ފާރިސްގެ ޓީމް ޕީޕީއެމާ އެކު ކޯލިޝަން މަޝްވަރާ ކޮށްފި

ފާރިސްގެ ޓީމް ޕީޕީއެމް ޕީއެންސީ ލީޑާޝިޕާއެކު ---

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާ އެކު ކޯލިޝަންގެ މަޝްވަރާތައް ކޮށްފިއެވެ.

މިކަން ހާމަކުރައްވާ ފާރިސް ކުރެއްވި ޓްވީޓެއްގައި ވަނީ، އެ ބައްދަލު ކުރެއްވުމުގައި ފާރިސްގެ ޓީމުން ގެންގުޅުއްވާ އިގްތިޞާދީ، ސިޔާސީ އަދި އިޖްތިމާއީ ސިޔާސަތުތައް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި، މިއީ ޑިމޮކްރަސީ ހަރުދަނާ ކުރުމުގައްޔާއި އިންސާފާއި ހަމަހަމަކަން ގައުމުގައި ދެމެހެއްޓުމަށް މުހިންމު ސިޔާސަތުތަކެއް ކަމަށް ފާރިސްގެ ޓްވީޓުގައި ވެއެވެ.

މީގެ އިތުރުން، ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުން ވެސް ވަނީ ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތައް ފާރިސްގެ ޓީމާ އެކު ކުރެވުނު ކަމަށް ބުނެފައެވެ.

ފާރިސާ އެކު ކޯލިޝަން ހެދުމަށް ޕީޕީއެމުން މަޝްވަރާ ކޮށްފައިވާއިރު، އޭނާއަކީ ޕީޕީއެމްގެ ފައުންޑަރެވެ. އެކަމަކު، ފަހުން މިދިޔަ ވެރިކަމުގައި އުފެދުނު ދެބަސްވުންތަކަށް ފަހު ބައްބާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު ފާރިސް ވެސް ޕީޕީއެމުން ވަކި ކުރީއެވެ. ފަހުން ވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓުގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފައެވެ.

މިދިޔަ ޕީޕީއެމް ސަރުކާރުގެ ފަހު ކޮޅު، ފާރިސް ޖަލަށް ވެސް ލިއެވެ. ފަހުން، އޭނާ މަސައްކަތް ކުރެއްވީ އިދިކޮޅު އިއްތިހާދާ އެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހޮވުމަށެވެ.

މިހާރު އިންތިޚާބުގައި ވާދަކުރައްވާ ބޮޑު ދެ ޕާޓީ ޕީޕީއެމް އަދި އެމްޑީޕީން ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަން ފަށާފައެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީ މިހާރު ވެސް ވަނީ އިތުރު އެއް ޕާޓީއާ އެކު ކޯލިޝަން ހަދައިފައެވެ. އެއީ، ފުރަތަމަ ބުރުގައި 1,907 ވޯޓު ލިބުނު އެމްއެންޕީއެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާތައް ޖޭޕީން ވެސް މިހާރު ދެ ޕާޓީއާ އެކު ދަނީ ކުރިއަށް ގެންދަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ކަށަވަރު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަށް، 101،851 ވޯޓު ލިބިވަޑައިގަތެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 86،164 ވޯޓެެވެ.

ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ، އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު އުފެއްދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެވެ. ހަތަރުވަނައަށް އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު ދިޔައިރު، ގާސިމަށް ލިބިވަޑައިގަތީ ފަސްވަނައެވެ. އެ މަނިކުފާނަށް މި އިންތިޚާބުގައި ލިބިވަޑައިގަތީ 5،460 ވޯޓެވެ. އެއީ، ވޯޓުލީ އާބާދީގެ 2.4 އިންސައްތައެވެ.

comment ކޮމެންޓް