އެއްވެސް ސުވާލެއް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ "ރޫޅާލެވިއްޖެ" ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމާ ގުޅޭގޮތުން ކުރި ބަހުސްގައި ވާހަކަދައްކަވަމުން އީވާ ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން އެމްޑީޕީ "ރޫޅާލެވޭނެ" ކަމަށް ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވާފައެވެ.

"ހަގީގަތަށް ދަންނަވާނަމަ މަނިކުފާނު [ރައީސް ނަޝީދު] މި ޕާޓީ [ދަ ޑިމޮކްރެޓްސް] އުފެއްދިއިރު ވިދާޅުވި ރޫޅާލާނަމޭ. ރޫޅާލާނަމޭ. ސުވާލެއްވެސް ނެތް. ރޫޅާލެވިއްޖެ،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އިންތިޚާބަށް ނުކުމެ ޑިމޮކްރެޓުން އެކަން ކުރީ މީގެ ކުރިން އެމްޑީޕީގައި ތިބި އިރު އެބޭފުޅުންނަށް ދިމާވި މަލާމާތާއި ފުރައްސާރައިގެ އިތުރުން ދެމުން ގެންދިޔަ އިންޒާރުތަކާ ހެދިކަމަށެވެ. އެގޮތުން އިންތިޚާބުގެ ދެވަނަ ބުރެއްގައި ވެސް ޑިމޮކްރެޓުން ވިސްނުންތެރިކަމާ އެކު ގޮތެއް ނިންމާނެ ކަމަށް އީވާ ވިދާޅުވިއެވެ.

"އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް އަޅުގަނޑުމެން ނިންމާނެ ނިންމުމާ މެދު ރައްޔިތުން އެއްވެސް ޝައްކެއް ނުކުރާނެ،" އީވާ ވިދާޅުވިއެވެ.

ނަޝީދު އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވީ މިދިޔަ ޖޫން މަހު އެ ޕާޓީން ވަކިވުމަށް ފަހުއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ވަކިވީ ވަރަށް ހިތްދަތިކަމާ އެކު ކަމަށާއި ނަމަވެސް ވަކި ފިކުރެއް ދިރުވަން އެކަން ކުރަން ޖެހުނީ ކަމަށެވެ. އަދި ނަޝީދަށް ތާއިދު ކުރާ މެންބަރުންނާއެކު އުފެއްދެވި ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކޮށް އެމްޑީޕީ އެއްކޮށް ރޫޅާލާނެ ކަމަށް ނަޝީދު އޭރު ވިދާޅުވިއެވެ.

https://sun.mv/179587

އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް 39 ޕަސެންޓު ލިބިވަޑައިގެންނެވިއިރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 46 ޕަސެންޓު ވޯޓެވެ. ޑިމޮކްރެޓްސްއަށް 15،000 ވޯޓާއެކު ލިބުނީ ހަތް ޕަސެންޓެވެ.

މިއާ އެކު ޑިމޮކްރެޓްސްގެ ބޭފުޅުން މުޅި ސޯޝަލް މީޑިއާގައި އައީ އުފާ ފާޅު ކުރަމުންނެވެ. މި އިންތިޚާބުގައި "އެ ބޭފުޅުން މޮޅުވެއްޖެ ކަމަށް" ވިދާޅުވަމުންނެވެ.

އޭގެ ފަހުން ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބައެއް މެންބަރުން ވަނީ މުއިއްޒުއާ ގުޅޭނެ ކަމުގެ އިޝާރާތެއް ދީފައެވެ.

comment ކޮމެންޓް