ޖުމްހޫރީ ޕާޓީއާ ކޯލިޝަން ހެދުމުގެ މަޝްވަރާ ނުކުރާން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންގެވި ނަމަވެސް، އެ ޕާޓީއާ އެކު ނުރަސްމީ މަޝްވަރާތައް ކުރަން ޕީޕީއެމުން ފަށައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 5,460 ވޯޓު ލިބުނު ޖޭޕީއާ އެކު މަޝްވަރާ ނުކުރާން ޔާމީން ވަނީ އަންގަވައިފައެވެ. އެކަމަކު، ޕީޕީއެމްގެ އިސް އޮފިޝަލަކު ޔަގީން ކޮށްދިން ގޮތުގައި ޕީޕީއެމުން ގެންދަނީ ޖޭޕީއާ އެކު ނުރަސްމީ މަޝްވަރާތައް ކުރަމުންނެވެ.
"ޔާމީންގެ އެންގެވުން ބަދަލުވިކަމެއް އެނގިފައެއް ނުވޭ. އެކަމަކު، ޖޭޕީއާ އެކު ނުރަސްމީ މަޝްވަރާތައް އެބަ ކުރިއަށް ދޭ،" ޕީޕީއެމްގެ އޮފިޝަލް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއެމުން މަސައްކަތް ކުރަނީ، ޖޭޕީގައި ތިއްބެވި އިސް ބައެއް ބޭފުޅުން ޕީޕީއެމަށް ގެނައުމަށެވެ. ދެވަނަ ބުރަކާ މެދު ފުރަތަމަ ބުރުގައި 2 އިންސައްތަ ލިބުނު ޖޭޕީން ގޮތެއް ނިންމާނީ މާދަމައެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެން އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަކަށް ވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ. އެ މަނިކުފާނަށް ލިބިވަޑައިގަތީ 86،164 ވޯޓެވެ. އެ ދެ ޕާޓީން ވެސް މިހާރު ގެންދަނީ ދެން ތިބި ކެންޑިޑޭޓުންނާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.
އިންތިޚާބަށް ޕީޕީއެމުން ފުރަތަމަ ޓިކެޓު އެރުވީ ކުރީގެ ރައީސް ޔާމީނަށެވެ. އެކަމަކު، ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރި ދެ ދައުވާ ސާބިތުވެ، ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީއެވެ.
ޔާމީންގެ އެންގެވުމާ ދެކޮޅަށް ޕީޕީއެމުން ނުރަސްމީ މަޝްވަރާތައް ޖޭޕީއާ އެކު ކުރާއިރު، އިންތިޚާބުގައި ވާދަކުރައްވަން ޕީޕީއެމް/ޕީއެންސީން ފުރަތަމަ ނިންމީ ވެސް ޔާމީން އިންތިޚާބު ބޮއިކޮޓު ކުރަން އަންގަވާފައި އޮއްވައެވެ. އެކަމަކު، ފަހުން ކެންޑިޑެސީ ފޯމު ހުށަހަޅަން ދަރުބާރުގޭގައި މުއިއްޒު އިންނަވަނިކޮށް، އެންމެ ފަހު ވަގުތު ޔާމީން ވަނީ އެ މަނިކުފާނުގެ ނިންމެވުން ބަދަލުކުރައްވައި، މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.