ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި އަލުން ދާއިމީ ކޮމިޓީތައް އެކުލަވައިލުމަށް މިއަދު ބަހުސްކުރިއިރު ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން އަނެއްކާ ވެސް ވާހަކަދައްކަވައިފައެވެ.
އިލްޔާސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރިޔާސީ އިންތިޚާބަކަށް ބަލައިލި ނަމަވެސް ލާ ވޯޓަކީ ވެރިކަމުގައި ހުންނަ މީހަކު ވެރިކަމުން ބޭލުމަށްލާ ވޯޓެއް ކަމަށެވެ. އަދި، އިންތިޚާބާ ދިމާކޮށް ކޮންމެ ވެސް ބަޔަކު ސިޔާސީ ގޮތުން ބަންދުގައި ތިބޭކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ، ސަޕޯޓަރުން ދެން މަސައްކަތް ކުރައްވާނީ އެ ބޭފުޅަކު މިނިވަން ކުރަން ކަމަށެވެ.
"އިންތިޚާބަށް ވޯޓަކަށް އަންނަ އިރު ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގަ ބޮޑަށް ފާހަގަކުރެވެނީ އެހެން މަގްސަދެއްގައި ވޯޓާ ހަމައަށް ދެވޭ މަންޒަރު،" އިލްޔާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ދަނޑިވަޅަކީ ނިޒާމު ބަދަލު ކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެންމެ މުނާސަބު ވަގުތު ކަމަށެވެ. އެގޮތުން ރާއްޖޭގައި ރިޔާސީ ނިޒާމަކަށް އަމަލު ކުރަމުންދާއިރު، މަޖިލީހުގައި ބައެއް މަސައްކަތް ކުރަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަގުތު ނުކުމެ ރައްޔިތުންނާ ހަމައަށް ފެންނަ ނުފެންނަ ވޯޓަކަށް ގެންގޮސްދިނުމަކީ މުހިންމު ކަމެއް. ރައްޔިތުން ނިންމާ ގޮތެއްގެ މަތީން ކުރިއަށް ދިއުމަކީ މުޅި ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފަހި ގޮތް," އިލްޔާސް ވިދާޅުވިއެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު -- ފޮޓޯ/ މަޖިލިސް
ޑިމޮކްރެޓްސްއަށް ނިސްބަތްވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވެސް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ. އަފީފު ވިދާޅުވީ އެބޭފުޅުން މިހާރު ގަބޫލުކޮށްގެން ތިބީ މިއީ ރިޔާސީ ނިޒާމެއް ކަމަށާއި އެހެންވުމުން މަޖިލީހުގެ ކަންތައްތައް ވެސް ހިނގަން ޖެހޭނީ ރިޔާސީ ނިޒާމެއް ގޮތަށް ކަމަށެވެ.
"އަޅުގަނޑު މިހެން މި ދަންނަވަނީ ރިޔާސީ ނިޒާމެއްގަ ސަރުކާރަކުން ނޫން ބިލުތައް ތައްޔާރުކުރަން ޖެހޭނީ ވެސް އަދި ހުށަހަޅާނީ ވެސް. އެއީ މަޖިލީހުން ކުރަން ޖެހޭ ކަމެއް. އެހެންވީމަ މަޖިލީހުން އެކަން ކުރުމަށް އަޅުގަނޑު ދަންނަވަން،" އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ މިހާރު ކަންކަން ކުރާ ގޮތަށް ބަލާފަ މިއޮތް ނިޒާމު ކަމުނުދާ ކަމަށެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީގެ ތެރޭ އުފެދުނު ޚިޔާލު ތަފާތުވުންތައް އެންމެ ފުރަތަމަ ފެންމަތިވީ، އޭރު އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު އުފެދުނު ނިޒާމާ ބެހޭ ޚިޔާލު ތަފާތުވުންތަކަށް ފަހުއެވެ. އެއަށް ފަހު އެމްޑީޕީ ޕްރައިމަރީން ނަޝީދަށް ލިބުނު ނާކާމިޔާބީ ގަބޫލުނުކުރައްވާ އެ މަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންތަކެއް ވަނީ ޕާޓީ ދޫކުރައްވާ "ދަ ޑިމޮކްރެޓްސް" އުފައްދަވާފަައެވެ.
ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން އަބަދު ވެސް ވަކާލާތު ކުރައްވަނީ ބަރުލަމާނީއަކަށް ނިޒާމު ފުރޮޅައިލާށެވެ.
ރާއްޖޭގައި ރިޔާސީ ނިޒާމެއް ކަނޑައެޅީ 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓަކަށް ފަހުއެވެ. އޭރުގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ގިނަ މީހުން ވޯޓު ދީފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމެއްގެ ގޮތުގައި ބާއްވާށެވެ.