ނުރައްކާތެރި އެކްސިޑެންޓަށް މަގުފަހިވާހެން ހައިވޭގައި ސައިކަލު ނުބަހައްޓަން ފުލުހުން އެދިއްޖެ

ބުރިޖު ހައިވޭގައި ކުރިން ހިނގި އެކްސިޑެންޓެއް -- ފޮޓޯ/ ފުލުހުން

އެއްވެސް ހަމައެއް ނެތި މާލެއާއި ހުޅުމާލެ ހައިވޭގައި, ނުރައްކާތެރި އެކްސިޑެންޓަށް މަގުފަހިވާހެން ސައިކަލު ދޫކޮށްފައި ނުބެހެއްޓުމަށް ފުލުހުން އެދިއްޖެއެވެ.

މާލެ ހުޅުމާލެ ހައިވޭގައި ސައިކަލު އެއް އަރިމައްޗެއްގައި ބަހައްޓައިފައި ހުރުމަކީ އާންމު ކަމެކެވެ. މި ގޮތަށް ސައިކަލު ދޫކޮށްލައިފައި ހުންނައިރު އާންމުކޮށް އެ ތަނުގައި އެއްޗެއް ހުންނަކަން ފާހަގަވާނެ ގޮތެއް ނުހުރެއެވެ.

ބާރު ސްޕީޑުގައި އުޅަނދުތައް ދަތުރުކުރާއިރު މި ގޮތަށް ބަހައްޓާފައި ހުންނަ ސައިކަލުތަކާހުރެ ނުރައްކާތެރި އެކްސިޑެންޓުތަކަށް މަގުފަހިވެއެވެ.

ބާރު ސްޕީޑުގައި ދުރުން ދުއްވައިފައި އަންނަ މީހުންނަށް ގިނަ ފަހަރު މި ފަދައިން ބަހައްޓައިފައި ހުންނަ ސައިކަލު ފާހަގަވަނީ އަރައި ހަމަވެ ކިރިޔާ ނުޖެހޭ މިންވަރަށް ކައިރިވެފައި އޮއްވައެވެ.

"ކޮންމެ ދުވަހަކު ދެކޮޅަށް ދުއްވާ މީހެއް އަޅުގަނޑަކީ. މި ގޮތަށް ބައެއް މީހުން ސައިކަލު ލޭނުގެ އެއް އަރިއަކަށް އެބަހުރޭ ދޫކޮށްލައިފައި. މިހެން ހެދީމަ ކިރިޔާ އޭގަ އަޅައިނުގަނެ ވެސް މި ސަލާމަތްވަނީ. ހުއްޓުނަސް އެ ހައިވޭއަށް ދޫކޮށްލައިފައި ދިޔުމަކީ އޮޕްޝަނެއް ނޫންދޯ،" މި ކަމާ ގުޅިގެން 'ސަން' އާ ވާހަކަދެއްކި އާންމު ރައްޔިތަކު ބުންޏެވެ.

ހައިވޭގައި ކުރިން ހިނގި އެކްސިޑެންޓްގައި މަޑުކޮށްފައި އޮތް ކާރުގައި ސައިކަލް ޖެހިފައި -- ފޮޓޯ/ ފުލުހުން

މި ކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން ހައިވޭ ބްރިޖްގެ ޓްރެފިކް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާ ޗީފް އިންސްޕެކްޓަރު މުޙައްމަދު ލުތުފީ ވިދާޅުވީ އާންމު ގޮތެއްގައި މީހުން ސައިކަލު ބަހައްޓަނީ ޕެޓްރޯލް ހުސްވުމުން ނުވަތަ ސައިކަލަށް ޖެހޭ މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އެ ފަދަ ހާލަތެއްގައި ސައިކަލު ބަހައްޓަން ޖެހުނު ނަމަވެސް، ފުލުހުންނަށް އެ ކަން އަންގައި ސައިކަލު ބަހައްޓައި ސަރަަހައްދު ބުނެދިނުމަކީ ކުރަންވާނެ ކަމެއް ކަމަށް ލުތުފީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފަދަ ހާލަތެއް މެދުވެރިވެގެން ފުލުހުންނަށް ނާނގާ އޮއްވައި ސައިކަލެއް ފެނިއްޖެނަމަ އިސްކަންދެނީ ވެރިފަރާތް ހޯދައި ގުޅައި، އެ ނެގުވުމަށް ކަމަށެވެ.

ސިނަމާލެ ބުރިޖު މަތީގައި ކުރިން ހިނގި އެކްސިޑެންޓެއްގައި ގެއްލުން ލިނުނު ކާރާއި ސައިކަލު -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް

އާންމު ގޮތެއްގައި ސައިކަލު ނަގަން އަށް ގަޑިއިރާއި ދިހަގަޑިއިރާ ދެމެދުގެ ވަގުތު ދޭނެކަމަށް ވެސް ލުތުފީ ވިދާޅުވިއެވެ. ނުނަގައިފިނަމަ ޓޯކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

"މިހެން ދާ ދިއުމުގައި ވެސް ބަހައްޓަން ޖެހޭ ހާލަތެއްގައި އިންފޯމް ކޮށްލާށޭ. އެހެން ބަހައްޓާ އެއްޗިއްސަށް އެބަ ބަލަން ގުޅައިގެން ނެގޭތޯ،" ލުތުފީ ވިދާޅުވިއެވެ.

މިހާތަނަށް އެ ފަދަ ސަައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން ރެކޯޑުކުރެވިފައި ނެތް ނަމަވެސް އެ ފަދަ ކަމެއް ހިނގައިފާނެ ކަމަށް ރައްކާތެރިވުން މުހިންމު ކަމަށް ލުތުފީ ވިދާޅުވިއެވެ.

"އެހެން ބަަހައްޓައިފައި ހުރުން އެއީ ވަަރަށް ނުރައްކާތެރިކަމެއް ދެއްތޯ. ޚާއްސަކޮށް ހައިވޭ މަތީ ވެސް ބްރިޖު މަތީ ވެސް އަނދިރިކޮށް ބައެއް ގަޑިގަޑީ އެބަހުރޭ. މީހުން އެކްސްޕެކްޓެއް ނުކުރާނެ އެއްޗެއް އެހެން ހުންނާނެކަމަކަށް. އެހެން ބަހައްޓައިފައި ހުރުމުގެ ސަބަބުން ހަމަ ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް،" ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ ފުލުހުންގެ އެހީތެރިކަމަށް އެދުމުން އެ ފަދަ ސައިކަލު ނަގަން ވެރިފަރާތަށް އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

ހަމައެއާއެކު ހައިވޭގައި ދަތުުރުކުރާ އެންމެންގެ ސަލާމަަތަށް ޓަކައި ކޮންމެ މީހަކު ވެސް އަމިއްލަ ފަރުދީ ޒިންމާ އަދައިކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

comment ކޮމެންޓް