ބެއިޖިން (16 ސެޕްޓެމްބަރު 2023): އިނގިރޭސިވިލާތަކީ ޗައިނާއާ ވާދަކުރެވޭ ވަރަށްވުރެ ހުރިހާ ގޮތަކުންވެސް މާކުޑަ އަދި މާ އާދައިގެ ގައުމެއްކަމަށް ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ތަރުޖަމާން ވިކްޓަރ ޖާއޮ ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތަކީ ޗައިނާގެ ކުރިމަތީގައި ކިހާވަރެއްގެ ގައުމެއްތޯ ބީބީސީގެ ރިޕޯޓަރެއްކަމަށްވާ އެންޑްރޫ މާ، ޗައިނާ މަސްއޫލުވެރިއެއް ކަމަށްވާ ވިކްޓަރ ޖާއޮ އާ ސުވާލު ކުރެއްވުމުން ޖާއޮ ވިދާޅުވީ އިނގިރޭސިވިލާތަކީ ޗައިނާ މާބޮޑު ބުރަދަނެއް ދޭ ގައުމެއް ނޫންކަމަށާ އިނގިރޭސިވިލާތަކީ ޗައިނާއާ ވާދަކުރެވޭ ވަރަށްވުރެ ހުރިހާ ގޮތަކުންވެސް މާކުޑަ އާދައިގެ ގައުމެއް ކަމުގައެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި އިނގިރޭސިވިލާތް އަދާކުރާ ދައުރަކީވެސް އެކަމާމެދު ޗައިނާ ކަންބޮޑުވާންޖެހޭ ވަރުގެ ބުރަދަން ހުރި ދައުރެއްނޫންކަމަށް ޖާއޮ ވިދާޅުވިއެވެ. ޖާއޮ އަކީ ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ތަރުޖަމާނެވެ.
ޖާއޮ ވިދާޅުވިގޮތުގައި ޗައިނާއަށް ބަލާއިރު އިނގިރޭސިވިލާތަކީ ވާދަވެރިއެއްވެސް އަދި ދުޝްމަނެއްވެސް ނޫނެވެ. އިނގިރޭސިވިލާތަކީ ދުނިޔޭގައި ޗައިނާ ޖެހިލުންވާރުގެ ބުރަދަނެއްހުރި ގައުމެއް ނޫންކަމަށް ސިފަކުރައްވަމުން ދުނިޔޭގައި އިނގިރޭސިވިލާތުގެ ބުރަދަން ހުރި މިންވަރު އެގައުމު އަމިއްލައަށް ވަޒަންކޮށްލުމުން އެކަން އެނގޭނެކަމަށްވެސް ޖާއޮ ވިދާޅުވިއެވެ.
ޗައިނާގެ މަސްއޫލުވެރިއާގެ މިޖަވާބާ ގުޅިގެން ބީބީސީ ގެ މުރާސިލަށްވަނީ ސިހުން ލިބިފައެވެ. އަދި ލަދުގަނެފައެވެ. މިއާއެކު ޗައިނާގެ މަސްއޫލުވެރިޔާގެ މިވާހަކަތައްވަނީ ސޯޝަލް މީޑީއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
އިނގިރޭސިވިލާތުގެ އިގްތިސާދުގެ މިންވަރަކީ ގާތްގަނޑަކަށް ތިން ޓްރިލިޔަން ޑޮލަރެވެ. ނަމަވެސް ޗައިނާގެ އިގްތިސާދަކީ ގާތްގަނޑަކަށް 19 ޓްރިލިޔަން ޑޮލަރެވެ. އާބާދީއަށް ބެލިނަމަވެސް އިނގިރޭސިވިލާތުގެ އާބާދީއަކީ ގާތްގަނޑަކަށް 67 މިލިޔަން މީހުން ކަމަށްވާއިރު ޗައިނާގެ އާބާދީއަކީ ގާތްގަނޑަކަށް 14 ހާސް މިލިޔަން މީހުންނެވެ.
ސިނާއީ އުފެއްދުންތެރިކަމަށް ބަލާއިރު ޗައިނާގައި އުފައްދާ ތަކެތީގެ ހައެއްކަ ޕަސެންޓްގެ މިންވަރެއްވެސް އިނގިރޭސިވިލާތަށް ނުއުފެއްދެއެވެ. ޗައިނާގައި އުފައްދާ ވަރަށް ގިނަ ބާވަތްތަކުގެ ހައިޓެކް އުފެއްދުންތަކަކީ އިނގިރޭސިވިލާތުގައި އެތަކެތި އުފެއްދުމުގެ އެއްވެސް ގާބިލުކަމެއް ނެތްތަކެއްޗެވެ.
ބިމުގެ ބޮޑުމިނަށް ބެލިނަމަވެސް އިނގިރޭސިވިލާތަކީ ޗައިނާގެ އެންމެ ޕްރޮވިންސަކަށްވުރެވެސް ބިމުގެ ގޮތުން ކުޑަ ގައުމެކެވެ.
ވިޔަފާރީގެ މުއާމަލާތްތަކަށް ބެލިނަމަވެސް ޗައިނާ ދުނިޔޭގެ ގައުމުތަކާއެކު ކުރާ ވިޔަފާރީގެ ހައެއްކަ ޕަސެންޓްވެސް އިނގިރޭސިވިލާތަށް ނުކުރެވެއެވެ. ޒަމާނެއްގައި ބާރުގަދަ އިސްތިއުމާރީ އެންޕެއާ އެއްގެގޮތުގައި އިނގިރޭސިވިލާތް އޮތްދުވަސްވަރެއް ދިޔަނަމަވެސް އިނގިރޭސިވިލާތަކީ މިހާރު އާދައިގެ ވަރެއްގެ ގައުމެކެވެ. އެއްވެސް ގޮތަކުން ޗައިނާއާ އަޅާކިޔާލެވޭ ވަރުގެ ގައުމެއް ނޫނެވެ.
ބައިނަލްއަގްވާމީ މަސްހަރުގައިވެސް އިނގިރޭސިވިލާތަކީ އެމެރިކާގެ ފަހަތުން އެމެރިކާގެ ހިޔަނީގައި އުޅޭ ގައުމެކެވެ. ނަމަވެސް ޗަައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ދެބާރުގެ ތެރެއިން އެއްބާރެވެ. އެމެރިކާވެސް އެންމެ ޖެހިލުންވަނީ ޗައިނާ ދެކެއެވެ. ޗައިނާ ދެކެ އެމެރިކާ ޖެހިލުންނުވާ އެންމެ ދާއިރާއެއްވެސް ނެތެވެ.
ޗައިނާގެ މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި އިނގިރޭސިވިލާތަކީ ޗައިނާގެ ވާދަވެރިއެއްގެ ގޮތުގައި ނުބަލާފަދައިން ދުޝްމަނެއްގެ ގޮތުގައިވެސް ބަލާ ގައުމެއްނޫނެވެ. ނަމަވެސް އިނގިރޭސިވިލާތާއެކު ސުލްހަވެރި ގުޅުންތަކެއް ގާއިމް ވެފައި އޮތުމަކީ މުހިއްމު ކަމެއްކަމަށް ޗައިނާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.