ހަމައެކަނި އިއްޔެގެ ބޮޑު އިންތިޚާބުގެ ނަތީޖާއަށް ބަލައިފިނަމަ ފެންނަނީ އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބުނު ތަނެވެ. މިއީ މަރުވެ, މަރުވެ އޮތް އެމްޑީޕީއަށް ދިރުން ލިބިގެން ދާނެ ކަމެއްކަން ޔަގީނެވެ. ނަމަވެސް މި ނަތީޖާއަކީ އެމްޑީޕީއިން ފޮނިވެ, އުފާ ކުރުމަށްވުރެ އިބުރަތް ހާސިލް ކުރަން ޖެހޭ ކަމެކެވެ.
އެމްޑީޕީން އިއްޔެ މިވަނީ ރާއްޖޭގެ ފަސް ސިޓީ ކަމަށްވާ މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫގެ މޭޔަރުކަން ދިފާއު ކޮށްފައެވެ. މީގެ އިތުރުން ސިޓީތަކާއި ރަށްތަކުގެ ކައުންސިލްތަކުގެ ގިނަ ގޮނޑިތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގިނަ ގޮނޑިތަކެއް ވެސް ވަނީ ނަގައިފައެވެ. އަދި ދެ އިންތިޚާބު އެއް ކުރުމާ ދެކޮޅަށް އެތައް ހާސް ބަޔަކު ވޯޓުދީ ސަރުކާރަށް ބޮޑު 'ނޫނެކޭ'އެއް މިވަނީ ބުނެފައެވެ. މި ނަތީޖާއަކީ ރައްޔިތުންގެ ހިތްތަކުގައި އެމްޑީޕީއަށް އަލުން އުފެދުނު ފުން ލޯތްބެއް ކަމަށް ބެލިދާނެއެވެ. ނަމަވެސް، ސިޔާސީ މަސްރަޙު ފުންކޮށް ދިރާސާކުރާއިރު، މިއީ ހަމައެކަނި އެމްޑީޕީއަށް ދިން ވޯޓެއް ކަމަށް ބެލުމަށްވުރެ، މިއީ ހިނގަމުންދާ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުމެ ބުނި ބޮޑު "ނޫނެކޭ" އެއް ކަމުގައި ބެލުމުގެ ފުރުސަތު މާ ބޮޑެވެ.
މި ކާމިޔާބީގެ އަސްލު ދެނެގަތުމަށްޓަކައި، އެމްޑީޕީގެ ގާތް މާޒީއަށް ބަލައިލަން ޖެހެއެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރެއް ހޯއްދެވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަސައްކަތްކުރެއްވިއިރު، ވޯޓު ހޯއްދެވުމުގެ ބޭނުމުގައި އުސޫލުތަކާ ޚިލާފު އެތައް ކަމެއް ކުރެއްވިއެވެ. ވަކި ޕްލޭނެއްގެ ދަށުން ތަރައްގީކުރަމުންދިޔަ ހުޅުމާލޭގެ ބިންތައް ހިލޭ ބަހައިލުމާއި، މާލެ ކައިރީގައި ނުހިކި ހުރި ފަޅުތަކުން ބިންތައް ދޫކުރުމަކީ އޭގެ ސާފު މިސާލެކެވެ. ހަމައެއާއެކު، މަސް ގަންނަ އަގު ކުއްލިއަކަށް ބޮޑުކުރުމާއި، ސަރުކާރު ކުންފުނިތަކުން އެތައް ވަޒީފާއެއް އުފައްދައި ބަހައިލުން ފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް، ރައްޔިތުން އެކަންކަން ބަލައެއް ނުގަތެވެ.
https://www.sun.mv/220150
ރިޔާސީ އިންތިޚާބާއި އޭގެ ފަހުން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ރައްޔިތުން އެމްޑީޕީއަށް ބުނީ ބޮޑުކޮށް ނޫނެކޭއެވެ. އޭރު ރައްޔިތުންގެ ހިތްތަކުގައި އެމްޑީޕީގެ ވެރިކަމުގައި ކުރި ކުރަން ނުވާނެ ކަންކަން ފިލައިގެން ނުދެއެވެ. ހަމަ އެހެންމެ ވެރިކަމަށް ފަހު ޕާޓީ އޮތީ ވަރަށް ނިކަމެތިވެފައެވެ. ޚާއްސަކޮށް އެ ޕާޓީގެ ވެރިކަމުގެ މެދުތެރެއިން ޞާލިހާ ދެބަސްވެ, އެމްޑީޕީއާ ދުރަށް ވަޑައިގެންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެ ޓީމު ނެތުމުގެ ސަބަބުން ޕާޓީގެ އެތެރޭގެ ފޯރި އޮތީ ވަރަށް ބޮޑަށް ދަށްވެފައެވެ. ނަމަވެސް ނަޝީދާއި އެ މަނިކުފާނުގެ ޓީމަށް ވެސް ވަކިން އުޅެ މާ ބޮޑު ކާމިޔާބީއެއް ނުހޯދުމުން އެނބުރި އެމްޑީޕީއަށް މި ވަނީ އައިސްފައެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ފެނިގެންދިޔައީ ތަފާތު މަންޒަރެކެވެ. ރައީސް ނަޝީދާއި ރައީސް ޞާލިޙް ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ ލީޑާޝިޕް އެކުގައި މަސައްކަތްކުރައްވާތަން ފެނުނެވެ. ޚާއްސަކޮށް ރައީސް ނަޝީދު ރަށްރަށަށް ވަޑައިގަތުމުން، އެމްޑީޕީގެ އާންމު މެންބަރުންގެ ކިބައިގައި ކުރިން އޮތް ޖޯޝާއި ފޯރި އަލުން އާލާވެގެން ދިޔައެވެ.
