މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ކާމިޔާބު ނުކުރެވި ދެވަނަ ބުރަކަށް ގޮސްފި ކަމަށް ވަރަށް ބޮޑަށް ބެލެވިއްޖެއެވެ.
ފޯރިގަދަ އިންތިޚާބުގެ ވޯޓުލުން މިއަދު 4:00 ގެ ނިޔަލަށް ކުރިއަށް ގެންދިޔައިރު، އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން ކާމިޔާބު ކުރެވޭ މިންވަރަށް ވޯޓު ހަމަ ކުރެވިފައެއް ނުވެއެވެ. އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަކަށް ދަތުރު ކުރައްވާނެ ކަމަށް ހިސާބުތަކުން ދައްކަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.
މިހާތަނަށް 365 އަށްވުރެ ގިނަ ވޯޓު ފޮށި ގުނާފައިވާއިރު، ޑރ. މުއިއްޒަށް ވަނީ 45 އިންސައްތައިގެ ތާއީދެއް ލިބިވަޑައިގެންފައެވެ. އެއީ، 53،000 ވޯޓެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 40 އިންސައްތައެވެ. އެއީ، 47،000 ވޯޓެވެ.
ވަކިވަކި ފޮށިތަކުގެ ނަތީޖާގެ ފަރަގަށް ބަލާއިރު، ބާކީ ހުރި ފޮށިތަކުން މި ނަތީޖާއަށް ބަދަލެއް އަތުވެދާނެ ކަމަކަށް ނުފެނެއެވެ. އެހެންވެ، މިހާރު މި ވަނީ އިންތިޚާބު ދެވަނަ ބުރަކަށް ދާނެކަން ވަރަށް ބޮޑަށް ކަށަވަރުވެފައެވެ.
ބާކީ ތިއްބެވި ކެންޑިޑޭޓުންނަށް ލަފާ ކުރެވުނު ވަރާ ގާތަށް ވޯޓު ހަމަ ކުރެވިފައެއް ނުވެއެވެ. އެގޮތުން، މިހާތަނަށް ގުނުނު ފޮށިތަކުން ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ ހަތް ޕަސެންޓެވެ. އުމަރު ނަސީރާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 2.8 ޕަސެންޓެވެ.
ފާރިސް މައުމޫނަށް އެއް ޕަސެންޓު ލިބިވަޑައިގެންއިރު، އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމާއި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލަށް ޕަސެންޓެއްގެ ވޯޓު ވެސް ލިބިވަޑައެއް ނުގަންނަވައެވެ.
މި އަހަރުގެ އިންތިޚާބު ވެސް ދެވަނަ ބުރަކަށް ދާނެ ކަމަށް ބެލެވިފައިވާއިރު، ދެ ކެންޑިޑޭޓުންނަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވި އިންތިޚާބެއް އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ. މިިދިޔަ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް ދެވަނަ ބުރެއް ބާއްްވަން ޖެހުނު އިރު، މިދިޔަ 2018 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަ ކުރެއްވީ ދެ ކެންޑިޑޭޓުންނެވެ.
ވަގުތީ ނަތީޖާ އިއުލާނު ކުރުން މިހާރު ވެސް ކުރިއަށް ދާއިރު، ދެވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ މި މަހު 30 ގައެވެ.