ޗައިނާގެ ޓިބެޓް ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސް 32 މީހުން މަރުވެއްޖެ

ޗައިނާގެ ޓިބެޓް ސަރަހައްދަށް މިއަދު އައި ބިންހެލުމުގެ އަސަރު ނޭޕާލަށް ކުރުމުގެ ސަބަބުން މީހުން ބޭރަށް ނުކުމެ، ފޮޓޯ/ރޮއިޓާސް

ޗައިނާގެ ޓިބެޓް ސަރަހައްދުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ސިގަޓޭޝް ކައިރިއަށް ބާރުގަދަ ބިންހެލުމެއް އައިސް 32 މީހުން މަރުވެ, އިމާރާތްތަކަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

ޗައިނާ އާތުކުއޭކް ނެޓްވޯކްސް ސެންޓަރު (ސީއީއެންސީ) އިން ބުނީ ބިންހެލުން އައިސްފައިވަނީ ނޭޕާލްގެ ބޯޑަރު ކައިރިއަށް 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި މިއަދު ހެނދުނު ޗައިނާ ގަޑިން 9:05 ގައި ކަމަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ ބިންހެލުމުގެ ބާރުމިނަކީ 7.1 މެގްނިޓިއުޑް ކަމަށެވެ.

ސީއީއެންސީން ބުނީ ބިންހެލުންތަކަކީ އެ ސަރަހައްދަށް އާންމު ކަމެއް ނަމަވެސް މިއަދު އައި ބިންހެލުމަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، 200 ކިލޯމީޓަރުގެ އެ ސަރަހައްދަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ.

ޗައިނާގެ ރަސްމީ މީޑިއާ, ޝިންހުއާ ނިއުސް އެޖެންސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝިގަޓްސޭގެ ވަށައިގެންވާ ޓިންގްރީ ކައުންޓީގެ ތިން ޓައުންޝިޕް ކަމަށްވާ ޗަންގްސޫއޯ، ކުލޫއޯ އަދި ކުއޯގޫއޯގައި ގިނަ އިމާރާތްތަކެއް ވަނީ ވެއްޓިފައެވެ.

ޗައިނާގެ މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަނުން ބުނީ އެ ސަރަހައްދުގެ ފިނިހޫނުމިން މައިނަސް އަށް ޑިގްރީ ސެލްސިއަސް (46 ޑިގްރީ ފެރެންހައިޓް) އާ ގާތްކުރާ ކަމަށާއި މިރޭ މައިނަސް 18 އަށް ދަށްވާނެ ކަމަށެވެ.

ޓިބެޓަށް އައި އެ ބިންހެލުމުގެ އަސަރު އިންޑިއާގެ އުތުރުގެ ބިހާރު ސްޓޭޓަށާއި، ގާތްގަނޑަކަށް 400 ކިލޯމީޓަރު (248 މޭލު) ދުރުގައި އޮންނަ ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއަށް ވެސް ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މައުންޓް އެވަރެސްޓް ކައިރީގައި އޮންނަ ނޭޕާލްގެ ހިމާލަޔާން ސަރަހައްދުގެ ލޮބޫޗޭގެ ވަށައިގެންވާ ސަރަހައްދުތައް ވެސް ވަނީ ބިންހެލުމުގެ އަސަރު ކޮށްފައެވެ.

ނޭޕާލް އަދި ޗައިނާގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކަކީ ބިންހެލުންތައް ގިނައިން އަންނަ ސަރަހައްދުތަކެކެވެ.

ސީސީޓީވީން ބުނާ ގޮތުގައި ފާއިތުވި ފަސް އަހަރު ތެރޭގައި ޝިގަޓްސޭއަށް ރިކްޓާ މިންގަނޑުން ތިނެއް ނުވަތަ އެއަށްވުރެ ބާރުމިނުގައި 29 ބިންހެލުން އައިސްފައިވެއެވެ. ނަމަވެސް އެ ބިންހެލުންތަކަކީ މިފަހަރުގެ ބިން ހެލުމަށްވުރެ ކުދި ބިންހެލުންތަކެވެ.

ޗައިނާގެ ސިޗުއާން ޕްރޮވިންސަށް 2008 ވަނަ އަހަރު އައި ބޮޑު ބިންހެލުމެއްގައި ގާތްގަނޑަކަށް 70،000 މީހުން މަރުވެފައިވެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ނޭޕާލްގެ ކަތުމަންޑޫއަށް 7.8 ގެ ބާރުމިނުގައި އައި ބިންހެލުމުގައި 9،000 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ. އެ ބިންހެލުމަކީ ނޭޕާލަށް މިހާތަނަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ.

comment ކޮމެންޓް