ނަތީޖާއެއްގެ ގޮތުން، މާލޭގެ މޭޔަރު އާދަމް އާޒިމް، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤް، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އަދި ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ ވަނީ އެ ބޭފުޅުންގެ ގޮނޑިތައް ދިފާޢުކުރައްވައިފައެވެ. ހަގީގަތުގައި މިއީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ފެނިގެން މި ދިޔައީ ސަރުކާރާމެދު އޮތް މާޔޫސްކަން
އެހެންނަމަވެސް، މި ނަތީޖާއަކީ ހަމައެކަނި އެމްޑީޕީގެ މޮޅުކަމެއް ނޫނެވެ. މިއީ މިހާރުގެ ސަރުކާރާމެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ މާޔޫސްކަން ހާމަކޮށްދިން ނަތީޖާއެކެވެ. ރައްޔިތުން މި ސަރުކާރަށް ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނީ ގައުމު ތަރައްގީކުރުމުގެ އުންމީދުގައެވެ. ނަމަވެސް، އޭގެ ބަދަލުގައި ފެންނަމުންދަނީ ބާރުތައް އެއްކުރައްވަން މަސައްކަތްކުރައްވާ މަންޒަރެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
މި ސަރުކާރުން ވެސް ދެމެހެއްޓެނިވި ތަރައްގީއަށްވުރެ ބޮޑަށް އިސްކަންދެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާތައް ބެހުމަށާއި، އިންތިޚާބުތަކާ ދިމާކޮށް ވޯޓު ހޯދުމުގެ ބޭނުމުގައި މަޝްރޫއުތައް ހިންގުމަށެވެ. ހިޔާ ފްލެޓްތަކުގެ ކުލި ދެ އަހަރު ދުވަހަށް މައާފުކުރުން ފަދަ އިގުތިސާދީ ގޮތުން ދެކޮޅުނުޖެހޭ އެތައް ކަމެއް ސަރުކާރުން ވަނީ ކޮށްފައެވެ. ވެވަޑައިގަންނަވާ ވައުދުތައް ނުފުއްދަވައި، އަދިވެސް އިތުރު ވައުދުތައް ވެވަޑައިގަންނަވަމުން ގެންދެވުމަކީ ރައްޔިތުންގެ އިތުބާރު ގެއްލުނު ކަމެކެވެ.
ޚާއްސަކޮށް މި ސަރުކާރު ފާހަގަ ކުރެވެނީ އަމަލަށް ވުރެން އެތައް ގުނައެއް ބަސް ގިނަ ވެރިކަމެއްގެ ގޮތުގައެވެ. ގިނައީ ވައުދާއި އަހުދުވުމެވެ. އޮއްޓަރު ހުރި ކަމެއް ހިނގަނީ ހާހަކުން ފަހަރަކުއެވެ. ޚާއްސަކޮށް ސަރުކާރު ހިންގުމަށް މި ކުރާ ޚަރަދު އެތައް ގުނައެއް ބޮޑުވިއިރު, އެއާ އެކަށޭނަ ނަތީޖާއެއް ނުދެއްކެއެވެ. މަޖިލިސް ވެސް ހަމަ އެހެންނެވެ. އެއޮއް ބޮޑު މެޖޯރިޓީ ދިނުމުން ވެސް ކަންކަން އިސްލާހު ކުރަން ގާނޫނުތައް ހެދުމަށް ވުރެން ސަރުކާރުން އެންގިކަމެއް އެންގި ގޮތަކަށް ކުރާ މަންޒަރު ދަނީ ފެންނަމުންނެވެ. މިއީ ރައްޔިތުންގެ މާޔޫސްކަން އިތުރުވި ސަބަބުތަކެވެ.
އެމްޑީޕީއަށް ލިބުނު އިތުރު ފުރުސަތެއް
ބަލިކަށިވެފައި އޮތް އެމްޑީޕީއަށް ރައްޔިތުން މިވަނީ އަނެއްކާވެސް ފުރުސަތެއް ދީފައެވެ. ޚާއްސަކޮށް، ކުރިން ތިއްބެވި މޭޔަރުން އަލުން އިންތިޚާބުކުރުމަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އާންމުކޮށް ހިނގާ ކަމެއް ނޫނެވެ. މި ނަތީޖާއިން އެމްޑީޕީއަށް ލިބުނު މެސެޖަކީ، ސަރުކާރު ޖަވާބުދާރީކުރުވުމަށް ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތުމަށް ރައްޔިތުން ބޭނުންވާ ކަމެވެ.
https://www.sun.mv/211845
މި ކާމިޔާބީއާއެކު އެމްޑީޕީން އަމިއްލައަށް ފޮނިވެ، ކަންކަން ރަނގަޅުވެއްޖެކަމަށް ހީކޮށްފިނަމަ އެއީ ހެދޭނެ ވަރަށް ބޮޑު ގޯހެކެވެ. އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީގެ އެތެރެ އިސްލާޙުކުރުމެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، އެ ޕާޓީ އުފެދުނު މަގުސަދުތަކާ ޚިލާފު އެތައް ކަމެއް ވަނީ ހިނގައިފައެވެ. ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުތަކުން އެކަނިވެސް އެ މަންޒަރު ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. އަދި އެ ވެރިކަމުގައި އެޅި 4,000 ފުލެޓް ބަހައިލި ގޮތަކީވެސް ކޮރަޕްޝަނުގެ ތުހުމަތުތައް އަމާޒުވި ކަމެކެވެ.
އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީގެ މަޖިލިސް މެންބަރުންނާއި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ނުހައްގު މުއްސަނދިކަން ހޯއްދެވިކަމުގެ ބޮޑެތި ތުހުމަތުތައް ހެއްކާއެކު ފެންނަން އެބަހުއްޓެވެ. އެހެންނަމަވެސް، އެ ބޭފުޅުން އަދިވެސް ތިއްބެވީ ޕާޓީގެ އިސް ސަފުގައެވެ. ވޯޓުގެ ނަތީޖާއިން ސާފުކޮށްދެނީ ރައްޔިތުން ކޮރަޕްޝަން ބަލައިނުގަންނަ ކަމެވެ. އެހެންކަމުން، އެފަދަ ކޮރަޕްޓް ފަރާތްތައް ޕާޓީގެ އިސް ސަފުން ދުރުކުރަން ޖެހެއެވެ.
އެމްޑީޕީ 2003 ވަނަ އަހަރު އުފެދުނީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށެވެ. ބާރުތައް އެއްކޮށްގެން ވެރިކަން ކުރުމާއި، ސިޔާސީ ފަރާތްތަކުން ދައުލަތުގެ މާލިއްޔާއިން ނުހައްގު ފައިދާ ހޯދުމާ ދެކޮޅަށެވެ. އަދި ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ މަތިވެރި މަގުސަދުގައެވެ. ނަމަވެސް، މިއަދު އެމްޑީޕީގެ އިސް ސަފުގައި އެ ސިޔާސަތުތަކާ ދިމާ އިދިކޮޅަށް އަމަލުކުރައްވާ އެތައް ބޭފުޅުންނެއް އެބަތިއްބެވިއެވެ. ޕާޓީ އިސްލާހުވުމަށްޓަކައި އެ ފަރާތްތައް ދުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އެމްޑީޕީގެ ތެރެއިން އަނެއްކާވެސް އިހު އޮތް ފޯރި ފެންނަން ފަށައިފިއެވެ. ސިޔާސީ ގޮތުން ނިކަމެތިވެފައި އޮތް ޕާޓީއަށް ދިރުން ލިބިއްޖެއެވެ. ޚާއްސަކޮށް ނަޝީދު އެނބުރި އައުމުންނެވެ. ނަމަވެސް، މި ދިރުން ދެމެހެއްޓޭނީ އެމްޑީޕީން އެ ޕާޓީގެ އަސްލު އުސޫލުތަކުގައި ހިފަހައްޓައިގެންނެވެ. ޚާއްސަކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް ފުރުސަތު ނުދީގެންނެވެ. އެހެން ނޫންނަމަ، ކުރިއަށް އޮތް ތަނުގައި ރައްޔިތުން އަނެއްކާވެސް ބުނާނީ ނޫނެކޭއެވެ.
ރައްޔިތުން މި ދިން ފުރުސަތުގެ ބޭނުން ހިފައި، ރައްޔިތުންގެ ލޯތްބާއި އިތުބާރު ދަމަހައްޓަން ބޭނުންނަމަ، އެމްޑީޕީން އިޚުލާސްތެރިކަމާއެކު ޚިދުމަތްކުރަން ޖެހެއެވެ. ދައުލަތުގެ ވަސީލަތްތަކާއި މުދާ ނާޖާއިޒު ގޮތުގައި ބޭނުންކުރުން ހުއްޓައިލަން ޖެހެއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށް ވަކާލާތުކޮށް، އެކަންކަން އަމަލީ ގޮތުން ސާބިތުކޮށްދޭން ޖެހެއެވެ.