ކެމްޕެއިން އޮފީސް ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުރަނިކޮށް ހައްޔަރުކޮށްފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޅުދުއްފުށި ސިޓީގައި ހުރި ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާ ރާއްޖޭން ބޭރަށް ފުރަން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވެނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ތުހުމަތު ކުރެވޭ މައްސަލަ އަކީ ގަސްތުގައި އަލިފާން ރޯކޮށް މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމެވެ.

ކުރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ އެ ކުށްކުރި ކަމަށް ހެކި ހުށަހަޅާފައި ވުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އިއްޔެ ވަނީ އެ މީހާ 10 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައެވެ.

ފުލުހުންނާ ހަވާލާދީ އަމުރުގައި ބުނެފައިވަނީ އެ މީހާއަށް ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ހޯދުމަށް ކުޅުދުއްފުށީގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ހުއްޓާ އޭނާ އެހެން ރަށަކަށް ގޮސް ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި ފުލުހަށް ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވުމުން ވެސް އޭނާ ހާޒިރު ނުވި ކަމަށް ބުނެފައިވެއެވެ.

އަދި އޭނާ ހައްޔަރު ކުރީ މައްސަލައަށް ފިލައިގެން ރާއްޖެއިން ބޭރަށް ދާން ގޮސް ހުއްޓައި ކަމަށް މި މައްްސަލަ ބަލާ ފުލުސް މީހާއާ ހަވާލާދީ އަމުރުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ވަނީ އޭނާގެ ދިފާއުގައި ކޯޓުގައި ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އޭނާއަށް ޗިޓު ރައްދު ނުވާ ކަމަށާއި ޗިޓާ ހަވާލުވެފައިވަނީ އޭނާގެ ކޮއްކޮ ކަމަށެެވެ. އަދި ރަށުން ބޭރަށް ދިޔައީ ފިލައިގެން ނޫން ކަމަށާއި ރާއްޖޭން ބޭރަށް ދާން ގޮސް ހުރީ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް ކަމަށް އޭނާ ވަނީ ދިފާއުގައި ބުނެފައެވެ.

comment ކޮމެންޓް