ކުޅުދުއްފުށީގައި ރޯވި ގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ރޭ މެންދަމު ކުޅުދުއްފުށި ސިޓީގައި ގައި ރޯވި ގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ރޭ މެންދަމު 2:30ހާއިރު ރޯވީ ކުޅުދުށްފުށި "ރޯނު" ގޭގައެވެ. މި ހާދިސާގައި އެގެއަށް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފައެވެ.

އެންޑީއެމްއޭ އިން ބުނީ ކުޅުދުށްފުށި ސިޓީ "ރޯނު" ގޭގައި ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމު ކުޅުދުށްފުށި ސިޓީ ކައުންސިލާ ގުޅިގެން ހަމަޖައްސައިދީފައިވާ ކަމަށެވެ.

ރޯވިއިރު އެގޭގައި ދިރިއުޅެމުން ދިޔައީ ހދ. ނޮޅިވަރަމަށް ނިސްބަތްވާ އާއިލާއެކެވެ. ނަމަވެސް އެ ހާދިސާގައި އެގޭގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފުން އަންނަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން މި ހާދިސާގައި އެގެއަށް ލިބިފައިވާ ގެއްލުންތައް ދެގެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް