މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނުނިކުތް މީހުން ނެރެ، ދެވަނަ ބުރެއްގައި އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.
މިއަދުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މެޖޯރިޓީ ލިބިވަޑައިގަތީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. އެއީ، ވޯޓުލާން ނުކުތް މީހުންގެ 46 އިންސައްތައެވެ. އެކަމަކު، ކުރިން ހީކުރެވުނު ގޮތާ ހިލާފަށް އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 39 އިންސައްތައެވެ.
ކެމްޕޭންގެ ތެރެއިން މީގެ ކުރިން ފައްޔާޒު ވިދާޅުވެފައިވަނީ މި ފަހަރުގެ އިންތިޚާބުގައި އެމްޑީޕީއަށް 56 އިންސައްތައަށް ވުރެ އެންމެ ވޯޓެއް ވެސް މަދުނުވާނެ ކަމަށެވެ.
އެ ހިސާބު ދިމާނުވި ސަބަބާ ގުޅޭ ގޮތުން މިރޭ "ސަން"އާ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެ ޕާޓީއަށް ހިސާބު ޖެހުމުގައި ހެދުނު އެންމެ ބޮޑު ގޯހަކީ ވޯޓުލާން ގިނަ އަދަދެއްގެ މީހުން ނުކުންނާނެ ކަމަށް ބެލެވުން ކަމަށެވެ. އެހެންވެ، އެ ކަން ބަދަލު ކުރުމަށް ދެވަނަ ބުރެއްގައި ވީހާ ވެސް ގިނަ މީހުން ވޯޓުލާން ނެރުމަށް އިތުރަށް ސަޕޯޓަރުންނަށް ރީޗްވާން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕްރެޑިކްޝަން އެއޮތީ ގޯސްވެފައި. އެކަމުގެ މައިގަނޑު ސަބަބެއް ކަމަށް ގަބޫލު ކުރެވެނީ ވަރަށް ބޮޑު އަދަދެއް، އަޅުގަނޑުމެން އެކްސްޕެކްޓު ކުރި އަދަދު ވޯޓުލާން ނުނިކުތުން،" އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ވޯޓާސްއަށް ރީޗްއައުޓް ކުރަން. ކޮށްގެން ހަމަ އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ސެކަންޑް ރައުންޑެއްގައި އަޅުގަނޑުމެންނަށް ވިން ވާނެ ކަމަށް. އަދި މީގެ އިތުރުން މި އިންތިޚާބުގައި ބައިވެރިވި އެހެން ފަރާތްތަކާ އެކު ވެސް ވާހަކަދައްކާނަން އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރުމަށް،"
ފައްޔާޒު ވިދާޅުވީ، ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމަށް ހުރިހާ ޕާޓީތަކާ އެކު ވެސް މަޝްވަރާ ކުރައްވާނެ ކަމަށާއި އެމްޑީޕީ ފުރަތަމަ ބުރުން ފެށިގެން ވެސް އޮތީ މަޝްވަރާއަށް ހުޅުވައިލެވިފައި ކަމަށެވެ.
އެކަމަކު، އޭނާ ވިދާޅުވީ ދެވަނަ ބުރަކަށް ސީދާ ހިސާބެއް ޖަހައިލަން އަދި ނޭނގޭ ކަމަށެވެ.
"މިހާ ގިނަ ވޯޓާސް ނުލައި އޮތް އޮތުމަކީ ބަދަލު ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ. އަދި އޭގެ ވަރަށް ބޮޑު ބަޔަކީ އަޅުގަނޑުމެންނަށް ވޯޓު ލާނެ މީހުން ކަމަށް ވެސް ގަބޫލު ކުރެވޭ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަ ޑިމޮކްރެޓްސްއާ އެކު ވެސް ދެވަނަ ބުރެއްގައި އެކުގައި މަސައްކަތް ކުރަން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަކީ ހުޅުވިފައި އޮންނަ ޕާޓީއެއް ކަމަށާއި ހުރިހާ ޕާޓީތަކާ އެކު ވެސް މަސައްކަތް ކުރެއްވޭނެ ކަމަށެވެ.