ހައިވޭ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި، ދެ ލައްކަ ރުފިޔާގެ ގެއްލުން

ހައިވޭ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި ސޯލާ ޕެނަލްތަކަށް ގެއްލުން ވެފައި--

މާލެއިން ހުޅުމާލެއަށް ދަތުރުކުރި ޓެކްސީއެއް، ހައިވޭ ސޯލާ ޕެނަލްތަކުގައި ޖެހި ދެ ލައްކަ ރުފިޔާގެ ގެއްލުންވެއްޖެއެވެ.

ހައިވޭ ސޯލާ ޕެނަލް މަޝްރޫއު ކުރިއަށްގެންދާ އެސްޕަޔާ ޕްރޮޖެކްޓުގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓް އިފާދު ވަހީދު މިއަދު "ސަން"އަށް ވިދާޅުވީ ހައިވޭގައި ހިނގައިދިޔަ ހާދިސާގެ ސަބަބުން ހައިވޭގައި ހުރި ތިނެއް ނުވަތަ ހަތަރު ސޯލާ ޕެނަލްއަކަށް ގެއްލުން ވެފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި ސޯލާ ޕެނަލްތަކުގެ ސްޓްރަކްޗާއަށް ވެސް ގެއްލުން ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިފާދު ވިދާޅުވީ އެ ހާދިސާގެ ސަބަބުން ސޯލާ ޕެނަލްތަކަށާއި އޭގެ ސްޓްރަކްޗާއަށް ދެ ލައްކަ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ. ނަމަވެސް އެ ސޯލާ ޕެނަލްތައް ހުންނަނީ އިންޝުއާ ކޮށްފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހާދިސާ އާ ގުޅޭގޮތުން ފުލުހުން ބުނީ ފުލުހުންނަށް އެ ހާދިސާ ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 7:10 ހާއިރު ކަމަށެވެ.

ޓެކްސީއަށާއި ސޯލާ ޕެނަލްތަކަށް އެކި ވަރުގެ ގެއްލުން ވެފައި ވީ ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިިޔާވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް