ކޯލިޝަން މަޝްވަރާއަށް ގާސިމް އަރިހަށް ރައީސް ސަން އައިލެންޑަށް

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ސަން އައިލެންޑަށް ވަޑައިގަންނަވާ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ.

ޖޭޕީގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ގާސިމާ ބައްދަލުކުރެއްވުމަށް ރައީސް ޞާލިޙް، ސަން އައިލެންޑަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށް މިއަދު ރައީސް، ގާސިމާ ބައްދަލުކުރައްވާއިރު، އިއްޔެ ޕީޕީއެމް/ޕީއެންސީގެ އިސް ވަފުދެއް ވެސް ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ގާސިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ވަޑައިގެންފައެވެ.

ކުއްލި ގޮތަކަށް ރައީސް މިއަދު ގާސިމާ ބައްދަލުކުރައްވާއިރު، ކުރިން ތާވަލު ކުރެވިފައި އޮތީ ދެވަނަ ބުރެއްގައި ޖޭޕީން އަމަލު ކުރާނެ ގޮތެއް މިއަދު ކަނޑައެޅުމަށެވެ. އެކަމަކު، މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާ ކަމަށް ބުނެ، އެ ޕާޓީން މިހާރު ވަނީ ކޯލިޝަން ހެދުމާ ގުޅޭ ނިންމުން، ނިންމުން ފަސްކޮށްފައެވެ.

https://sun.mv/181921

މި ސަރުކާރުގައި އަދިވެސް ގާސިމްގެ އަރިސް ބައެއް ބޭފުޅުން އެބަ ތިއްބެވިއެވެ. އޭގެ ތެރޭގައި އަނބިކަނބަލުން، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވެސް ހިމެނެއެވެ.

އެކަމަކު، ކެމްޕޭން ތެރޭގައި ގާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ މި ސަރުކާރު ކޮންމެހެން ވެސް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ކަށަވަރު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަށް، 101،851 ވޯޓު ލިބިވަޑައިގަތެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 86،164 ވޯޓެެވެ.

ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ، އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު އުފެއްދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެވެ. ހަތަރުވަނައަށް އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު ދިޔައިރު، ގާސިމަށް ލިބިވަޑައިގަތީ ފަސްވަނައެވެ. އެ މަނިކުފާނަށް މި އިންތިޚާބުގައި ލިބިވަޑައިގަތީ 5،460 ވޯޓެވެ. އެއީ، ވޯޓުލީ އާބާދީގެ 2.4 އިންސައްތައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމް/ޕީއެންސީ މިހާރު ވެސް ވަނީ އިތުރު އެއް ޕާޓީއާ އެކު ކޯލިޝަން ހަދައިފައެވެ. އެއީ، ފުރަތަމަ ބުރުގައި 1,907 ވޯޓު ލިބުނު އެމްއެންޕީއެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާތައް ޖޭޕީން ދެ ޕާޓީއާ އެކު ވެސް ކުރާއިރު، އިންތިޚާބާ ޖެހެންދެން ވެސް ޖޭޕީ އޮތީ ސަރުކާރު ކޯލިޝަންގައެވެ. އެކަމަކު، ފަހު ވަގުތު އެ ޕާޓީން ނިންމީ އިންތިޚާބުގައި ވަކިން ވާދަ ކުރާށެވެ. އެ ނިންމުމަށް ފަހު، ގާސިމް އިސްވެ ހުންނަވައި ވަނީ އިދިކޮޅު ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެވޭތޯ މަޝްވަރާތައް ވެސް ކޮށްފައެވެ.

އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި އިދިކޮޅު ޕާޓީތަކުން ވަކިން އިންތިޚާބަށް ނުކުތީއެވެ.

ފާއިތުވި، 2008 އަދި 2013 ވަނަ އަހަރު ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ގާސިމެވެ. އެ ފަހަރު ތަކުގައި އިންތިޚާބު ކާމިޔާބުވެފައިވަނީ ޖޭޕީއާ އެކު ކޯލިޝަން ހަދައިގެންނެވެ.

comment ކޮމެންޓް