ޓިބެޓް ބިންހެލުމުގައި މިހާތަނަށް 126 މަރު، 1،000 އަށްވުރެ ގިނަ ގެ ވެއްޓުނު

އިއްޔެ ޗައިނާގެ ޓިބެޓަށް އައި ބިންހެލުމުގައި ގެ އެއް ވެއްޓިފައި. އެ ހާދިސާގައި ހާހަކަށްވުރެ ގިނަ ގެއަށް ވަނީ ގެއްލުން ލިބިފައި -- ފޮޓޯ/އޭއެފްޕީ

އިއްޔެ ހެނދުނު ޗައިނާގެ ޓިބެޓް ސަރަހައްދުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ސިގަޓޭޝް ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 126 އަށް އަރާފައިވާ ކަމަށާއި، ވެއްޓުނު ގެތަކުގެ އަދަދު 1,000 އަށްވުރެ ގިނަ ވާނެ ކަމަށް މީހުން ސަލާމަތްކުރުމުގައި އުޅޭ ފަރާތްތަކުން ހާމަކޮށްފިއެވެ. އެ ހާދިސާގައި 188 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ.

ބިންހެލުން އައިތާ ގަޑިއެއްހާއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު އެއްވަރަކަށް އިތުރުވެފައިވާ ކަމަށް ދައުލަތުގެ މީޑިއާއެއް ކަމަށްވާ ޒިންހުއާއިން ބުނެއެވެ. ފުރަތަމަ ރިޕޯޓްކުރީ 53 މީހުން މަރުވެ، ގާތްގަނޑަކަށް 60 މީހުން ޒަޚަމުވެފައިވާ ކަމަށެވެ. އޭގެ ގަޑިއެއްހާއިރު ފަހުން ގާތްގަނޑަކަށް 95 މީހުން މަރުވެ، 130 މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ހާދިސާގައި ޒަޚަމްވި މީހަކު ގެންދަނީ. ބިންހެލުމުގެ ސަބަބުން މިހާތަނަށް 126 މީހުން މަރުވެ، 188 އަށްވުރެ ގިނަ މީހުން ވަނީ ޒަޙަމްވެފައި. ފޮޓޯ/އީޕީއޭ

ޗައިނާ އާތުކުއޭކް ނެޓްވޯކްސް ސެންޓަރު (ސީއީއެންސީ)ން ބުނީ، ބިންހެލުން އައިސްފައިވަނީ ނޭޕާލްގެ ބޯޑަރު ކައިރިއަށް 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި އިއްޔެ ހެނދުނު ޗައިނާ ގަޑިން 9:05 ގައި ކަމަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ، ބިންހެލުމުގެ ބާރުމިނަކީ 7.1 މެގްނިޓިއުޑް ކަމަށެވެ.

ސީއީއެންސީން ބުނީ، ބިންހެލުންތަކަކީ އެ ސަރަހައްދަށް އާންމު ކަމެއް ނަމަވެސް މިއަދު އައި ބިންހެލުމަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، 200 ކިލޯމީޓަރުގެ އެ ސަރަހައްދަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ.

ޓިބެޓަށް އައި އެ ބިންހެލުމުގެ އަސަރު އިންޑިއާގެ އުތުރުގެ ބިހާރު ސްޓޭޓަށާއި، ގާތްގަނޑަކަށް 400 ކިލޯމީޓަރު (248 މޭލު) ދުރުގައި އޮންނަ ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއަށް ވެސް ކުރި ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

comment ކޮމެންޓް