ރިޔާޟް (16 ސެޕްޓެމްބަރު 2023): ޔަމަންގެ ހަނގުރާމަ ދާއިމީ ގޮތަކަށް ހުއްޓާލައި އެގައުމުގައި ސުލްހަ ގާއިމްކުރުމާބެހޭގޮތުން މަޝްވަރާ ކުރުމަށް ޓަކައި ޔަމަންގައި ވެރިކަންކުރާ ހޫޘީ ޖަމާއަތުގެ ވަފުދެއް ސަޢޫދީއަށް ހިނގައްޖެއެވެ.
ޔަމަންގައި ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު އެގައުމުގެ އިދިކޮޅު ޖަމާއަތެއްކަމަށްވާ ހޫޘީ ޖަމާއަތުން ޔަމަންގެ ވެރިކަމަށް ކުއްލި ގޮތަކަށް އަތްގަދަކޮށް ވެރިރަށް ސަންއާ ހިފުމާ ގުޅިގެން ޔަމަންގެ އޭރުގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ސިއްރިޔާތުގައި ސައޫދީއަށް ފިއްލެވުމާ ގުޅިގެންނެވެ.
ހާދީ ސައޫދީއަށް ފިއްލެވުމާއެކު ސައޫދީ އިސްވެ އޮވެގެން ޔޫއޭއީ އާއި ގަތަރާއެކު ހޫޘީންނާ ހަނގުރާމަކޮށް ރައީސް ހާދީ އަލުން އަނބުރައި މަގާމަށް ގެނައުމަށްޓަކައި އަރަބި ލަޝްކަރެއް އުފައްދައި ހާދީއަށް ވަފާތެރި ޔަމަންގެ ހަނގުރާމަވެރިންނާއެކު ޔަމަނަށް އަސްކަރީ ގޮތުން ވަދެގަތެވެ.
ނަމަވެސް ހަތް އަހަރުވަންދެން މިލަޝްކަރު ހޫޘީންނާ ހަނގުރާމަ ކުރިއިރުވެސް ހޫޘީން ބަލިކޮށް ނުލެވުނެވެ. އަދި ހާދީ ވެރިކަމަށް ގެނެވޭނެގޮތެއްވެސް ނުވިއެވެ. ނަތީޖާއަކަށްވީ ސައޫދީ ހޫޘީން ބަލިކުރަން އުފެއްދި އަރަބި ކޯލިޝަން ރޫޅިގެން ދިޔުމެވެ. މިއާއެކު ހަނގުރާމަވަނީ އަމަލީގޮތުން ނިމުމަކަށް އައިސްފައެވެ. ރަސްމީ ސިފައެއްގައި ސުލްހައިގެ އެއްބަސްވުމެއް ނެތިއެވެ.
ފުރަތަމަ އެކޯލިޝަނުން ވަކިވީ ގަތަރެވެ. އެއީ 2017 ވަނަ އަހަރުގައެވެ. އެއަށްފަހު ޔޫއޭއީވެސް ގެންދިޔައީ އެކޯލިޝަނާ ވަކިން ޔަމަންގައި ޔޫއޭއީގެ އަމިއްލަ މަގްސަދުތަކެއް ހާސިލް ކުރަން މަސައްކަތް ކުރަމުންނެވެ.
މިހިސާބުން ސައޫދީ މަސައްކަތް ފެށީ ހަނގުރާމަ ހުއްޓާލުމަށްފަހު ހޫޘީންނާ ސުލްހަވެ ޔަމަންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ. ހާދީގެ ވެރިކަންވެސް މިދިޔަ އަހަރުވަނީ ސައޫދީގެ ފިއްތުންތަކާއެކު ނިމުމަކަށް އައިސްފައެވެ.
ހާދީގެ ވެރިކަމުގެ ބަދަލުގައި ޔަމަންގެ ވެރިކަމަށް ސައޫދީ އުފެއްދީ ރިޔާސީ ކައުންސިލެކެވެ. މިކައުންސިލްގެ ވެރިއަކީ ރަޝާދު އަލްއަލީމީއެވެ. ނަމަވެސް މިކައުންސިލުން ވެރިކަން ކުރަނީ ހޫޘީންގެ ބާރު ނެތް ސަރަހައްދުތަކުގައެވެ. ޔަމަންގެ ވެރިރަށް ސަންއާގައި މިހާރުވެސް ވެރިކަން ކުރަނީ ހޫޘީ ޖަމާއަތުންނެވެ.
ޔަމަންގެ ސިފައިންގެ ކޮންޓްރޯލްވެސް އަދި އެގައުމުގެ މުއައްސަސާތަކުގެ ކޮންޓްރޯލް އަދިވެސް އޮތީ ހޫޘީންގެ އަތްދަށުގައެވެ. ޔަމަންގައި ސުލްހަ ގާއިމް ކުރުމާބެހޭގޮތުން ހޫޘީންނާ މަޝްވަރާކުރުމަށްޓަކައި ސައޫދީގެ ވަފުދެއް މިއަހަރުގެ ކުރީކޮޅު ޔަމަންގެ ވެރިރަށް ސަންއާއަށް ދިޔައެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އެތަކެއް ލައްކަ ބަޔަކު މަރުވެފައިވާއިރު މިހަނގުރާމައިގެ ސަބަބުން ޔަމަނުގެ ހަތަރު މިލިޔަނަށްވުރެ ގިނަ އާންމުންވަނީ ހާލުގައިޖެހިފައެވެ. އަދި ޔަމަންގެ އިންފްރާސްޓްރަކްޗަރު ހަލާކުވެ އެ ގައުމަށްވަނީ އިންސާނީ މުސީބާތެއް ކުރިމަތިވެފައެވެ.
ހޫޘީންނާއި ސައޫދީ މަސްއޫލުވެރިންނާ ދެމެދު ސައޫދީ ވެރިރަށް ރިޔާޟްގައި ބާއްވާ މަޝްވަރާތައް ބިނާކުރާނީ ހޫޘީންގެ ބާރުގެ ދަށުގައިވާ ޔަމަންގެ ކަނޑުގެ ބަނދަރުތަކާއި ސަންޢާގެ ވައިގެ ބަނދަރު އަލުން ހުޅުވާލުމާއި ޔަމަނުން ބޭރުކުރާ ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީން ޔަމަން ސަރުކާރު މުވައްޒަފުންނަށް ޔަމަންމުސާރަ ދިނުމާއި، ގައުމު އަލުން ބިނާކުރުމާއި، ޔަމަނުގައި ތިބި ބޭރުގެ ސިފައިން (ސައޫދީ ސިފައިންވެސް ހިމެނޭގޮތަށް) ބޭލުމާ ގުޅޭ ގޮތުންކަމަށް މިކަމުގައި މެދުވެރިއެއްގެ ބައި އަދާކުރާ އުމާންގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.
ޔަމަނުގައި ހަނގުރާމަ ހުއްޓާލައި ސުލްހައަށް މަގުފަހިވެފައި މިވަނީ މިއަހަރުގެ ކުރީކޮޅު ސަޢޫދީއާއި އީރާނާ ދެމެދު ސިޔާސީ ގުޅުންތައް އަލުން ގާއިމުކުރުމާ ގުޅިގެންނެވެ. ސައޫދީއާއި އީރާނާ ދެމެދު ގުޅުންތައް އަލުން ގާއިމްކުރުމުގައި މެދުވެރިއެއްގެ ބައި އަދާކޮށްފައިވަނީ ޗައިނާއިންނެވެ.