ފުވައްމުލަކު ރައްޔިތުން ތިބީ ފައިސަލަށް ރަނިންމޭޓުކަން ލިބޭނެކަމުގެ އުންމީދުގައި!

ސެޕްޓެމްބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ރަނިން މޭޓެއްގެ ގޮތުގައި ހުންނަވާނީ ކޮން ބޭފުޅެއްތޯ އެއީ މިހާރު އުފައްދަމުން އަންނަ އެންމެ ބޮޑު ސުވާލެވެ.

ބެލެވޭ ގޮތުގައި ރައީސްގެ ރަނިން މޭޓު އިއުލާނުކުރުން އޮތީ ފުވައްމުލަކުގައި މިރޭ ބާއްވާ ކެމްޕޭން ޖަލްސާގައެވެ. މިއީ ފަހަރުގައި ރައީސްގެ އަރިހުގައި ފަސް އަހަރުގެ ދައުރެއް، ނައިބު ރައީސްކަމުގައި ފުރުައްވަމުން ގެންދަވާ މި ސިޓީއަށް ނިސްބަތްވާ ފައިސަލް ނަސީމަށް އެ މަގާމު ދެއްްވުމުގެ ގޮތުން ކުރައްވާ ކަމެއްގެ ގޮތުގައި ވެސް ވުމުގެ ފުރުސަތު އެބައޮތެވެ.

މި ސިޓީން އަޅުގަނޑު ބައްދަލުކުރާ ކޮންމެ މީހެއްގެ ގާތު ވެސް އެންމެ ފުރަތަަމަ ކުރާ ސުވާލަކީ 'ރަނިން މޭޓުކަން ފައިސަލަށް ދެއްވާނެކަމަށް ގަބޫލުކުރަންތޯ' ކުރާ ސުވާލެވެ.

ރައީސް ޞާލިޙް ފުވައްމުލަކަށް ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ/ އެމްޑީޕީ

ހަމަ ކޮންމެ މީހެއްގެ ވެސް ޖަވާބު އެއްގޮތެވެ. އެ މީހުން ބޭނުންވާ ގޮތް ވެސް ސާފެވެ.

"އަޅުގަނޑަށް ހަމަ ހީވަނީ ފައިސަލަށް ދޭނެހެން. ވަކި މި ރަށަށް ނިސްބަތްވާތީއެއް ނޫން. އެއީ ވަރަށް ވަފާތެރި މީހެއްގެ ގޮޮތުގައި އަޅުގަނޑަށް ފެންނަނީ،" މި ސިޓީން ވާހަކަދެއްކި އާންމު ރައްޔިތެއްކަމަށްވާ ފާތިމަތު ދީދީ ބުންޏެވެ.

މީގެ އިތުރުން އެހެން އާންމު ރައްޔިތެއްކަމަށްވާ މުޙައްމަދު ޝަރީފް ނަމަކަށް ކިޔާ މީހަކު ބުނި ގޮތުގައި މިއީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާނެ އެއް ކަމެވެ. އެގޮތުން ފައިސަލަކީ ރަށުގެ ރައްޔިތުންގެ އިތުބާރު ހޯދައިފައިވާ ބޭފުޅެއްކަން ފާހަގަކޮށް ޝަރީފް ބުނީ މިއީ ރައީސަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ވެސް އޭނާ ދެކޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ރަށަށް ވެސް އަދި މިހާ ތަރައްގީއެއް ނާދޭ، މި ވެރިކަމުގައި ނޫނީ. ދެން ހަމަ އިތުބާރު ހިފޭ، ސިޔާސީ ގޮތުން ވެސް އަޅުގަނޑަށް ފައިސަލް ފެންނަނީ ވަރަށް ކްލީން މީހެއްގެ ގޮތުގައި،" ޝަރީފް ބުންޏެވެ.

ރައީސް ޞާލިޙް ފުވައްމުލަކަށް ފުރާވަޑައިގަތުމަށް ފްލައިޓަށް އަރާވަޑައިގަންނަވަނީ --- ފޮޓޯ: އެމްޑީޕީ

ވާހަކަދެކެވުނު ގިނަ މީހުންގެ ރޫހު ހުރީ މި މަގުންނެވެ. ފުވައްމުލަކު ރައްޔިތުން މި ފަހަރު ވެސް ކުރާ އުންމީދަކީ ފައިސަލް ރަނިން މޭޓެއްގެ ގޮތުގައި ހަމަޖެހި، ދެން އަންނަ ފަސް އަހަރުގެ ދައުރެއް ހޯދުމަށް މަސައްކަތްކުރުމެވެ.

ނައިބު ރައީސް ފައިސަލް ވެސް މީގެ ކުރިން ވަނީ ރަނިން މޭޓަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

ފުވައްމުލަކަށް ރިޔާސީ ކެމްޕޭނަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިރޭ މި ރަށުގައި ބޮޑު ޖަލްސާ އޮންނާނެއެވެ. އަޑު ފެތުރެމުން އަންނަ ގޮތުގައި، މި ޖަލްސާގައި އެ މަނިކުފާނު ރަނިން މޭޓަކީ ކޮބައިކަން އިއުލާނުކުރައްވާނެއެވެ.

comment ކޮމެންޓް