ކުޅުދުއްފުށީ ހައުސިން ޔުނިޓު މަސައްކަތް ކުރާ މީހުންގެ އެކޮމަޑޭޝަން ބްލޮކްގައި އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށީގައި ހަދަމުންދާ 400 ހައުސިން ޔުނިޓުގައި އަލިފާން ރޯވެފައި --

ހދ. ކުޅުދުއްފުށީގައި މިދިޔަ ޖުލައި މަހު އަޅަންފެށި 400 ހައުސިން ޔުނިޓުގެ މަސައްކަތް ކުރާ މީހުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހު 02:30 ހާއިރެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ކުޅުދުއްފުށީގެ ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ 30 ވަކަރަށް މިނިޓުތެރޭ ސިފައިންގެ އެހީތެރިކަމާއެކު އަލިފާން ނިއްވާލެވިފައި ވާކަމަށެވެ.

"400 ހައުސިން ޔުނިޓު އަޅާ ސަރަހައްދުގެ ބަދިގޭގައާއި އަދި އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަލިފާނުގެ ސަބަބުން އެތަނަށް ލިބިފައިވާ ގެއްލުން އަދި ފެނިފައި ނުވާކަމަށެވެ.

ޖުލައި މަހުގެ ހަތްވަނަ ދުވަހު ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އަޅަން ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނިކަމުގައިވާ ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ.

މި މަޝްރޫއުގެ ދަށުން ގާއިމްކުރާ ހައުސިން ޔުނިޓުތަކުގައި 1000 އަކަފޫޓު ހުންނަ އިރު މިއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރިއާއި ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެއެވެ.

މި ހައުސިން ޔުނިޓުތައް އިމާރާތް ކުރާނީ 11 ބުރިއަށެވެ.

comment ކޮމެންޓް