އެންމެ ކަންނެތް މީހާ ހޮވުމުގެ މުބާރާތުން އެއްވަނައަށް ދާ މީހާއަށް 1000 ޑޮލަރުގެ އިނާމެއް

މޮންޓްނީގްރޯގައި ކުރިއަށް ގެންދާ ކަންނެތް މީހާ ހޮވުމުގެ މުބާރާތުގެ ތެރެއިން-- ފޮޓޯ: ބީބީސީ

މޮންޓްނީގްރޯގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެއް ކަމަށްވާ އެންމެ ކަންނެތް މީހާ ހޮވުމުގެ މުބާރާތް މިއަހަރުވެސް ފެށިގެން ކުރިއަށް އެބަދެއެވެ.

މި މުބާރާތުގެ ބައިވެރިން ޖެހެނީ، 24 ގަޑިއިރު އޮށޯވެގެން އޮންނަން ކަމަށާއި، އެއްގޮތަކަށްވެސް ކޮޅަށް ތެދުވުން އަދި އިށީނދެގެން އިނުންވެސް މަނާކަމަށް މި މުބާރާތް އިންތިޒާމްކުރާ ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ. މި މުބާރާތުގެ މަޤްޞަދަކީ އެންމެ ގިނައިރު ވަންދެން އޮށޯވެގެން އޮވެވޭ މީހަކު ބެލުން ކަމަށާއި، އޯގަސްޓް މަހު ފެށި މިމުބާރާތުގައި 21 މީހުން ބައިވެރިވިއިރު މިހާރު ބާކީ ތިބީ ހަތް މީހުންކަމަށް ވެސް ބުނެފައިވެއެވެ.

މޮންޓްނީގްރޯގެ އުތުރުގެ އަވަށެއް ކަމަށްވާ ބްރެންޒާގައި ކުރިއަށްދާ މިމުބާރާތުން އެއް ވަނައަށް ހޮވޭ މީހަކަށް އިނާމެއްގެ ގޮތުގައި 1070 ޑޮލަރު ލިބޭނެއެވެ.

މި މުބާރާތުގެ ބައިވެރިން އޮށޯވެ އޮވެގެން ނިދާ ކައިބޮއި، ފޮތްކިޔައި ފޯނު ބޭނުންކުރެވޭނެ ކަމަށާއި، އެހެންނަމަވެސް ކޮޅަށް ތެދުވުމާއި، އިށީނދެއިނުން މަނާކަމަށް ބުނެފައިވެއެވެ. އަދި ކޮންމެ އަށް ގަޑިއިރަކުން ފާޚާނާކުރުމަށް ކޮންމެ ބައިވެރިއަކަށްވެސް 10 މިނިޓް ލިބޭނެއެވެ. މޮންޓިނީގްރޯގައި މި މުބާރާތް ކުރިއަށްގެންދާތާ މިހާރު 12 އަހަރު ވެފައިވާކަމަށް މައުލޫމާތުލިބެއެވެ.

comment ކޮމެންޓް