ހުރިހާ ދާއިރާއެއްގެ މުސާރަ ވެސް ބޮޑުކޮށްދޭނަން: މުއިއްޒު

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހދ. ނޮޅިވަރަންފަރުގައި ވާހަކަ ދައްކަވަނީ --

ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ވެސް އޭނާގެ ސަރުކާރެއްގައި ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ހދ. ނޮޅިވަރަންފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރޭ ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނައަށް ބޮޑުކުރާ ވާހަކަ ވިދާޅުވުމުން ބައެއް މީހުންނަށް އެ ކަން ކުރާނެ ގޮތް އޮޅިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފުރަތަމަ އަހަރުގައި މުސާރަ ދެގުނައަށް ބޮޑުކުރާ ވާހަކަ ނޫންކަމަށާއި އެކި އަހަރުތަކަށް ބަހައިލައިގެން ކަމަށެވެ. އެ ގޮތުން ބޮޑުކުރާނީ 2024ވަނަ އަހަރު 35 އިންސައްތަ، 2026 ވަނަ އަހަރު 35 އިންސައްތަ އަދި 2028 ވަނަ އަހަރު 30 އިންސައްތަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހދ. ނޮޅިވަރަންފަރުގއި ވާހަކަ ދައްކަވަނީ --

އެހެން ނަމަވެސް، އޭނާގެ ވެރިކަމެއްގައި މުސާރަ ބޮޑުކުރާނީ ހަމައެކަނި ފުލުހުންނާއި ސިފައިންނަށް ނޫން ކަމަށާއި އެހެން ހުރިހާ ދާއިރާއެއްގެ މުވައްޒަފުންނަކީ ވެސް ވަރަށް މުހިންމު ބައެއްކަން މުއިއްޒު ފާހަގަކުރެެއްވިއެވެ.

ޔުނީފޯމް އެޅި ހުރިހާ މުއައްސަސާއެއްގެ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒަފުންނަކީ ވެސް ކޮންމެ ސަރުކާރަކުން ވެސް ތަންފީޒުކުރަން ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ މުވައްޒަފުންކަން އޭނާ ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ކަސްޓަމްސް ވިޔަސް، ކަރެކްޝަންސް ވިޔަސް، އިމިގްރޭޝަން ކަމަށް ވިޔަސް ހުރިހާ ޔުނީފޯމް ބޮޑީތައް ވެސް އޭގެ ތެރޭގައި ހިމެނޭ ގޮތަށް، މިނިވަން މުއައްސަސާތަކުގެ މުވައްޒަފުން ވެސް ހިމެނޭ ގޮތަށް، ޓީޗަރުން ނަރުހުން އަދި ހެލްތު ސާވިސް ވެސް ހިމެނޭ ގޮތަށް މި ހުރިހާ ސެކްޓާއެއްގައި ހިމެނޭ އެންމެންނަކީ މި ގައުމު ކުރިއަށް ގެންދިއުމުގައި، އޭރަކު އޮންނަ ސަރުކާރަކުން ތަންފީޒުކުރަން ބޭނުންވާ ސިޔާސަތުތައް ތަންފީޒުކޮށްދީގެން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ހަގީގީ މަސައްކަތް ކުރާ ފަރާތް،" މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް، މިހާރު އެ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލު އޮންނަ ގޮތުން އެއްވެސް ހިތްހަމަޖެހުމެއް ނޯންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެ ކަމުގެ ސަބަބުން މޯޓިވޭޝަން ގެއްލި ވަޒީފާ ދޫކޮށްލާ މީހުން ވެސް ގިނަކަމަށާއި ވޯކް އެތިކްސް ވެސް ދަށްވާ ސަބަބަކީ އެއީކަމަށް ވެސް ވިދާޅުވިއެވެ.

އޭނާގެ ވެރިކަމެއްގައި، ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކީ ކުރާ ހިތުން މަސައްކަތްކުރާ މާހައުލެއް އުފައްދާނެކަމަށާއި އެހެން ނޫންނަމަ ހަގީގީ މާނައިގައި ގައުމު ކުރިއަށް ނުގެންދެވޭނެކަމަށް ވެސް މުއިިއްޒު ވިދާޅުވިއެވެ.

ހުރިހާ ދާއިރާއެއްގެ މުވައްޒަފުންނަށް ވެސް މުސާރައިގެ ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އޭގެ ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރަމުން ގެންދާނެ ކަމަށެވެ.

އެ ކަން ކުރައްވާނީ އިގްތިސޯދީ ދާއިރާގެ ޕްރޮފެޝަަނަލުންނާ މަޝްވަރާކޮށް، ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖަހައިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ޜާއްޖޭގެ އިގްތިސޯދު ކުރިއަރުވައި އެ ކަން ކުރާނީ އިގްތިސޯދީ ދާއިރާގެ މީހުންގެ ލަފައާއެކު ކަމަށް ވެސް ވިދާޅުވިއެވެ.

މައިގަނޑު އަމާޒަކީ ހުރިހާ މަސައްކަތްތެރިން، ގައުމު ކުރިއެރުވުމުގައި، އަޅުގަނޑުމެން މި ބޭނުންވާ ގޮތަށް ގައުމު ކުރިއަށް ގެންދިއުމުގައިއެ ކުރާ މަސައްކަތް އަގުވަޒަންކުރުން،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު މިނިވަން މުއައްސަސާތައް ވެސް ހަގީގަތުގައި މިނިވަން ނޫންކަމަށާއި އެ ތަންތަނުގައި ތިބީ ސިޔާސީ އެކްޓިވިސްޓުންކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އެ ކަން އިސްލާހުކޮށް، މިނިވަން މުއައްސަަސާތައް މިނިވަންކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް