ރައްޔިތުންގެ ވޯޓަކުން ބަރުލަމާނީ ނިޒާމް ގެންނަން ފާހެއް ނުވާނެ: ރައީސް ޔާމީން

ޖަލު ހުކުމުން މިނިވަންވެ ވަޑައިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރެއްވުން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ގޮތުގައި ބަރުލަމާނީ ގެންނަން ރައްޔިތުންގެ ވޯޓަކުން ފާހެއް ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް މި ވެރިކަމުގައި އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުން މިނިވަން ވުމަށް ފަހު އެމަނިކުފާނު ފުރަތަމަ ފަހަރަށް ރޭ ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެންމެ ކުރިންސުރެ ވެސް އެމަނިކުފާނު އަމިއްލަ ފުޅަށް ގަބޫލުކުރައްވާ ނިޒާމަކީ ބަރުލަމާނީ ކަމަށެވެ. އެ ނިޒާމަކީ ރައްޔިތުންގެ ބައިވެރިވުންވެސް އެންމެ ބޮޑަށް އޮންނަ ނިޒާމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް މިހާރު އެންމެ އެކަށޭނެ ނިޒާމު ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމަށް ނުވަނީ މިހާރަށްވުރެވެސް ބޮޑަށް ސިޔާސީ ހަލަބޮލިކަން އުފެދޭނެތީ, ޚަރަދުވެސް ބޮޑުވާނެ. މިހާރު ރާއްޖެ އޮތް ގޮތުން އެލައުއެއް ނުކުރޭ ބަރުލަމާނީ ނިޒާމަކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި ބާއްވަން ބޭނުންކަމުގައިވާނަމަ ފުރިހަމަ ކުރަން ޖެހޭ ބައިވަރު އިތުރު ކަންކަން އެބަހުރި ކަމަށެވެ.

އެގޮތުން ބަރުލަމާނީ ނިޒާމުގައި އޮންނަނީ ޕާޓީއެއްގެ ތެރެއިން މަޖިލީހަށް އިންތިހާބުވާ މެންބަރުން ވިޕަށް އަމަލު ކުރަން ޖެހޭ ގޮތަށް ކަމަށާއި އެ ނިޒާމުގައި ޕާޓީން ވަކިވުން ފަދަ ކަންކަން މަނާކުރާ ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް އެކަން ރާޢްޖޭގައި ކުރިއަށްދާ ގޮތް ތަފާތުކަމަށާއި މަޖިލިސް މެމްބަރުން ވެސް އެކި ފަހަރު އެކި ޕާޓީތަކުގައި ތިބޭއިރު އެގޮތަށް އެކަން ކުރިއަށް ގެންދަން އުނދަގޫތަކާ ކުރިމަތިވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ބޭނުންވާ ރައްޔިތުންގެ ވޯޓެއްވެސް އެކަމަށް ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭ ބޭއްވި ޕްރެސްގައި ރައީސް ޔާމީން ވަނީ ބަރުލަމާނީ ނިޒާމާއި ގުޅިގެން އެމަނިކުފާނުގެ ވިސްނުން މަޖިލިސް ރައީސް ނަޝީދުގެ ވިސްނުމާއި އެއްގޮތްވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށާއި ރައީސް ނަޝީދާއެކު ސިޔާސީ މަސައްކަތް ކުރުމަށް ތާއިދު ނުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސީޔާސީ މައިދާނުގައި ގުޅިގެން ރައީސް ނަޝީދުއާއެކު މައްސަކަތް ކުރުން ފެނުމަށްވުރެ ނުފެނުން ގާތީ. އެކަން ވުމަކީ ނާދިރުކަމެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވީ މި މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްއަށް ބަރުލަމާނީ ނިޒާމާ ގުޅޭ ގަރާރެއް ރައީސް ނަޝީދު ހުށަހަޅުއްވާފައިވަނިކޮށެވެ. އެ ގަރާރުގައި ނިޒާމް ބަދަލު ކުރަން ގާނޫނު އަސާސީ އިސްލާހު ކުރުމާއި ރައިސުލްޖުމްހޫރިއްޔާ ހޮވޭނެ ގޮތް ބަދަލުކުރަން ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް