ހިޔާ ފްލެޓެއްގެ ބެލްކަނީގައި ކުޑަ ކުއްޖަކު ބަހައްޓާ ތަޅުލިކަމަށް ބުނެ އިއްޔެ ފެންމަތިވި މައްސަލައިގައި ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، އެ މައުލޫމާތު ލިބުމާއެކު މިނިސްޓްރީގެ އިޖްތިމާއީ ޚިދުމަތްތެރިން އެ މާހައުލަށް ވަގުތުން ޒިޔާރާތް ކުރިކަމަށެވެ.
އަދި ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ކުއްޖާގެ އާއިލާއަށް ފޯރުކޮށްދޭން ޖެހޭ ނަފްސާނީ އެހީތެރިކަން ވެސް ފޯރުކޮށްދީފައި ވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅިގެން އިތުރަށް މިނިސްޓްރީން ބުނީ، މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުން ދާކަމަށެވެ. އެޅިފިޔަވަޅުތަކުގެ ތަފްސީލެއް މިނިސްޓްރީއަކުން ނުދެއެވެ.
މިފަދަ ހާދިސާއެއް ހިނގައިފި ނަމަ ސޯޝަލް މީޑިއާގައި ފޮޓޯ އަދި ވީޑިއޯ ހިއްސާ ނުކޮށް މިނިސްޓްރީއަށް މައްސަލަ ހުށަހެޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
އިއްޔެ ފޭސްބުކްގައި އާންމު ވި ވީޑިއޯއިން ފެންނީ އުމުރުން ތިންހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ބެލްކަނީގައި ބަހައްޓާ ދޮރު ތަޅުލާފައި ވާތަނެވެ. އެ ކުއްޖާ ރޯ އަޑު ވެސް ވީޑިއޯއަށް އަރާފައި ވެއެވެ.
މި ވީޑިއޯ ފޭސްބުކްގައި ހިއްސާކުރި މީހާ ލިޔެފައި ވަނީ، އެ ކުޑަ ކުއްޖާއަށް އިހުމާލުވީ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާ ކަމަށެވެ.