ވެރިކަމުގައި ހުންނެވި ނަމަވެސް ރިޔާސީ އިންތިޚާބުގެ މިހާ ހިސާބަށް ކުރި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ދަތިފުޅު އެތައް ނިންމެވުމެއް ނިންމަވަން ޖެހިވަޑައިގަތެވެ. ވަފާތެރިކަމާ އެކު ދައުރެއް ނިންމައިލި ހަމައެކަނި ނައިބު ރައީސް އެއްފަރާތްކޮށްފައި، ބޮޑު ރަށެއްގެ ބޭފުޅެއް އެ މަގާމަށް ގެނައުމަކީ ވެސް އެ މަނިކުފާނަށް އުނދަގޫފުޅުވި ނިންމެވުމެކެވެ.
ރަނިންމޭޓަކު އިޚްތިޔާރު ކުރެއްވުން ދަތިފުޅުވެ، އެތައް ފަހަރަކަށް މަޑު ކުރެއްވުމަށް ފަހުގައި އެންމެ ފަހު ވަގުތު ރައީސް ނިންމެވީ އައްޑުއަށް އުފަން އެ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ރަނިންމޭޓަކަށް ނަންގަވާށެވެ.
ވަފާތެރިކަމާއި ތެދުވެރިކަމަށް ސަތޭކަޔަކުން ސަތޭކައެއް ދެއްވި ނަމަވެސް އަސްލަމްގެ ސިޔާސީ ތަޖުރިބާއާއި ފުވައްމުލަކަށް ވުރެ އައްޑޫ ބޮޑުވުމާއި އެ ނޫން ވެސް އެތައް ކަމެއްގެ ސަބަބުން ފައިސަލް ނަސީމަށް ދެވަނަ ދައުރެއްގެ ރަނިންމޭޓުކަން ލިބިވަޑައިނުގަތީއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން އެކަމަކު އެ ފައިދާ ނެންގެވުނު މަންޒަރެއް ނުފެނުނެވެ.
ފުވައްމުލައް އެއްކޮށް ޕީޕީއެމަށް
މިދިޔަ 2018 ވަނަ އަހަރު ފައިސަލް ނަސީމާ އެކު ނުކުންނަވައި ރައީސް ޞާލިޙް ވަނީ ފުވައްމުލައް ސިޓީގެ މެޖޯރިޓީ ހޯއްދަވައިފައެވެ.
ނައިބު ރައީސް ފައިޞަލް ނަސީމް--- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން
އެ ފަހަރުގެ އިންތިޚާބުގައި އެ ސިޓީގެ 12 ފޮށިން އެ މަނިކުފާނު 56.6 އިންސައްތަ ކަށަވަރު ކުރެއްވިއެވެ. އެއީ، އެ އިންތިޚާބު އެ ސިޓީން ވޯޓުލުމުގެ ހައްގު ލިބުނު 7،426 މީހުންގެ ތެރެއިން ސައްހަވީ 6,919 ވޯޓުގެ ތެރެއިން 3،862 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އިދިކޮޅު ޕީޕީއެމަށް އޭރު ސަރުކާރުގައި އޮވެ، އެ ސިޓީން ލިބުނީ 2،979 ވޯޓެވެ.
މި ފަހަރުގެ އިންތިޚާބުގައި އެ ސިޓީގެ 47 އިންސައްތަ ކަށަވަރު ކުރެއްވީ އިދިކޮޅު ޕީއެންސީންނެވެ. ކުރިން 56 އިންސައްތަ ހޯދި ނަމަވެސް މި ފަހަރު ރައީސަށް ލިބިވަޑައިގަތީ 35 އިންސައްތައެވެ.
ފައިސަލް ނެތުން ގެއްލުމަކަށް
ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ވެސް ވަފާތެރިކަމާ އެކު ރައީސަކަށް ހުންނެވި ބޭފުޅަކާ މޫނުނުކެނޑި ޚިދުމަތް ކުރެއްވި އެއް ބޭފުޅަކަށް ފައިސަލް ވެލައްވާނެއެވެ.
އެ ތެދުވެރިކަމުގެ އަގެއްގެ ގޮތުގައި އެ މަނިކުފާނަށް މި ފަހަރުގެ ރަނިންމޭޓުކަން ވެސް ދެއްވާނެ ކަމަށް ފުވައްމުލަކު ރައްޔިތުން ތިބީ އުންމީދު ކޮށްގެންނެވެ.
"ފުވައްމުލަކު ރައްޔިތުން ވަރަށް ހިތުގައި ޖެހުނު ފައިޞަލްއަށް ރައީސް ހެއްދެވިގޮތުން. ކެމްޕެއިންގައި ވެސް ބައިވެރި ކުރައްވާފައި ފަހު ވަގުތު ފުރުސަތު ނުދެއްވީ. މިއީ މި ނަތީޖާ މިރަށުން ލިބުނު މައިގަނޑު ސަބަބު،" ފުވައްމުލަކުގެ ނަން ހިނގާ ބޭފުޅަކު ވިދާޅުވިއެވެ.
އެ ހުރިހާ ކަމަކާ ދެކޮޅަށް ރައީސް "އައްޑޫ އަސްލަމް" އިޚްތިޔާރު ކުރެއްވީ އައްޑޫގެ މެޖޯރިޓީ ހޯދުން ކޮންމެހެން މުހިއްމުވީމައެވެ.
މީގެ ކުރީގެ އިންތިޚާބުތަކުގައި އައްޑޫއަކީ އެމްޑީޕީގެ ކިއްލާއެކެވެ. މިދިޔަ 2018 ގެ އިންތިޚާބުގައި ވެސް ރައީސް ޞާލިޙް ވަނީ އައްޑޫގެ 67.8 އިންސައްތަ ވޯޓު ކަށަވަރު ކުރައްވައިފައެވެ.
އެކަމަކު، މި ފަހަރުގެ އިންތިޚާބުގައި އައްޑޫގެ ބޮޑު މެޖޯރިޓީ ވެސް ސަރުކާރާ ރައީސަށް ވަނީ ގެއްލިފައެވެ. ރައީސަށް މެޖޯރިޓީ ހޯއްދެވުނު ނަމަވެސް އިދިކޮޅު ޕީއެންސީން ވަނީ އެހެންޏާ ނުހޯދޭ ވަރުގެ ކާމިޔާބެއް އެ ސިޓީން ހޯދައިފައެވެ. އެހެންވެ، އައްޑޫ ރަނިންމޭޓެއް އިޚްތިޔާރު ކުރުމުގެ ފައިދާ ނެންގެވުނުތޯ އެއީ ސުވާލެކެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަވެރި ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ވުރެން ރައީސް ޞާލިޙަށް ލިބުނު ނަތީޖާ ވަރަށް ދަށެވެ. އެ ދަށް ނަތީޖާގެ ފަހަތުގައި ފުވައްމުލަކު ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. އެ ސިޓީއަށް އެހެންވި މައިގަނޑު އެއް ސަބަބެއް ކަމަށް ފެންނަނީ ނައިބު ރައީސް ފައިސަލާމެދު ކަންތައްވިގޮތެވެ.