ކުރިއަށް އޮތީ ހަލަބޮލި ދުވަސްވަރެއް، އިސްކަންދޭނީ ގައުމުގެ ހަމަޖެހުން ނަގަހައްޓަން: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --- ފޮޓޯ/ މަޖިލިސް

ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ގަދަ ދުވަސްތަކެއް ކަމަށާއި ނިންމަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތެރެއިން ޑިމޮކްރެޓްސް އިސްވެ ކުރާނެ މުހިންމު މަސައްކަތްތަކާ ގުޅޭ ގޮތުން 'ސަން'އާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެންމެ މުހިންމު އިސްކަމެއް ދެއްވާނީ ގައުމުގެ 'ސްޓެބިލިޓީ' ހިފަހައްޓަން ކުރަންޖެހޭ މުހިންމު ކަންކަން ކުރެއްވުމަށް ކަމަށެވެ.

"ސްޓެބިލިޓީ ހިފަހައްޓަން ކުރަންޖެހޭ ކަންކަން ވަރަށް ބާރަށް ކުރާނެ. ކުރަން ޖެހޭނެ. ކުރިއަށް އަޅުގަނޑަށް ހީވަނީ ހަލަބޮލި ދުވަސްކޮޅެއްހެން އޮތީ. ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ،" އާޒިމް ވިދާޅުވިއެވެ.

އެގޮތުން އެންމެ އިސްކަން ދެއްވާނީ، އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށްވާ މަޖިލިސް ގޮނޑި އިތުރުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށެވެ.

"[ހުޅުދޫ ދާއިރާގެ މެންބަރު] އިލްޔާސް ލަބީބު އެބައޮތް ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅައިފައި. އެ އިސްލާހުތައް އެންމެ ބާރަށް ކުރިއަށް ގެންދިއުމަކީ އެންމެ މުހިންމު ކަންތައް ކުރިއަށް އޮތް މަޖިލީހަށް ބަލާއިރު،" އާޒިމް ވިދާޅުވިއެވެ.

މިއަދު ޑިމޮކްރެޓްސްއިން އެ ޕާޓީގެ ޕީޖީ ލީޑަރަކަށް އާޒިމް ހަމަޖެއްސުމާ އެކު އޭނާ ވެގެންދާނީ މައިނޯރިޓީ ލީޑަރަށެވެ.

ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގްރޫޕުގެ މަގާމަށް މެންބަރުން މިއަދު ހޮވައިފައިވާއިރު ނައިބު ލީޑަރުންގެ މަގާމަށް ހޮވައިފައިވަނީ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރާއި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.

ޑިމޮކްރެޓްސްގައި މަޖިލީހުގެ 11 މެންބަރުން މިހާރު ތިއްބަވައެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މަގާމު ވެސް ކޮންޓްރޯލްކުރަނީ އެ ޕާޓީންނެވެ.

comment ކޮމެންޓް