ސަރުކާރުން މަޖިލީހަށް ފޮނުވާނެކަމަށް ބުނި ބިލުތަކުގެ 5 ޕަސެންޓު ވެސް ނުލިބޭ: އީވާ

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ--

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ބުނި ބިލުތަކުގެ ފަސް ޕަސެންޓު ވެސް މިހާތަނަށް ނުލިބޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމަށް ކުރެވުނު ބަހުސްގެ ތެރެއިން އީވާ ވިދާޅުވީ ސަރުކާރުން އެޓާނީ ޖެނެރަލް މެދުވެރިކޮށް މި ދައުރަށް ފޮނުވާނެކަމަށް ވިދާޅުވި ބިލްތަކުގެ ފަސް ޕަސެންޓު ވެސް މަޖިލީހަށް ހުށަނާޅާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އެއްޗަކީ ފަސް އަހަރުގެ ދައުރެއް ނިމިގެން ދާއިރު އަދި ހަމަ ކޮންމެ ރައްޔިތުންގެ މަޖިލީހުގެ ދައުރެއްގައި ވެސް އެޓާނީ ޖެނެރަލް ވެސް ފޮނުއްވަން ވިދާޅުވާ ބިލްތަކުގެ ތެރެއިން ފަސް ޕަސެންޓު ވެސް މަޖިލީހާ ހަމައަށް ނައިސް ދަނީ،" އީވާ ވިދާޅުވިއެވެ.

އެހެންނަމަވެސް މި ދައުރު އަންނަ އަހަރުގެ މޭ މަހު ނިމެން ވާއިރަށް އެޖެންޑާގައި ކުރަން ނިންމާފައިވާ ކަންކަން މަޖިލީހުން ކުރަންޖެހޭނެ ކަމަށް އީވާ ވިދާޅުވިއެވެ.

ނިމިދިޔަ ދައުރުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ އެންމެ ބިލެކެވެ. އެއީ، ސަރުކާރުގެ ފަރާތުން، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާފައިވާ، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އެކަންޏެވެ.

މިދިޔަ ދައުރުގައި ކޮމިޓީތައް އެކުލަވައިނުލެވި މަޖިލީހުގައި އޮތީ 'މަރުތަޅެއް' އެޅުވިފައެވެ. އެއީ، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މަޖިލީހުގެ ނައިބު ރައީސާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެއް ފަހަރާ ހުށަހެޅުމުންނެވެ.

އެކަމަކު، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ، ދާއިމީ ކޮމިޓީތައް ފަހުން އެކުލަވައިލިއެވެ.

އެއަށް ފަހު މި ދައުރު ފެށުނުއިރު ވެސް އެންމެ ފުރަތަމަ ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދެވެން އޮތީ ޑިމޮކްރެޓްސްގެ މެންބަރުން ސިޓީ ލިބުމުން ކަމަށް ބުނެ ޖަލްސާތައް ކުރިއަށް ނުގެންދެވިފައެވެ.

ނަމަވެސް މިއަދު ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމަށް ބަހުސް ކޮށްފައެވެ. އެހެންނަމަވެސް މަޖިލީހުގައި އެކަމާ ގުޅިގެން ވޯޓަށް އެހުމާ ހަމައަށް އައިއިރު މަޖިލީހުގައި ތިބީ އެންމެ 11 މެންބަރުންނެވެ. އެހެންކަމުން ކޯރަމް ހަމަނުވާތީ ވޯޓަށް އެހުން ފަސްކުރުމަށް ފަހު ވަނީ މިއަދުގެ މަޖިލިސް ނިންމާލައިފައެވެ.

comment ކޮމެންޓް