ދިވެހި ޖުމްހޫރީ ތާރީހުގައި ނައިބު ރައީސުންނާއި ރައީސުންގެ ގުޅުން މާ ރަނގަޅެއް ނޫނެވެ. ކޮންމެ ވެސް ބޭވަފާއެއް ވެލައްވައިގެން މަގާމުން ދުރުކުރަން ޖެހެނީއެވެ. ނޫނީ ވިއްޔާ، މަގާމުގައި ހުންނަވައިގެން ރައީސާ ދެކޮޅަށް މަސައްކަތް ކުރައްވަނީއެވެ.
އެކަމަކު، މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެ ތާރީހް ބަދަލު ކޮށްލައިފައެވެ. މިއީ، ނައިބު ރައީސަކު ރައީސުލްޖުމްހޫރިއްޔާއާ އެކު ދައުރު ފުރިހަމަ ކުރާ ފުރަތަމަ ފަހަރެވެ.
އެތައް ޒަމާނެއް ވަންދެން، ރައީސުންނާއި ނައިބު ރައީސުންނާ މެދުގައި އޮތީ ފިތުނަވެރި ކަމެކެވެ. ބޭވަފާއާއި މަގާމުގައި ބަހައްޓައިގެން ޒިންމާތަކުން އެކަހެރި ކުރުމުގެ ހިތި ސަގާފަތެކެވެ. ބައެއް ނައިބު ރައީސުން ދައުރު މެދުން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެން އިރު، އަނެއްބައި ބޭފުޅުން ވެރިކަމަށް ވެސް ވަޑައިގަތެވެ. މިއީ، ހައްތަހާ ވެސް ދިވެހި ޖުމްހޫރިއްޔާ ދުށް މަންޒަރެވެ. ނުދެކި އޮތީ، ވަފާތެރި ނައިބެކެވެ.
ހައިޖާނާއި ބޭވަފާތެރި ނައިބުންގެ މާޒީއެއް
ރާއްޖޭގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުން ފަށަން ހިނގާށެވެ.
ޖެނުއަރީ 1، 1953 ގައި އުފެދުނު ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަމީނުގެ ވެރިކަން އިންގިލާބުކޮށްލީ އެ މަނިކުފާނު ސްރީ ލަންކާގައި ހުންނަވަނިކޮށް، ނައިބު ރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އިސްކޮށް ހުންނަވައިގައިގެންނެވެ.
ދުވަސްކޮޅެއް ފަހުން އަމީން ރާއްޖެ ވަޑައިގަތުމުން ދޫނިދޫގައި ބަންދުކުރީއެވެ.
ބަންދުގައި ހުންނަވަނިކޮށް ކަކާގޭ އިބްރާހިމް ހިލްމީ ދީދީގެ ރޭއްވެވުމެއްގެ މަތިން އަލުން ވެރިކަން ހޯއްދަވަން މާލެ ވަޑައިގެން އުޅުއްވަނިކޮށް ހަވަރު އެއްވެ ލާއިންސާނީ އަނިޔާ ދިނީއެވެ. އަދި، ޖެހިގެން އައި ދުވަހު އެ މަނިކުފާނުގެ މައްޗަށް ބަޣާވާތްކުރިކަން ސާބިތުވެ އުމުރަށް އަރުވާލުމަށް ލުމަށް ހުކުމްކުރިއެވެ. އެންމެ ފަހުން، ހާލު ބޮޑުވެގެން ވިހަމާނުފުށްޓަށް ގެނެސް އޮއްވައި، އަވަހާރަވީއެވެ. އެއީ، އަމީންގެ ނައިބު ރައީސް ކަންތައް ކުރެއްވި ގޮތެވެ.
އެއަށް ފަހުގައި ވެރިކަން ކުރެއްވި ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ވެސް ފަސް ނައިބު ރައީސުން އައްޔަން ކުރެއްވިއެވެ. އެއްވެސް ބޭފުޅަކަށް ރައީސް ނާސިރާ އެކު ދައުރު ފުރިހަމައެއް ނުކުރެވުނެވެ.
ޖެހިގެން އައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނައިބުންނެއް ނުތިއްބަވައެވެ. އެކަމަކު، ގާނޫނަށް ބަދަލު ގެނެސް އަނެއްކާ ވެސް ހަތެއް އޯގަސްޓު 2008 ގައި ނައިބު ރައީސުން ތިއްބަވާ ގޮތަށް ބަދަލު ކުރިއެވެ.
އެ އަހަރު ވެރިކަމަށް ވަޑައިގަތީ ރައީސް މުހައްމަދު ނަޝީދެވެ. އެ ފަހަރު އަދި މާ ހާއްސައެވެ. އެއީ، އެ މަނިކުފާނުގެ ނައިބު ރައީސެއްގެ ގޮތުގައި އައްޔަން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ސީދާ އެ މަނިކުފާނު ބޭނުންފުޅު ވެގެން އައްޔަން ކުރެއްވި ބޭފުޅެކެވެ. އެއީ، ނަޝީދުގެ 'ޗޮއިސް'އެވެ.
އެކަމަކު، އެ ފަހަރު ވެސް ނިމިދިޔައީ ހިތި ކޮށެވެ. ސަރުކާރުގައި އުފެދުނު ހަމަނުޖެހުންތަކާއި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ނަޝީދު އިސްތިއުފާ ދެއްވީއެވެ. އެ ކަން ބަލަން ހެދި ކޯނީ ރިޕޯޓުގައި ބަޣާވާތެއް ނޫނޭ އޮތަސް އަދިއަދަށް ވެސް ނަޝީދު ތުހުމަތު ކުރައްވަނީ އެއީ އެ މަނިކުފާނު ނައިބު ރައީސް ވެސް ޝާމިލުވެގެން ހިންގި "ހަރާމް ބަޣާވާތެއް" ކަމަށެވެ.
