ކުޑަ ކުއްޖަކު ބެލްކަނީގައި ތަޅުލި މައްސަލަ ބަލަނީ

ހިޔާ ފްލެޓުތައް--- ސަން ފޮޓޯ/ ޢަބްދުﷲ ޙުސައިން

ބަލާބެލުމަށް އުމުރުން ތިންހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާހުރީ ގަޔަށް އެއްޗެއް ވެސް ނުލައްވާ ރޭގަނޑުގެ ވަގުތެއްގައި ހިޔާ ފްލެޓެއްގެ ބެލްކަންޏަށް ނެރެ ތަޅުލައިފައެވެ. ބެލްކަނީގެ ބިއްލޫރިގަނޑުގައި ތަޅަމުން އެ ކުއްޖާ މަސައްކަތް ކުރީ ތަޅުލާފައިވާ އެ ދޮރު ހުޅުވުމަށެވެ.

ރޭ ފޭސްބުކްގައި އާންމުވެފައިވާ މި ވީޑިއޯގައި އެ ކުއްޖާ ބާރަށް ރޮއެ އާދޭސްކުރާ އަޑު އަރާފައި ވެއެވެ. އަދި އަޑުންއަޑު ނަގާ މަންމައަށް ގޮވާއިރު އެ ކުއްޖާ ބިރުގަނެފައި ވާ މިންވަރު އަޑުން ވެސް ހާމަވެއެވެ.

މި ވީޑިއޯ ފޭސްބުކްގައި ހިއްސާ ކުރި މީހާ ލިޔެފައި ވަނީ މި ކުޑަ ކުއްޖާއަށް އިހުމާލުވީ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާ ކަމަށެވެ.

"އެއްބަޔަކު ދަރިން ނުލިބިގެން އެކަމާ ރޮއެ އާދޭސް ދަންނަވަނީއެވެ. އަނެއްބަޔަކު ދަރިން ވިހާފައި އެ ދަރިންނަށް އިހުމާލު ވަނީއެވެ،" އޭނާ ލިޔެފައި ވެއެވެ.

މި ވީޑިއޯ ވައިރަލްވުމާއެކު މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސިއެމް)އިން ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ، ކުޑަ ކުއްޖަކު ބެލްކަނީގައި ތަޅުލި މައްސަލައެއް ކަމާ ބެހޭ އިދާރާތަކުން ބަލަމުން ދާކަމަށެވެ.

ކުޑަކުދިންނާ ގުޅުންހުރި މިފަދަ ވީޑިއޯތައް މީސް މީޑިއާގައި ދައުރުކުރުމަކީ އެކުދިންގެ ކަރާމާތައް ސީދާގޮތުން އަސަރުކޮށްފާނޭ ކަމަކަށް ވާތީ، އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސް ކޮށްފައެވެ.

"އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ، ކަމާ ގުޅޭ އިދާރާތަކަށް ރިޕޯޓުކުރުމަށް ދަންނަވަން،" އެޗްއާރުސީއެމުން ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން އަދި ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ކަހަލަ އަނިޔާ ކޮންމެ މަހަކު ވެސް ގިނަ އަދަދަކަށް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅެއެވެ. މީގެ ތެރޭގައި ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ޖިސްމާނީ އަނިޔާ އަދި ނަފްސާނީ އަނިޔާގެ އެތައް މައްސަލައެއް ހިމެނެއެވެ.

comment ކޮމެންޓް