ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުރުނބާތަކެއްގެ ވެރިފަރާތް ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
އައްޑޫ ސިޓީ ފުލުހުން، ފޭސްބުކްގައި ފޮޓޯއަކާއެކު ކުރި ޕޯސްޓެއްގައި ވަނީ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުރުނބާތަކެއް ގަން ޕޮލިހަށް ގެންގޮސްފައިވާ ކަމަށެވެ.
އެހެންވެ، އެ ތަކެތީގެ ވެރިފަރާތެއް ވާނަމަ ގަމު ޕޮލިހަށް ހާޒިރުވެ، އެ ތަކެއްޗާ ހަވާލުވާން ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން ހިއްސާކުރި ފޮޓޯއިން ފެންނަނީ ތިން ކުރުނބާ އިހަލެވެ.
ފާހަގަކުރެވޭ ގޮތުގައި، ވައްކަމުގެ މައްސަލަތަކުގައި ހޯދާތަކެއްޗާއި މީހުން ހޮވައިގެން ގެންދާ ތަކެތީގެ ވެރި ފަރާތް ހޯދަން ފުލުހުން ދޭތެރެދޭތެރެއިން އަންނަނީ އިއުލާންތައް ކުރަމުންނެވެ.
މި ހަފުތާގެ އަންގާރަ ދުވަހު ވެސް އައްޑޫ ފުލުހުން ވަނީ، 13 ކެޔޮގަނޑު ހަވާލުކުރާނެ ވެރިފަރާތެއް ހޯދަން އިއުލާނުކޮށްފައެވެ.