އަހަރެއް ތެރޭ 700 އަށްވުރެ ގިނަ ފިލްމު ބަލައިގެން ދުނިޔޭގެ ރެކޯޑް ފޮތަށް

އެމެރިކާގެ ރައްޔިތަކު އެއް އަހަރު ތެރޭގައި 700 އަށްވުރެ ގިނަ ފިލްމު ސިނަމާގައި ބަލައިގެން ދުނިޔޭގެ ރިކޯޑެއް ޤާއިމްކޮށްފިއެވެ.

އެންމެ ގިނަ ފިލްމު ބެލުމުގެ ރިކޯޑް ޤާއިމްކުރީ އެމެރިކާގެ ޕެންސެލްވީނިއާގެ ރައްޔިތެއް ކަމަށްވާ ޒެކް ސްވޮޕްއެވެ. އޭނާ ވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 777 ފިލްމު ބަލާފައެވެ. މީގެ ކުރިން މިރިކޯޑް އޮތީ 715 ފިލްމު ބަލައިގެން ފްރާންސްގެ ރައްޔިތެއްގެ އަތުގައެވެ.

މި ރިކޯޑް ޤާއިމް ކުރުމަށްޓަކައި، ކޮންމެ ފިލްމެއް ވެސް ފެށިގެން ނިމެންދެން ބަލަންޖެހޭ ކަމަށާއި، އަދި ފިލްމު ބަލާއިރު އިތުރު އެހެން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ޤަވާއިދުގައި ކަނޑައަޅާފައިވެއެވެ. ގިނިސް ވޯލްޑް ރިކޯޑުން ހާމަކޮށްފައިވާ ގޮތުގައި ފިލްމު ބަލަން އިންނަ އިރު ނިދުން ނޫނީ ފޯނު ބޭނުންކުރުން ފަދަ ކަމެއް ކޮށްފިނަމަ އެ މީހަކު ޑިސްކޮލިފައިވާނެއެވެ. ޒެކް ސްވޮޕް ފިލްމުތައް ސިނަމާގައި ބެލިއިރު، އެ ތަނުގެ މުވައްޒަފުން، އޭނާ ޤަވާއިދާ ޚިލާފުވޭތޯ މޮނިޓާ ކުރަމުން ދިޔަމަކަށް ވެސް ބުނެފައިވެއެވެ.

އެއް އަހަރު ތެރޭގައި އެންމެ ގިނަ ފިލްމު ބެލުމުގެ ރިކޯޑް ޤާއިމް ކުރުމަށް ސްވޮޕް މަސައްކަތް ކުރިއިރު، އޭނާގެ ވަޒީފާ ވެސް ކުރިއަށްގެންދިޔަ ކަމަށާއި، އެގޮތުން ވަޒީފާގެ ވަގުތު ނިމުމާ އެކު ސިނަމާއަށް ގޮސް ފިލްމުތައް ބަލަން ފަށާ ކަމަށް ބުނެފައިވެއެވެ.

ރިކޯޑް ޤާއިމްކުރުމަށް އޭނާ ވަނީ ހަފުތާއަކު 16 ނޫނީ 17 ފިލްމު ބަލައިފައެވެ.

comment ކޮމެންޓް