްވުމެވެ. އެހެންކަމުން ޑރ. މުއިއްޒު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުން މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރުމުގެ ބަދަލުގައި ޔާމީންގެ ކޮންޓްރޯލް އޮތް ޕީޕީއެމުން ކެންޑިޑޭޓުން ނެރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އަޑުތައް އިވެއެވެ. ނަމަވެސް އެފަދަ ކަމެއް އަދި އޭގެން ޕާޓީއަކުން ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
"ރައީސް ޔާމީނަށް ވަފާތެރި ޓީމުތައް ރަށްރަށުގައި މިހާރު އެބަ އެކްޓިކް ކުރޭ. އެކަން ކުރަނީ ސީދާ މަޖިލީހުގެ ކޮންޓްރޯލް ޔާމީން ހޯއްދެވުމަށް. އެހެން އެކަންވެއްޖެ ނަމަ ބަރުލަމާނީ އަކަށް ދިއުން އެއީ ވަރަށް ގާތްކަމެއް،" މިދިޔަ ދައުރުގައި ޕީޕީއެމްގެ މަޖިލިސް މެންބަރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.
ޔާމީން ވިސްނުންތެރިކަމާ އެކު ފިޔަވަޅުތަކެއް ނާޅުވައިފިނަމަ ސިޔާސީ މައިދާނުގައި އެއްފަރާތްވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ޔާމީން ކުރި ހޯއްދެވި ގޮތަށް، ޔާމީންގެ މައްޗަށް ޑރ. މުއިއްޒު ކުރި ހޯއްދެވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ މާޒީއާއި މިއަދުގެ ހަގީގަތަކީ ވެސް އެއީއެވެ. އެހެންކަމުން ޖަލު ހުކުމްގެ ސަބަބުން ނުލިބުނު ރައީސް ކަމުގެ ބަދަލު ޔާމީނަށް ހޯއްދެވެން އޮތީ މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ކަމަށް ބެލެވެއެވެ.
ރައީސް ނަޝީދަށް ބަލާއިރު ބޮޑުވަޒީރަކަށް ވަޑައިގަތުމަށް އެ މަނިކުފާނު ހުންނެވީ ކެތްމަދުވެފައެވެ. މިހާރުގެ މަޖިލީހުގެ މެންބަރުކަން ހޯއްދަވައި، މޮޅު ޑްރާމާއެއްގެ ތެރެއިން މަޖިލީހުގެ ރައީސްކަން ވެސް ހޯއްދެވީ އެ ސަބަބަށްޓަކައެވެ. ޒަމާންވީ އެކުވެރިޔާ ރައީސް ޞާލިޙާ އޮތް ގުޅުން ގޯސްވީ ވެސް މި ދައުރުގެ މެދުތެރެއިން ނަޝީދު ބޮޑު ވަޒީރަކަށް ވަޑައިގަންނަވަން މަސައްކަތް ފެއްޓެވި ހިސާބުންނެވެ. އަދި، ނަޝީދުގެ މިއަދުގެ ސިޔާސީ ހަގީގަތަކަށް ބަލާއިރު މުޅި ރާއްޖޭން ތާއީދު ހޯއްދަވައިގެން ވެރިކަމަށް ވަޑައިގަތުމަކީ ފަސޭހަފުޅު ކަމެއް ނޫނެވެ. އެމްޑީޕީ ދެބައި ވުމެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާ ވާދަކުރައްވައިގެން ނަޝީދަށް ހޯއްދެވުނީ އެންމެ 15،000 ވޯޓެވެ. އަދި، އެމަނިކުފާނު ފަހަތުގައި ހުންނަވައިގެން ރިޔާސީ އިންތިޚާބަށް ނެރުއްވި އިލްޔާސް ލަބީބަށް ތާއީދު ހޯއްދެވުމަށް މުޅި ރާއްޖޭގައި ކުރެއްވި ބޮޑު ކެމްޕެއިނުން ވެސް ލިބިލެއްވީ އެންމެ 15،000 ވޯޓެވެ. އެހެންކަމުން މިއަދުގެ ސިޔާސީ މައިދާނުގައި ނަޝީދަށް ތާއީދު އޮތް މިންވަރަކީ އެއީ ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ. އެހެންކަމުން ވެރިކަން ހޯއްދެވުމަށް ނަޝީދަށް އޮތް މަގަކީ ބަރުލަމާނީކަން ވަރަށް ސާފެވެ.
ނަޝީދާއި ޔާމީން ގުޅޭނެތަ؟
އެންމެންގެ ވެސް ސުވާލަކީ ރައީސް ޔާމީން ދެން އަމަލު ކުރައްވާނެ ގޮތެކެވެ. އެ މަނިކުފާނުގެ ވެރިކަން ބަދަލު ކުރެއްވުމަށް އެތެރެއާއި ބޭރުން އެންމެ ޕްރެޝަރު ދެއްވި ނަޝީދުގެ ފަހަތަށް ޔާމީން އަރުއްވަފާނެތޯއެވެ؟
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މިހާރުގެ މަޖިލިސް މެންބަރަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި ޔާމީންގެ ސިޔާސީ ކުރިމަގާއި އަދި މިހާރުގެ މަސްލަހަތަށް ބަލައިފައި ވެސް ނަޝީދުގެ ހުށަހެޅުއްވުމަށް ޔާމީން އެއްބަހެއް ނުވާނެއެވެ.
"ޕާޓީގެ ތެރެއިން ރައީސް ޔާމީނާ ދެކޭގޮތް ވެސް ބަދަލު ވުމުގެ ފުރުސަތު އެބައޮތް ދެއްތޯ ނަޝީދާ ގުޅިފިއްޔާ. އަޅުގަނޑަށް ގަބޫލު ކުރެވޭގޮތުގައި ނަޝީދާ ބައްދަލު ކުރައްވަން ވެސް ޔާމީން ބޭނުންފުޅެއް ނުވާނެ،" އެ މެންބަރު ވިދާޅުވިއެވެ.
އެ ބޭފުޅާގެ އެ ވާހަކަފުޅުތަކަށް ޔާމީން ކުރިން ދައްކާފައިވާ ވާހަކަފުޅުތަކުން ބާރު ލިބެއެވެ. މިދިޔަ އަހަރު ޔާމީން މީޑިއާގައި ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމަކަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމުކަމުގައި ވިޔަސް ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެ ނިޒާމު ނުފެތޭ ކަމަށެވެ. ބަރުލަމާނީ ނިޒާމުގައި ގިނަ މައްސަތަކެއް އެބަހުރި ކަމަށާއި ސަރުކާރުގެ ސްޓްރެޓެޖީތައް މިފަދަ ކުޑަ ގައުމަކަށް ވަރަށް މުހިންމު ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި، ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ތާއީދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް އެ މަނިކުފާނު ގެންގުޅުއްވަނީ އިސްލާމީ ވެއްޓަށް ފެތޭ ޑިމޮކްރެސީ އެއްނޫން ކަމަށް އެ ދުވަހު ވެސް ޔާމީން ވިދާޅުވިއެވެ. ރާއްޖޭގައި އޮންނަން ޖެހޭނީ އިސްލާމީ ހަމަތަކަށް ފެތޭ ޑިމޮކްރަސީއަކަށްވާއިރު، އެ މަނިކުފާނުގެ ފިކުރާއި ނަޝީދުގެ ފިކުރާއި ތަފާތު ކަމަށް ވެސް ވިދާޅުވިއެވެ.
"އެބަހުރި ފަންޑަމެންޓަލް ބޮޑެތި އިޝޫސްތައް ރައީސް ނަޝީދުގެ ފިކުރާ އަޅުގަނޑުމެންގެ ފިކުރާ ވަރަށް ތަފާތު. އެހެންވީމަ ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެންގެ ފިކުރާ އެއްގަލަށް އަރާފާނެ ކަމަކަށް. އެހެންވީމާ އެ ފިކުރުތައް އެއްގަލަށް ނާރާ ކަމަށްވަންޏާ އަޅުގަނޑުމެން ދެބައި މީހުން އެކުގައި މަސައްކަތް ކުރާ ތަނެއް ފެންނާނެ ކަމަކަށް އަޅުގަނޑަށް ނުވެއް ވިސްނޭ،" ޔާމީން އޭރު ވިދާޅުވިއެވެ.
ކޮންމެ ގޮތެއް ވިޔަސް ސިޔާސީ ބޭފުޅުން ހުރިހާ ކަމެއްގައިހެން ވިސްނަވާނީ އެ ބޭފުޅެއްގެ ކުރިމަގަށެވެ. ޔާމީންގެ އުމުރުފުޅާއި މިހާރުގެ ސިޔާސީ ހަގީގަތަށް ބަލާއިރު ވެރިކަން ކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ ނަމަ ކުރުމަގެއް ބޭނުންވެއެވެ. ނަޝީދަށް ވެސް ހަމަ އެގޮތެވެ. އެ މަނިކުފާނަށް މިހާރު ތާއީދު އޮތް މިންވަރާއި ޕާޓީގެ ހާލަތަށް ބަލާއިރު ވެސް ވެރިކަން ކުރުމަށް ބޭނުންފުޅުވަނީ ކުރުމަގެކެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް ދެ ބޭފުޅުން އެކުގައި މަސައްކަތް ފެއްޓެވުން އެއީ ދުރުގައި އޮތް ކަމަކަށް ނުބެލެވެއެވެ.