ރާއްޖޭގައި ޕެރަ ސްވިމިން ރަސްމީކޮށް އިފްތިތާހުކޮށްފި

ރާއްޖޭގައި ޕެރަ ސްވިމިން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ވެސްޓިން ހޮޓެލް އެންޑް ރިސޯޓްސްގެ އެހީތެރިކަމާއެކު ރާއްޖޭގައި ޕެރަ ސްވިމިން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ވެސްޓިން ހޮޓެލް އެންޑް ރިސޯޓްސްގެ އެހީތެރިކަމާއެކު މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ޕެރަ ސްވިމިން އިފްތިތާހުކުރުމަށް ހުޅުމާލޭގައި ހުންނަ ވޯޓާ އެޖް ކޮންފަރެންސް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނީ އެމެރިކާގެ ޕެރަ އެތުލީޓެއް ކަމަށްވާ މރ. ގްރެގަރީ ބާންސްއެވެ. ބާންސް އަކީ ޕެރަލިމްޕިކްސްގައި ވާދަކޮށް ދެ ރަން މެޑަލް އަދި ދެ ލޯ މެޑަލް ހޯދާފައިވާ އެތުލީޓެކެވެ.

އެ ރަސްމިއްޔާތުގައި ބާންސް ވަނީ ރާއްޖޭގެ ސްވިމިން އެތުލީޓުންނަށާއި ޕެރަ ސްވިމިން އެތުލީޓުންނަށް ޕެރަ އެތުލީޓަކަށްވުމަށް އޭނާ ކުރި ދަތުުރުގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ހުށަހަޅައިދީ، އިންސްޕިރޭޝަނަލް ލެކްޗާއެއް ދީފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ސްވިމިން އަދި ޕެރަ އެތުލީޓުންނަށް ވަރަށް އަގުހުރި ފިލާވަޅުތަކެއް ލިބިފައިވާ ކަމަށް އެ އެތުލީޓުން ފާހަގަކުރެއެވެ.

ޕެރަ ސްވިމިން ފެށުމާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ފަހި ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

ސަރުކާރުން 2019 ވަނަ އަހަރު ޕެރަލިމްޕިކް ކޮމިޓީ އުފެއްދުމަށްފަހު، މިއީ ޕެރަ ކުޅިވަރުތަކުގެ ތެރެއިން ތައާރަފުކުރެވުނު ތިންވަނަ ޕެރަ ސްޕޯޓްސްއެވެ. މިހާރު ތައާރަފު ކުރެވިފައިވަނީ ޕެރަ އެތުލެޓިކްސް، ޕެރަ ބެޑްމިންޓަން އަދި މިއަދު ތައާރަފު ކުރެވިގެންދިޔަ ޕެރަ ސްވިމިންއެވެ. އޭގެ އިތުރުން އަންނަ އަހަރު ޕެރަ ޓޭބަލް ޓެނިސް ތައާރަފުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ބާންސްގެ މި ދަތުރަކީ ވެސްޓިން ހޮޓެލްސް އެންޑް ރިސޯޓްސްގައި ޗުއްޓީ ހޭދަކޮށްލުމަށް ކުރާ ދަތުރެކެވެ. އޭނާ ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

comment ކޮމެންޓް