އެއަށް ފަހު، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަންތައްވީ މާ ދެރަކޮށެވެ. އެ މަނިކުފާނުގެ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވުނު އިރު، ތިން ނައިބު ރައީސުން އައްޔަން ކުރައްވަން ޖެހިވަޑައިގަތެވެ. އެއީ، ވެސް ތާރީހީ ކަމެކެވެ.
ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، އަޑީ ސަރުކާރެއް އުފައްދަން އުޅުއްވާ ކަމުގެ ތުހުމަތާ އެކު މަގާމުން ވަކި ކުރީއެވެ. އެއަށް ފަހު، ޖަމީލް އުޅުއްވީ އިދިކޮޅާ ގުޅިގެން ޔާމީންގެ ސަރުކާރު ނިމުމަކަށް ގެންނާށެވެ. ދެން ނައިބު ރައީސްގެ މަގާމަށް އިސްކުރީ، އަހުމަދު އަދީބެވެ. އެ ފަހަރު ކަންވީ އަދި މާ ހިތި ކޮށެވެ.
ނުހަނު އިތުބާރު ކުރައްވާ، ތަންމިނަށް ބާރުތައް ދެއްވިއެވެ. އެކަމަކު، ހައްޖު ދަތުރަށް ފަހު އެނބުރި މާލެ އައި ތަނާ ޔާމީން އަވަރާހަކޮށްލަން ބޮމެއް ގޮއްވާލީއެވެ. އެ މައްސަލައިގައި އެންމެ ފަހުން، އަދީބު ޖަލަށް ވެސް ލިއެވެ. ދެ ބޭފުޅުންގެ އެކުވެރިކަން ނިމިދިޔައީ ބޭވަފާތެރި ކަމުންނެވެ. އެ ދައުރުގެ ބާކީ ބައިގައި ނައިބު ރައީސްކަން ކުރެއްވީ އަބްދުﷲ ޖިހާދެވެ.
ރައީސް ޞާލިޙަށް ނަސީބެއް؟
ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވާދަކުރެއްވީ ގުޅިފައިވާ ބޮޑު އިއްތިހާދަކުންނެވެ. އެހެންވެ، އެ މަނިކުފާނުގެ ނައިބު ރައީސް އިހްތިޔާރު ކުރަން ވެސް ލިބިވަޑައެއް ނުގެންނެވިއެވެ. އެ ސްލޮޓް އޮތީ، ޖުމްހޫރީ ޕާޓީއަށެވެ. ފައިސަލް ނަސީމަށް ރަނިންމޭޓުކަށް ލިބިވަޑައިގަތީ އެ ޕާޓީގެ ކައުންސިލްގައި ނެގި ވޯޓަކުންނެވެ. ކާމިޔާބުވީ އެންމެ ވޯޓެއްގެ ހަނި ފަރަގަކުންނެވެ.
އަރައިރުން ބޮޑު ވާދައެކެވެ. އެމްޑީޕީއާއި އަދި އެ ނޫން ވެސް ކޯލިޝަން ޕާޓްނަރުންގެ ނުފޫޒާއި އެކިއެކި ހޫނުގެ ތެރެއިންނެވެ.
ރަނިންމޭޓެއްގެ ސްލޮޓު ލިބުމުން ޖޭޕީން ބޭއްވި އިންތިޚާބުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވާދަކުރެއްވިއެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ތާއީދުކުރެއްވީ އަލީ ހުސައިނަށެވެ. އެކަމަކު، ކައުންސިލުގައި ނެގި ވޯޓު، އެންމެ ވޯޓެއްގެ ތަފާތަކުން ކާމިޔާބު ކުރެއްވީ ފައިސަލް ނަސީމެވެ.
އެއީ، ރައީސް ޞާލިޙް އިހްތިޔާރު ކުރެއްވި ނައިބު ރައީސެއް ނޫނެވެ. ނުވިތާކަށް އެމްޑީޕީގެ ނިންމުމެއް ވެސް ނޫނެވެ. މާ ދުރުން ލެއްވި ނަސީބެކޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ.
ބޭވަފާއާއި ހައިޖާން ބޮޑު ނައިބުންތަކަކަށް ފަހު، މި ފަހަރު ފައިސަލް ދައުރު ފުރިހަމަ އެ ކުރަނީ ކުންޏެއް ނުޖެހިއެވެ. އަދިވެސް ހުންނެވީ ރައީސާ އެންމެ އަރިހުގައެވެ. ވަފާތެރިކަމާ އެކުގައެވެ. ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕޭނުގައި ވެސް އެންމެ އަރިހުގައި އުޅުއްވައެވެ. ސުވާލަކީ ދެވަނަ ދައުރަކަށް ރައީސް ޞާލިޙްގެ ނައިބަކަށް ވެސް ކަނޑައަޅުއްވާނީ ފައިޞަލްތޯއެވެ؟ އަދި އެ ސުވާލަށް ޖަވާބެއް ނުލިބެއެވެ.
ވަފާތެރިކަން ނޫން ގޮތެއް އިހްތިޔާރު ކުރުމުގެ ނިޔަތެއް ވެސް ފައިސަލްގެ ނެތެވެ. ހަމަ ގައިމު ވެސް، އެ މަނިކުފާނު ވާނީ، ދިވެހި ޖުމްހޫރިއްޔާ ދުށް، އެންމެ ވަފާތެރި ނައިބު ރައީސަށެވެ.